ގއ. ވިލިނގިލީ ފަހާ ހަސަން ތައުފީގޭ ބުނުމުން އެ ހިސާބުގައި ނޭނގޭ މީހުން މަދުވާނެ އެވެ. އެހިސާބުގައި ޒަމާންތަކެއް ވަންދެން އެންމެ ވަރުގަދައަށް ފަހަމުން ދިޔަ އެކަކީ މިއީއެވެ. ސްކޫލް ޔުނީފޯމުން ފެށިގެން އެ ނޫންވެސް އެއްޗެހި އެ ޒަމާނުގައި ފެހިއެވެ. އެ މަސައްކަތް އެންމެ ގާތުން ފެނުނު އެކަކީ ދަރިފުޅު ރަޒީނާ ތައުފީގު (ރަޒީ)އެވެ. ބައްޕަގެ އެ މަސައްކަތް ކުރަމުންދިޔައިރު، ރަޒީވެސް އެކަންކަމުގައި އުޅުނެވެ. އެއިރު ރަޒީ ސްކޫލްގައި އުޅުނު ކަމުގައިވިޔަސް، ޔުނީފޯމްގެ ބެޖް އެއްޗެހި ޖެހުމުގައި އުޅުނީ ރަޒީއެވެ. އެ މަސައްކަތްކޮށްގެން އެއިރު އޭނާ އަށް އުޖޫރަވެސް ލިބުނެވެ.

ރަޒީގެ ބައްޕަ ތައުފީގްއަކީ އައްޑޫ އަތޮޅު ގަމުގައި އިނގިރޭސީންގެ ދުވަސް ވަރު އެ މީހުންނަށް ފަހާ އުޅުނު މީހެކެވެ. އެ މީހުން ދަސްކޮށްދިން ގޮތަށް އެ ސްޓައިލްގައި ފަހަނީއެވެ. އޭނާ މިކަން ކުރަނީ ވަރަށް ބޮޑަށް އެނގިގެން ކަމަށް ރަޒީ ބުންޏެވެ. މިހާރު ތައުފީގަށް 75 އަހަރުވެއްޖެއެވެ. ފެހުމާއި އަދިވެސް ދުރެއް ނުވެއެވެ. މިހާރުވެސް ގަދަ ކަންމަތީގައި ފަހާ އުޅެއެވެ. އެކަމަކު ބައްޕަ ފެށި އެ މަސައްކަތަށް ހުއްޓުމެއް ނައިސް، އެއަށްވުރެ ވަރުގަދަކޮށް، ފަރިކޮށްލީ ރަޒީއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ފެޝަން އިންޑަސްޓްރީގެ ބްރޭންޑަކަށް "ރަޒީ" ވެއްޖެއެވެ. އަމިއްލަ ފޮތި ފިހާރައެއް ހުޅުވާ، ވެޑިންގ ޑްރެސް އިން ފެށިގެން، އެތައް އެތައް ހެދުމެއްގެ ޑިޒައިން އާއި އެ ނޫންވެސް ހުރިހާ ކަމެއް މި ކުރަނީ ރަޒީގެ ބެލުމުގެ ދަށުންނެވެ. ރާއްޖޭގައި އެންމެ ނަން ހިނގާ ބްރޭންޑަކަށް ރަޒީ ވެގެން ދިޔައީވެސް، އޭނާގެ ފަރި ހެދުންތައް ފެނި، ކްލަޔަންޓުންވެސް އާޝޯހުވާ ހިސާބަށް ގޮސްގެންނެވެ.

ރަޒީގެ ބައްޕައަކީ ފެހުމުގެ ދާއިރާގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ފަރާތެއް

"ފަހަން އަސްލު ފެށުނީ ބައްޕަ ބޭނުންވެގެން ގޭތެރޭގައި އަބަދު، ކުރަންޏާމުން އެކަމުގައި އުޅެވޭނެތާ، ބައްޕައަށް އެހީވާން ވެގެން އަސްލު ފެށީ. ބައްޕަ ދެކެ ރަޒީ ވަރަށް ލޯބި ވާނެ". ރަޒީ ބުންޏެވެ.

އެގޮތުން ރަޒީ ފާހަގަކުރީ ސްކޫލްގެ ހަނދާންތަކެވެ. ގްރޭޑް ހަތެއްގައި އުޅުނުއިރު، ކޮންމެ ޔުނީފޯމަކުންވެސް ފަސް ރުފިޔާ އޭނާއަށް ލިބެއެވެ. އެއި ފަހާ ފޮށިން ޔުނީފޯމްގެ ބެޖް ޖަހައިދީގެންނެވެ. އެހާ ކުޑައިރު ބެޖް ފަދަ އެއްޗެހި ޖަހަން އޭނާ ދަސް ކުރީ ބޮޑުދައިތަ އެ މަސައްކަތް ކުރާތީއެވެ. ބޮޑުދައިތައަކީ އެކަމުގެ ކޯސް ހަދައިގެން ހުރި މީހެކެވެ. އެހެންވެ އާދައިގެ ފަހާ ފޮށިން ޔުނީފޯމްގެ ބެޖް ޖަހަން އޭނާ ދަސްކުރީ ބައްޕަމެން އެކަން ނުކުރާތީއެވެ.

ރަޒީ ބުނަނީ އޭނާގެ އެ ހުންނަނީ ބައްޕަގެ ހުނަރު ކަމަށެވެ. ރަޒީ ވަނީ ބައްޕަ އެ މަސައްކަތުގައި އުޅުނުއިރު، އެންމެ ހަނދާން ހުންނަ ކަންކަންވެސް ހިއްސާ ކޮށްފައެވެ.

މަޝްހޫރު ޑިޒައިނާ ރަޒީ ފެހުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެއިރު އެންމެ ހަނދާން ހުންނަ ކަމަކީ ސްކޫލް ސީޒަން އައީމަ ނުއެއް ނިދާނެ، ދެން ކުރީ ޒަމާނުގައި އަލި ބޭނުން ވެގެން ބޭނުން ކުރާނީ ބިގަރު. އެ ދިއްލައިގެން ވަރަށް ގަދަޔަށް ފަހާނެ، ރޭގަނޑު ހޭލާ އިންނާނީ".

އެގޮތަށް ކޮންމެ ސްކޫލް ސީޒަނެއްގައި ބައްޕަ އެގޮތަށް ފަހާ އުޅޭ ކަމަށް އޭނާ ބުންޏެވެ.

"ހަމަ ފެކްޓްރީ ސްޓައިލަށް ބައްޕަ ޔުނީފޯމް ފަހާނީވެސް".

ބައްޕަ ފަހާ އެއްޗެހީގެ ތެރެއިން ރަޒީއަށް އެންމެ ކަމުދަނީ ގަމީހެވެ. ބައްޕަ ވަރަށް ރީއްޗަށް ގަމީސް ފަހާ ކަމަށް ރަޒީ ބުންޏެވެ.

ރަޒީ އަމިއްލަ ފަހާތަނެއްވެސް މާލޭގައި ހިންގަމުންދޭ

"ވަރަށް ރީއްޗަށް ގަމީސް ފަހާނެ، ދެން ދިގުހެދުން އެއްޗެހި ފަހާނެ، ދިވެހި ލިބާސް، މަންމަ ހިރުގަތާ ކަންތައްތައް ކުރަނީ ބައްޕަ ފަހާލާނީ.". ރަޒީ ބުންޏެވެ.

ރަޒީއަށް އެންމެ ފާހަގަކުރެވޭ ކަމަކީ "ޝޭޕްއަށް" ފަހާ މީހެއްގެ ގޮތުގައެވެ. އަތޮޅު ތެރޭގެ ގިނަބަޔަކަށް ބައްޕަ ފަހާދޭއިރު، މާލޭގެ ޝާހީ މީހުންނަށްވެސް ބައްޕަ ފަހާދޭ ކަމަށް ރަޒީ ބުނެފައި ވެއެވެ.

ރަޒީ މިކަން ދަސް ކުރީ ބައްޕަ މަސައްކަތް ކުރަން އިންނައިރު ކައިރީގައި އިނދެގެން އެ މަސައްކަތް ބަލައިގެންނެވެ. އޭނާ ބުނާގޮތުން ނަމަ ބައްޕަގެ އެ މަސައްކަތްތައް އޭނާއަށް ނަގައިގަނެވެނީއެވެ. އެއާއެކު އަމިއްލަ އެއްޗެހި ފަށަންވެސް ފެށިއެވެ.

ރަޒީގެ ފެހުމުގެ އެންމެ ފުރަތަމަ މަސައްކަތަކީ ދިގު ހެދުމެއްގެ ތިރީ ބައިގެ ފަތިތައް ގުޅުވުމެވެ. އޭނާއަށް މިކަމަށް ވަރަށް ޝައުގުވެރިވެއްޖެއެވެ. މިކަން ހުއްޓާލަންވެސް ބޭނުން ނުވެއެވެ. ފެހުމުގެ ތެރެއަށް އޭނާއަށް ހިތް ޖެހެވުނު ގޮތަށް ހުއްޓުމަކަށް ނައީއެވެ.

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

އޭނާ އަމިއްލައަށް ކަނޑައިގެން ފެހި ފުރަތަމަ ހެދުމަކީ ވަރަށް ބޮޑު ބަޓަފްލައި އަތެއް ލާފައި އިން ޓޮޕެއް ކަމަށް ބުންޏެވެ. އުމުރުން ގާތްގަނޑަކަށް 13 ވަރަކަށް އަހަރުގައި އޭނާގެ ފުރަތަމަ އެ މަސައްކަތަކީ އެއީ އޭނާ ވަރަށް ހަނދާން ހުންނަ މަސައްކަތެކެވެ.

"އެއީ އަމިއްލައަށް ލާން ފެހި އެއްޗެއް، އޭތި ވަރަށް ހަނދާންވޭ. ވަރަށް ކަލާފުލް ފޮތިކޮޅަކުން ފެހީ، ކޮންމެވެސް ޕާޓީއަކަށް ދާން ވެގެން. އަހަރުމެން ބުނާ ގޮތަކަށް ބައްޕަ ފަހައެއް ނުދޭ. ހަދާ އެއްޗެއް މި މިންގަނޑަކަށް ނޫން ހަދާނީ، ކަރު ކުޑަކުރާނެ އަތް ދިގު ކުރާނެ. އެހެންވެ އަމިއްލައަށް ފެހީ، އެއިރުވެސް ރީތިކޮށް ފެޝަންކޮށް ލާން ވެގެން އޭތި ފެހީ". ރަޒީ ބުންޏެވެ.

އެ ހެދުން ފަހަން ރަޒީ ފޮތި ހޯދައިގެން ކެނޑީވެސް އަމިއްލަށެވެ. އެކަން ކުރީ އޭނާގެ އެހެން ހެދުމެއް އަޅައިގެން މިން ނަގައިގެންނެވެ.

"ގްރޭޑް 7ގައި ފަހާފައި ރަޒީއަށް ލިބުނު އަމިއްލައަށް ފައިސާވެސް.".

"މިހާރުވެސް މީހުން ބުނާނެ ކީއްކުރަން ކުރާ ބޭކާރު މަސައްކަތެއް ހެއްޔޭ، އަސްލު ބޭކާރެއް ނޫން ދޯ، އަސްލު ވަރަށް އުފާވޭ އަހަރެންނަށް އެގޮތަށް މަސައްކަތް ކުރެވޭތީ".

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

ރަޒީ ބުނާގޮތުންނަމަ އާއިލާގެ ކޮއްކޮމެންނަށްވެސް ފަހަން އެނގެއެވެ. އެކަމަކު އެ މަސައްކަތުގައި ބޮޑަށް ޝާމިލްވެ އުޅެނީ ރަޒީއެވެ. ރަޒީގެ ކޮއްކޮ އަސަދު ވެސް ޑިޒައިން އާއި ސްޓައިލް ބައިގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ރަޒީ ބުންޏެވެ. އޭނާގެ ފަރާތުން އެކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭއިރު، މަސައްކަތްތައްވެސް ވަރަށް ފުރިހަމަ ކަމަށް ރަޒީ ބުންޏެވެ.

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

ރަޒީ ރަސްމީކޮށް މި މަސައްކަތަށް ނުކުތީ "އެއްވެސް މީހަކު ތިމަންނަގެ މަސައްކަތެއް ކުރަން ނޫޅެއޭ" ބައްޕަ ކިޔާތީ އޭނާގެ ޝައުގުވެރިކަންވެސް މިކަމަށް ވަރަށް ބޮޑަށް ހުންނާތީއެވެ.

"މިނިސްޓަރެއްގެ މުސާރައޭ މިއީ، ފެހުމަށްފަހު ފުދިގެން އުޅެވޭނެ ކަމެއް ނުހުންނާނެއޭ. ކޮންމެވެސް މީހަކު ކުރަން ޖެހޭނެއޭ، ބައިވަރު ފަހާ ފޮއްޓާއި އެއްޗެހި ކިހިނެއް ހެއްޔޭ ހަދާނީ، އެކަހަލަ ވާހަކަދައްކާނެ، ވަރަށް ހިތްވަރު ދޭނެ.". އެކަހަލަ ބައްޕައެއް އެއްވެސް މީހަކަށް ނުލިބޭނެކަން ފާހަގަކުރަމުން ރަޒީ ބުންޏެވެ. އަދި ބައްޕަ އެހާ ގަދަ ކަމަށްވެސް އޭނާ ބުންޏެވެ.

ރަޒީ ރަސްމީކޮށް މި މަސައްކަތަށް ވަނީ މާލޭގައި ކުއްޔަށް އުޅުނު ގޭގައި ކުރީގެ ބަތަލާ ޖަމްޝީދާ އަހްމަދު ބުނެގެން ހެދުމެއް ފެހި ހިސާބުންނެވެ. ފިލްމެއްގެ މަސައްކަތަށް އޭނާއަށް ރަޒީ ފަހާ ދިނީ ޓޮޕެކެވެ.

"އޭނާ ބުނެގެން ހެދުމެއް ފަހަން ފެށީ، އެހިސާބުން ރައްޓެހިންނަށް އެނގުނީ ފަހާކަން، އަނެއްކާ އެހެން ގެއަކަށް ބަދަލުވިއިރުގައި ދިމާވެއްޖެ ރޯޒްއާ އޭނާއަކީ ފާހަތަނެއް ހިންގައިގެން އެކަން ކުރާ މީހެއް.".

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

މީގެ ކުރިން ނަރުހަކަށް ވާން ބޭނުންވި ރަޒީ މިކަމުގެ ތެރެއަށް ވަދެވުނު ގޮތަށް ވަރަށް ވަރުގަދައަށް މިކަން ކުރަން ފެށިއެވެ. މާލެ އައިސްވެސް ފެހުމުގެ ކަންކަމުގައި އުޅޭ މާހައުލެއްގައި އުޅެން ޖެހުމާއި، ކަމަކީ އެނގޭ ކަމަކަށް ވުމުން އޭނާވެސް ދާއިރާއިން ކުރިއަށްދާން ބޭނުންވީއެވެ. ރަޒީގެ ފިރިމީހާ މުހައްމަދު ހަސަން ވެސް ބޭނުންވީ ރަޒީ މިކަމުގެ ތެރޭގައި އުޅުމަށެވެ. އެގޮތުން ރަޒީގެ ފިރިމީހާ ރަޒީއަށް ފަހާ ތަނެއް ހުޅުވާ ކުންފުނި ރެޖިސްޓަރވެސް ކޮށްދިނެވެ. އެ ކުންފުންޏަށް 15 އަހަރު މި އަހަރު ވާނެއެވެ. އެއާއެކު ވަރުގަދައަށް ފަހަމުން ގޮސް ރާއްޖޭގައި އެންމެ ނަގާ ކިޔާލެވޭ ޑިޒައިނާ އަދި ފެހުންތެރިންގެ ތެރޭގައި ރަޒީ ހިމެނިގެން ހިނގައްޖެއެވެ. ރާއްޖޭގައި ވަރުގަދަ އަމިއްލަ ބްރޭންޑް "ރަޒީ"ގެ ނަން ފަވާލެވިއްޖެއެވެ.

ރަޒީ ކިޔާދިންގޮތުގައި އޭނާގެ ފެހުންތަކާއި ޑިޒައިންތައް އާއްމުންނަށް ބޮޑަށް އެނގިގެން ދިޔައީ ޓީވީއެމް އިން ހުޅުވާލީ ފުރުސަތެއްގައި އޭނާ ބައިވެރިވެގެންނެވެ. ފެޝަން ޑިޒައިނިންގ އަށް ޝައުގުވެރިވާ ފަރާތްތަކަށް އަމިއްލަ ޑިޒައިނިންގ ހެދުންތަކަށް ހާއްސަކޮށް އެއިރު ހުޅުވާލި "ނަވަރަންނަ" ޝޯވގައި އޭނާ ބައިވެރިވީއެވެ.

"މިސާލަކަށް ދިގުހެދުން، ދިވެހި ވަންތަ، ނޫނީ ޕާޓީ ހެދުން، ރަޒީ އޭގައި ނެގީ ޕާޓީ ހެދުން. ދެން މޮޑެލްސް ހެދުން ލާފައި ވަރަށް ސަޅިކޮށް އެ ޝޯވ ދިޔައީ. އޭގައި އާއްމުންނަށް އަސްލު ފެނުނީ. އޭތިން ދައްކާލީމަ ވަރަށް އިޝްތިހާރު ވެގެން ދިޔައީމަ.".

ކާނިވަލްގައި ބޭއްވި ޝޯވއަކަށް ހޮވިގެން އޭގައިވެސް އޭނާ މަސައްކަތް ފެށިއެވެ. އޭގެ ފަހުން މަޝްހޫރު ޑައިރެކްޓަރ ފާތުމަތު ނަހުލާ ކައިރިއަށް އޭނާ ގޮސް، ފިލްމެއްގެ މަސައްކަތަށް އޭނާއަށް ލިބޭތޯ ބެލިއެވެ. އެގޮތުން އެ ފުރުސަތު ލިބި އޭނާއަށް ފުރަތަމަ މަސައްކަތަށް ލިބުނު ފިލްމަކީ ޔޫސުފް އެވެ.

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

އަސްލު ރަޒީއަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައީ ބަތަލާ މަރިޔަމް އައްޒަގެ ފުރަތަމަ ކައިވެންޏަށް ފެހި ހެދުމާއި އެކުގައެވެ. އެއީ ބުރަ މަސައްކަތެވެ. އެތައް ބަޔަކު އާޝޯހުކޮށްލި މަސައްކަތެވެ.

މިކަމުން ރަޒީއަށް ވަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. އޭނާ މިކަން ކުރަނީވެސް އަމިއްލަ ހިތްހަމަޖެހުމަކަށެވެ.

"އެއްޗެއް ފަހާލައިގެން ބޮޑު ޕޭމެންޓެއް ލިބުނީމަ، އަސްލު އެ ހިތްހަމަޖެހުން ލިބޭ، އެހެންވެ ރަޒީ ބޭނުންވަނީ އަމިއްލައަށް ދެވެން އޮތް ވަރަކަށް މިސާލަކަށް، ރަޒީގެ ނަން ބުނީމަ ވިޔަފާރިވެރިއެއްގެ ގޮތުގައި މި ދާއިރާގައި ފާހަގަވާން".

ރަޒީ މިހާރު މި މަސައްކަތް ކުރަނީ މުވައްޒަފުން ނަގައިގެންނެވެ. އެކަމަކު ވެސް ކޮންމެ ހެދުމެއްގެވެސް މެޝަމެންޓް ނަގަނީ ރަޒީއެވެ.

"ކަޓިންގވެސް ވަރަށް ގާތުން ބަލަން، އެހެންވީމަ އެއްގޮތަކަށްވެސް ދޫކޮށްނުލަން، އެގޮތަށް މެނޭޖް ކުރެވޭ ވަރަށް ނަގަން".

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

ރަޒީ ބުނާގޮތުން ނަމަ، މަދުވެގެން 10،000 އަށްވުރެ ގިނަ މީހުންނަށް އޭނާ ވަނީ ހިދުމަތް ދެވިފައެވެ.

"މަންތްލީ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ފެހުން ފެހިފައި ހުންނާނެ މިސާލަކަށް، ދަށުން ލިބޭ މަސްތައްވެސް ދާނެ، އެކަމަކު ކޮންމެ ޑެއިލީގައި 5 ހެދުން ނޫނީ 6 ހެދުން ރަޒީމެން ނިންމަން.".

ރަޒީ މި މަސައްކަތް މިހާ ފުޅާވެގެން ދިޔައީ، ފިރިމީހާ މުހައްމަދު ހަސަންގެ ބޮޑު އެއްބާރުލުމާއި އެކުގައެވެ. އޭނާ ކުރިއަށް ދިއުމުގައި ހިތްވަރުދީ، މަގު ކޮށައިދެމުން ދަނީ ފިރިމީހާއެވެ. ރަޒީ ވަނީ މިކަމުގައި ފިރިމީހާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާ ކޮށްފައެވެ.

ރަޒީ އާއި އޭނާގެ ފިރިމީހާ

ރަޒީ އަދިވެސް އިންތިޒާރު ކުރާ ދުވަސްތަކެއް އެބަހުއްޓެވެ. އެގޮތުން ރެކޯޑް ލެވެލްގެ ހެދުމެއް ފެހުމަކީ އޭނާ ދެކެމުން އަންނަ ދުވަހެކެވެ.

"ރެކޯޑް ލެވެލްގެ ހެދުމެއް ހަދާލަން ވިސްނަން. އެކަމަކު އަދި އެކަހަލަ ފުރުސަތެއް ނުއެއް ލިބޭ، ކޮންމެވެސް ކަމަކާއި ގުޅުވައިގެންތާ މިސާލަކަށް ހެދުމެއް ފަހާލެވޭނީ، އެހެން ނޫނީ ވަރަށް ބޮޑު ބޭކާރު މަސައްކަތަކަށް ދޯ ވާނީ.".

އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އިތުރަށް މިކަން ފުޅާ ވުމެވެ. އެގޮތުން އިމްޕޯޓް އެކްސްޕޯޓް ވަރަށް ވައިޑްކޮށް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ވާ އެއްޗަކީ ރަޒީއަށް މިތަނުގައި އެއްޗެއް ފަހާފައި ނުއެއް ބޭއްވޭ. ހަމަ ބާއްވާ އިރަށް ކޮންމެވެސް މީހަކު އައިސް ގަނެލަނީ".

 

View this post on Instagram

 

A post shared by DESIGNERRAZY (@designerrazy)

އޭނާ ބޭނުންވަނީ އެތަނުން ފަހާ އެއްޗެހި ލަންކާ އަދި އިންޑިއާ ފަދަ ތަންތަނުންވެސް ލިބޭނެ ގޮތް ވުމެވެ. އަދި ޔޫރަޕްގެ ތަންތަނުންވެސް އޭނާގެ ބްރޭންޑްގައި ހެދުންތައް ލިބޭ ގޮތް ހެދުމަކީވެސް އުއްމީދެއް ކަމަށް ބުންޏެވެ.

ރަޒީގެ މަސައްކަތް ދައްކާލަން ރާއްޖެއިން ބޭރުންވެސް އޭނާއަށް ފުރުސަތު ލިބުނެވެ. އެކަމަކު ދިރިއުޅުމުގައި ހާލަތު ހުރިގޮތުން އޭނާއަށް އަދި ރާއްޖެއިން ބޭރުގައި މި މަސައްކަތް ދައްކާލަން ނުދެވެއެވެ.

ރަޒީ ރާއްޖޭގެ ބޮޑު ބްރޭންޑަކަށް ވެގެން ދިޔައިރު، އެތައް ބައެއްގެ ސަމާލުކަންވެސް އޭނާއަށް ލިބިގެން ގޮސްފައި ވެއެވެ. އޭނާގެ މަސައްކަތްތަކަށް ތައުރީފްކޮށް އެތައް ބަޔަކު ވާހަކަދައްކާއިރު، މީގެ އެއް ހެއްކަކީ އޭނާ ކައިރިއަށް އަންނަ ރެގިއުލާ ކަސްޓަމަރުން ގިނަވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުބީނު

    ޕްރިޔަންކާ އާއި ވަރަށް ވައްތަރު. ޥަރަށް މޮޅު. މާޝާ ﷲ.

    5
    19
  2. ސަލީމާ

    ދިވެހިން އެބަޖެހޭ ނޫންތޯ ކުރިސްޓިއަނުންގެ ވައްޓަފާޅިއަށް ކައިވެނީގެހަފްލާތަށް ބޭއްވުންދޫކޮއްލަން. އެއްދުވަަހަކު ބޭރު ޢައިރު މުސްލިމު ދަންނަ މީހަކާއި އެކު ހުޅުމާލޭގެ ލަކުޑި ޖެޓީ ކާރީ ހުއްޓާ އެތަނުގަ ކައިވެނި ހަފްލާއަކަށް ފޮޓޯނަގަން ތިއްބާ ފެނުނު. ފޮޓޯއަށް ހުއްޓި ހުރި އަންހެންމީހާ ހުރީ ކުރިސްޓިއަނުން ލާކަހަލަ ކައިވެނި ގައުނެއް ލައިގެން މަލުގެބޮކޭ އެއް ހިފައިގެން. އޭނާގެ ހެދުމުގެ ފަހަތުންބުރަކަށީގެ ބޮޑުބަޔެއް ހުރީ ފެންނަން. މި މަންޒަރުފެނިގަ ބޭރުމީހާ އަހަރެން ގާތު ބުނީ ކީއްވެހޭ ކަލޭމެން ރަށުމީހުން ޔޫރަޕުގެ ބޭރުމީހުންޒާތަށް އެކަން އެކުރަނީ. މިހެން ބުނީމަ ދެން އަހަންނަށް މިކަމުގަ ދޭނެ ޖަވާބެއްވެސް ނުވިސްނުން. ހަމަ ޒާތެއްގެ ލަދެއްގެ އިހުސާސްކުރެވުނީ. ދިވެހިންވެއްޖެ ނުން އިސްލާހުވާން.

    25
    3
  3. އަހުމަދު ނައީމް

    އަސްލު ވަރަށް ކޮޅު ކުއްޖެއް ! މޮޅަށް ފަހަން ދަންނަ ބައްޕައަކަށް ލިބުނު މުރާލި ދަރިއެއް! ކާމިޔާބަށް އެދެން .