ފުޓުބޯޅަ އަކީ ވަރަށް ރީތި ކުޅިވަރެކެވެ. ހަމައާއި އެއްގޮތަށް ދަނޑުމަތީގައި ކުރިއަށްދާ ކުޅިވަރުގެ އިތުރުން، ދަނޑުބޭރުން ފެންނަ ގިނަ މަންޒަރުތަކަކީވެސް، މި ކުޅިވަރުގެ ރީތިކަމާއި ފުރިހަކަން ކިތަންމެހާވެސް ބޮޑަކަށް ހާމަވެގެންދާ ކަމެކެވެ. އެގޮތުން، މިއީވެސް އެފަދަ އެއް ކަމެކެވެ.

ޗެމްޕިއަންސް ލީގުގައި ލިވަރޕޫލް އާއި ނަޕޯލީ ބައްދަލު ކުރި މެޗުގައި ލިވަރޕޫލުގެ ތަރި، މުޙައްމަދު ސަލާހުވަނީ ލަނޑެއް ޖަހާ، މެޗުގެ ލީޑު ނަގާފައެވެ. މިކަމާ ގުޅިގެން ކުޅި ބަލަން ސްޓޭޑިއަމުގެ ތެރެއަށް ވަދެ ތިބި ޓީމުގެ ސަޕޯޓަރުން ދިޔައީ އުފާ ފާޅުކޮށް، ލަވަ ކިޔާ އަޑުގަދަ ކުރަމުންނެވެ.

މި ކަންކަމުގެ ތެރެއިން ޓީވީގެ ކެމެރާގެ ފޯކަސް އަޅައިގަތީ ލޯފަން ސަޕޯޓަރެކެވެ. އެހެން މީހުން ފަދައިން ދަނޑުގެ ހުރިހާ މަންޒަރުތައް ނޭނގުނުކަމުގައިވިޔަސް، އެއުފާވެރި ވަގުތުކޮޅު އޭނާއަށް ހަމަ ރަނގަޅަށް އިހުސާސްވެގެން ދިޔައެވެ. \

މައިކް ކިއާނީ ނަމަކަށް ކިޔާ މި މީހާއަށް، އޭނާއާއެކު ދަނޑަށް ދިޔަ އޭނާގެ ކޮއްކޮވަނީ ސަލާހުގެ ލަނޑު ޖެހި ގޮތާއި އެވަގިތުގެ އެހެން ހުރިހާ މައުލޫމާތުތަކެއް ކިޔައިދީފައެވެ. ޓީވީ އިން ދެން އެންމެ ތަފާތު މަންޒަރެއް ފެނިގެން ދިޔައީ، ކިޔައިދިން ހުރިހާ ވާހަކައެއް ފަހުމުވުމުން މައިކް އުފާ ފާޅު ކުރާ މަންޒަރެވެ. ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ، އެތައް ބައެއްގެ ސަމާލުކަންވެސް ލިބިގެން ދިޔައީ މިކަމަށެވެ.

މި މަންޒަރު ފެންނަ ވީޑިޔޯތަކާއި ފޮޓޯތައް، މީސް މީޑިޔާގައިވެސް އާއްމުވެފައިވެއެވެ.