ރާއްޖޭގެ ކޭކު އެޅުމުގެ ދާއިރާ އަކީ ވަރަށް ގިނަ މީހުން މަސައްކަތް ކުރާ ދާއިރާއެކެވެ. ހާއްސަކޮށް ކަނބަލުން އެ ދާއިރާގައި ގިނައެވެ. ކޭކެއް ބޭނުންވެއްޖެ ނަމަ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ހާވާލުމުން އެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ފެންނާނެއެވެ. އެގޮތަށް ލޮލުގައި އަޅައިގަތީ "ޝާޔޯޒް އެމްވީ" ކިޔާ ކޭކު އަޅާ ޕޭޖެކެވެ. އެ ޕޭޖުގައި ހުރި ފޮޓޯތަކަށް ލޯ ދަމައިގަތީ އޭނާ ތަފާތު ކަމުންނެވެ. ރާއްޖެއިން އެކަލަ ކޭކު ނުފެންނާތީއެވެ.

ޝާޔޯޒްގައި ފެންނަން ހުރި ރީތި ކޭކުތަކުގެ ފަހަތުގައި ވަނީ ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީންގެ ދަރިފުޅު އުމުރުން 39 އަހަރުގެ ޝާޔަން އަބްދުﷲ ކަމާލުއްދީ (ޝާޔޯ)އެވެ. އޭނާ ވަނީ ކޭކު އެޅުމުގެ ދާއިރާއަށް ވާސިލް ވެނުނު ގޮތުގެ ވާހަކަ "ވަގުތު މައިޒާނަށް" ކިޔައި ދީފައެވެ.

ޝާޔަން އޭނާ އަޅާފައިވާ ކޭކެއް ހިފައިގެން

ޝާޔޯ މާލޭގެ އަމީނިއްޔާ ސްކޫލުން ގްރޭޑް 10 އެއް ނިންމި ގޮތަށް ފުރަތަމަ ވަނީ ޖަމާލުއްދީން ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާ އަށެވެ. އެއަށްފަހު ގިޔާސުއްދީން ސްކޫލްގައި ވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

އެ ދާއިރާ ދޫކޮށްލުމަށް ފަހު ޝާޔޯ ދެން ބަދަލުވީ އެއާލައިން ޓިކެޓިން ދާއިރާއަށެވެ. އެ ދާއިރާގައި ވަރަށް ގިނަ ޓިކެޓިން ޓްރެއިނިންތައް ހެދި ކަމަށް ޝާޔޯ ކިޔައިދިނެވެ. އޭނާ ވަނީ ކުވެއިތު އެއާވޭސް، މެލޭޝިއަން އެއާލައިންސް، ޝްރީލަންކަން އެއާލައިންސްގައި މަސައްކަތް ކޮށްފައެވެ. އެ ދާއިރާގައި ފަސް އަހަރުވަންދެން ޝާޔޯ މަސައްކަތް ކުރިއެވެ.

ޓިކެޓިންގެ މަސައްކަތުގައި އުޅެނިކޮށް ޝާޔޯ އޭނާގެ އަލަތު ދަރިފުޅަށް ބަނޑުބޮޑުވީއެވެ. އަދި ދަރިފުޅަށް ވަގުތު ދިނުމަށް އޭނާ ވަޒީފާއިން ވަކީވިއެވެ. ވަޒީފާއަށް ނުދިޔަ ނަމަވެސް ގޭތެރޭގައި ހުރެގެން ކުރެވޭ މަސައްކަތްތައް އޭނާ ކުރަން ފެށިއެވެ.

އެގޮތުން ކެއްކުމާއި ފެހުމާއި އެކި އެކި އެއްޗެހި ހެދުމުގެ މަސައްކަތް ގޭގައި އިނދެގެން ކުރަމުން ދިޔަ ކަމަށް ޝާޔޯ ބުންޏެވެ.

ޝާޔަން އަޅާފައިވާ ކޭކެއް

އެންމެ ފުރަތަމަ ކޭކް އަޅަން ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

އެންމެ ފުރަތަމަ ބޭކް ކުރުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ އެންމެ ބޮޑު ދައްތަ ކޭކް އަޅާ ތަން ފެނުމުން ކަމަށް ޝާޔޯ ބުންޏެވެ. އޭނާގެ ދައްތަ ވަރަށް ރީތިކޮށް ކޭކު އަޅާ ކަމަށާއި އެތަން ފެނިގެން ކޭކް އެޅުމަށް ލޯބި ޖެހުނީ ކަމަށް އޭނާ ބުންޏެވެ.

ކޭކް އެޅުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމަކަށް ވުމުން ގްރޭޑް 10 ނިންމާފައި ކޭކު އެޅުމުގެ ބޭސިކް ކޯހެއް ވެސް ފުރިހަމަކޮށްފައިވާނެ ކަމަށް ޝާޔޯ ބުންޏެވެ.

ޝާޔަން އަޅާފައިވާ ކޭކެއް

އަބަދުވެސް ބޭނުންވަނީ އެހެން މީހަކު ނުކުރާ ކަމެއް ކުރަން ދަސްކުރުން ކަމަށާއި މިއަދު އެކަން ހާސިލްވެފައިވާ ކަމަށް ޝާޔޯ ބުންޏެވެ.

ވިޔަފާރިއެއްގެ ގޮތުގައި ކޭކުއަޅަށް ފެށުނީ ކިހިނެއް؟

ޝާޔޯ ބުނީ ވިޔަފާރިއެއްގެ ގޮތަށް ކޭކު އެޅުމުގެ މަސައްކަތް އޭނާ ކުރަން ފެށީ ކޮވިޑާ ގުޅިގެން ފުރަބަންދު ތެރޭގައި ކަމަށެވެ. އެންމެ ފުރަތަމަ އޭނާ ފިހަން ފެށީ ޕަންޑަން ކޭކެވެ.

"އިންޓަނެޓުން ބަލައިގެން އެ ކޭކު ހެދީ. ދެން ކޮންމެ އަކަސް އެ ކޭކު ވަރަށް މީރުވެއްޖެ ގޭގެ ހުރިހާ އެންމެންނާއި ރަހުމަތްތެރިންނަށް. ދެން އެ ކޭކު ހަދާފައި ޕަންޑަން އިން އެކި ކަހަލަ ކާ އެއްޗެހި ވެސް އެ ދުވަސްކޮޅު ހެދިން." ޝާޔޯ ބުންޏެވެ.

އިންޓަނެޓް ބަލަމުން ދަނިކޮށް އޭނާ އަށް މިރާ ގްލޭޒް ކޭކް ފެނުނީ ކަމަށާއި އެ ވައްތަރު ކޭކު ހަދާފައި ހުންނަތައް ފެނުމުން އޭތި ހަދާގޮތް ވަރަށް ބަލާހިތްވި ކަމަށް އޭނާ ބުންޏެވެ. ދެން ބަލަމުން ދަނިކޮށް މިރާ ގްލޭޒް ކޭކް އަޅާ އޮންލައިން ކޯހެއް ފެނުނީ ކަމަށް ޝާޔޯ ބުންޏެވެ. އެ ކޯސް ހެދުމަށް ފަހު އެ ވައްތަރު ކޭކު ހަދަން ފެށިއެވެ.އަދި ވެލްވެޓް ކޭކު ވެސް ފެނި އެ ވައްތަރު ކޭކުވެސް އޭނާ މިހާރު އަޅާ ކަމަށް ޝާޔޯ ބުންޏެވެ.

ޝާޔަން "ވަގުތަށް" އިންޓަވިއު ދެއްވަނީ. -ވަގުތު އިމޭޖެސް: ޖައިޝަމް އަހްމަދު

"ޕެންޑަމިކް ތެރޭގައި އޮންލައިން ކޯސްތައް ހެދީ. ދެން އެ މީހުން ކޭކު ހަދާއިރުގައި ބޭނުންކުރާ ސާމާނު މާލެއިން ހޯދަން ވަރަށް އުނދަގޫ. ހުރިހާ އެއްޗެއް ބޭރުން އޯޑަރުކޮށްގެން ގެންނަން ޖެހެނީ. ފުރަތަމަ ވަރަށް އަގުބޮޑުކޮށް އެއްޗެހި ގެނައީ. ވަރަށް އުނދަގުލުން. ބައެއް ފަހަރު ހިތަށް އަރާ މިކަމެއް ނުވާނެއޭ ފުރަތަމަ އަލަށް ހަދަން ފެށިއިރުގައި. ދެން ބޭނުންވާ ސާމާނު ގެނެސްގެން މިހާރު ހަމަ ކޭކު އަޅަމުން މި ދަނީ." ޝާޔޯ ބުންޏެވެ.

މިހާރު އަޅާ ކޭކުތަކަށް ކަސްޓަމަރުން ކީކޭ ބުނަނީ؟

ޝާޔޯ ބުނީ އޭނާ މިހާރު ހަދަނީ މިރާ ގްލޭޒް އާއި ވެލްވެޓް ކޭކު ކަމަށާއި އެއީ މޫސް ކޭކްސް ކަމަށެވެ.

ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކެއް ލިބޭ ކަމަށް ޝާޔޯ ބުންޏެވެ. ހުރިހާ އެންމެން ވެސް ކޭކު ގެންގޮސްފައި ވަރަށް އުފާވާ ކަހަލަ ރިވިއު ދޭ ކަމަށް އޭނާ ބުންޏެވެ.

" ކޭކު ވަރަށް ރީތި ވެގެން ފަޅާ ހިތް ނުވެގެން. ބައެއް މީހުން ބުނޭ ނުކެރެއޭ ފަޅާކަން. ފަޅާފައި ރަހަ ބަލާފައިވެސް ބުނަނީ ވަރަށް މީރޭ ކޭކު." ޝާޔޯ ބުންޏެވެ.

ޝާޔަން އަޅާފައިވާ ކޭކެއް

ޝާޔޯ ބުނީ އޭނާ މިހާރު އެހާ ގިނަ ކޭކް އޯޑަރުތަކެއް ނުގަނާ ކަމަށެވެ. އެއީ އެ ދެ ވައްތަރު ކޭކުއެޅުމަށް ވަރަށް ގިނަ ދުވަސް ނަގާތީއެވެ.

އެންމެ ފަސޭހައީ ކޮން ވައްތަރެއްގެ ކޭކެއް އަޅަން؟

މިރާ ގްލޭޒް އާއި ވެލްވެޓްގެ ތެރެއިން އެންމެ ފަސޭހައީ ވެލްވެޓް ކޭކް އެޅުމަށް ކަމަށް ޝާޔޯ ބުންޏެވެ. އެންމެ ގިނައިން އޯޑަރު ލިބެނީ ވެސް ވެލްވެޓް ކޭކަށެވެ. އެ ވައްތަރު ކޭކު މީހުނަށް މާ ކަމުދާ ކަމަށް ޝާޔޯ ބުންޏެވެ.

ޝާޔޯ ބުނީ އޭނާއަށް މަހެއްގެ ތެރޭގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އާމްދަނީ އެއްގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭ ކަމަށެވެ.

ޝާޔަން އަޅާފައިވާ ކޭކެއް

ޓިކެޓިން ދާއިރާގައި ހަނދާން ހުންނަ ކަމެއް؟

ޝާޔޯ ބުނީ އޭނާ ޓިކެޓިންގެ ދާއިރާގައި ވަރަށް ކުރިއަރައިގެން ދިޔަ ކަމަށެވެ. އެންމެ ފަހުން މަސައްކަތްކުރީ ޝްރީލަންކަން އެއާވޭސްގައިކަން ފާހަގަކުރަމުން ޝާޔޯ ބުނީ އެތަނުން ކެނޑެން އުޅެންފެށީމަ އެތާ މީހުންވެސް އޭނާ ވަކިވެގެން ދިއުމަށް ބޭނުންނުވި ކަމަށެވެ.

" ޓިކެޓިންގެ ވަޒީފާގައި އުޅުނުއިރުގައި ވަރަށް ހަނދާންވޭ ދާ ޓްރިޕްތައް. އެގޮތުން ޗައިނާއަށް ދިޔަ ޓްރިޕް ވަރަށް ހަނދާން ހުރޭ. ހުރިހާ އޮފީސްކުދިން ދިޔައީ." ޝާޔޯ ބުންޏެވެ.

ޝާޔަންގެ ފިރިމީހާ އާއި ދަރިފުޅު

އޮފީހުގައި ހުރިހާ އެންމެން ވެސް އުޅުނީ ވަރަށް ރަހުމަތްތެރިކޮށް އެކުއެކީގައި ކަމަށާއި އެހެން ކަމުން އެ ދުވަސްކޮޅަކީ ވަރަށް ހަނދާން ހުންނަ މަޖާ ދުވަސްވަރެއް ކަމަށް ޝާޔޯ ބުންޏެވެ.

ފެހުމުގެ ތެރެއަށް ވަދެވުނީ ކިހިނެއް؟

ޝާޔޯ ބުނީ އޭނާއަށް ފެހުމުގެ ތެރެއަށް ވަދެވުނީ މަންމަގެ ފަރާތުން ކަމަށެވެ. މަންމަ ހެދުން ފަހާތަން ފެނުމުން ފަހާ ހިތްވީ ކަމަށް ވެސް ޝާޔޯ ބުންޏެވެ.

އެގޮތުން ސްކޫލްގައި އިންޓަވަލްއަށް ދޭ ލާރި ރައްކާކޮށްގެން ހަފްތާ ބަންދުގައި ފޮތި ގަނެގެން އަމިއްލައަށް ހެދުން ފެހި ކަމަށް ވެސް ޝާޔޯ ބުންޏެވެ.

"ކޮންމެ ދުވަހަކު އިންޓަވަލްއަށް ލިބޭނެ ފަސް ރުފިޔާ. ދެން ބައެއް ދުވަސް ދުވަހު އިންޓަވަލް ނުބޮނީ. 25 ރުފިޔާއަށް ލިބޭ ދެމުށް ފޮތި. ދެން ވީކެންޑް އައީމަ ފޮތި ގަނެގެން ހެދުމެއް ފަހާލަނީ. ކޮންމެ ވީކެންޑަކު އަޅުގަނޑު ހުންނާނެ އާ ހެދުމެއް ލައިގެން." ޝާޔޯ ބުންޏެވެ.

ޝާޔަން "ވަގުތަށް" އިންޓަވިއު ދެއްވަނީ. -ވަގުތު އިމޭޖެސް: ޖައިޝަމް އަހްމަދު

ޝާޔޯ ބުނީ އޭނާއަށް ދަރިއަކު ލިބުނު ފަހުން ގޭގައި އިނދެގެން ކުޑަކުދިންގެ ހެދުމާއި ބޫޓު ވެސް ފެހި ކަމަށެވެ. އަދި ބޭގް ކަހަލަ އެއްޗެހިވެސް ފެހި ނަމަވެސް އެ މަސައްކަތް ހުއްޓާލީ މާބޮޑަށް މައިބަދައިގައި ރިއްސާތީ ކަމަށް ޝާޔޯ ކިޔައި ދިނެވެ.

ބޭކިންގައި ހަނދާން ހުންނަ ކަމެއް ކިޔާދީބަ؟

ޝާޔޯ ބުނީ ބޭކިންގެ ދާއިރާގައި އޭނާ ހަނދާން ހުންނަ އެއް ދުވަހަކީ މި ފަހުން އޭނާގެ އިންސްޕިރޭޝަން ދިނާރާ އާ ބައްދަލުވުން ކަމަށެވެ.

ދިނާރާއަކީ ޔޫކްރެއިން މީހެއް ކަމަށާއި އޭނާ މަސައްކަތް ކުރަނީ ޔޫކްރެއިންގައި ސްޓޫޑިއޯއެއް ހަދައިގެން ކަމަށް ޝާޔޯ ބުންޏެވެ. ޝާޔޯ ކޭކު އަޅަނީ ދިރާނާގެ ކޭކުތައް ބަލައިގެންނެވެ.

"އަބަދުވެސް ދިރާނާއާއި ވަރަށް ބައްދަލުކޮށްލަން ބޭނުންވޭ.ދެން އިހަށް ދުވަހަކު އަޅުގަނޑު އޮސްޓްރޭލިއާއިން ދިޔައީ ސިންގަޕޫރަށް. ދިނާރާ ސިންގަޕޫރުގައި ހުރިކަން އެނގޭތީ ދިޔައީ. ދެން އޭނައާ ބައްދަލުވެއްޖެ ވަރަށް ފަސޭހައިން." ޝާޔޯ ބުންޏެވެ.

ޝާޔަން ދިނާރާއާއި އެކު ނަގާފައިވާ ފޮޓޯއެއް

ދިނާރާއާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށް ޝާޔަން ބުންޏެވެ. އަދި ޝާޔޯގެ ކޭކުތައް ދައްކާލުމުން ދިރާނާ ވަރަށް ތައުރީފް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދާއިރާގައި ކުރިއަށް ދިއުމަށް އާއިލާގެ ފަރާތުން ކިހާވަރަކަށް އެއްބާރުލުން ލިބޭ؟

ކޭކު އެޅުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ ބޮޑު އެއް ބާރުލުމެއް ލިބެނީ ފިރިމީހާ އާއި މަންމަ އާއި ބައްޕަގެ ފަރާތުން ކަމަށް ޝާޔޯ ބުންޏެވެ. ޝާޔަން ކުރާ ހުރިހާ ކަމެއްގައި ވެސް އެ މީހުން އެއްބާރުލުންދެއެވެ. ބޭނުންވެގެން ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ފިރިމީހާ ނުބުނާ ކަމަށް އޭނާ ބުންޏެވެ.

ޝާޔަން އޭނާގެ އާއިލާގެ މެމްބަރުންނާއިއެކުގައި

" މިހާރު ކައިވެނިކޮށްގެން އުޅޭތާ 18 އަހަރު ވެއްޖެ. އެކަމު ދެ މީހުން ދަންނަތާ 25 އަހަރުވެދާނެ. ފެމިލީ ފަރާތުން ވެސް ވަރަށް ސަޕޯޓް ލިބޭ. އަދި ބައެއް ރަހުމަތްތެރިންގެ ފަރާތުން ވެސް." ޝާޔޯ ބުންޏެވެ.

މި ދާއިރާއިގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ.؟

ޝާޔޯ ބުނީ އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ބޭކަރީއެއް ހުޅުވުމަށް ކަމަށެވެ. "ޝަޔޯޒް" ގެ އައުޓްލެޓެއް ހުޅުވުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފަނެއް ކަމަށް ޝާޔޯ ބުންޏެވެ. އަދި އެ އައުޓްލެޓް އިންޓަނޭޝަނަލް ބްރޭންޑަކަށްވާ ދުވަސް ވެސް ދެކެން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"މި އަހަރުގެ ނިމުމުގެ ކުރިން ޝަޔޯޒް ބޭކަރީއެއް ހުޅުވުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންދަނީ. އަދި ބޭކް ކޮށްދެން ދަސްކޮށްދޭ ސްކޫލެއް ހިންގުމަކީ ވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް." ޝާޔޯ ބުންޏެވެ.

ޝާޔަން

ކޭކް އެޅުމުގައި ކުރިއަށްދާން ބޭނުންވާ ކުއްޖަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟

ޝާޔޯ ބުނީ މިއީ ވަރަށް ވަގުތު ނަގާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކުރުމަށް ވަރަށް ކެތްތެރިކަން ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.

" މި ކޭކްގެ އެތެރެ ރަނގަޅަށް ހެދިގެން ބޭރު ރީތި ކުރެވޭނީ. އެތެރެބައި ރަނގަޅަށް ނުހެދިއްޖެނަމަ ކޭކް މޯލްޑް އަކުން ރީތި ކޮށެއް ނުނެގޭނެ. އޭރުން ފައިނަލް ލުކް ރީއްޗެއް ނުވާނެ. ވަރަށް ކެތްތެރިކަން ބޭނުންވާނެ މި ކަމަށް." ޝާޔޯ ބުންޏެވެ.

"މި މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް ބުނެލާނީ ފޫހި ނުވެ ކެތްތެރިކަމާއެކީ މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް މިކަން ކުރެވިދާނެ"

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ماشاءالله تبارك الله

    އަސްލުގައި ވެސް ޝާޔަންގެ ކޭކްތައް ވަރަށް ރީތިވެފައި ތަފާތެވެ! މިލިޔުމުން ހިތަށް އިތުރު ހަމަޖެހުމެއް ގެނެސްދިން ކަމަކީ ޝާޔަންގެ ކައިވެނި ވެސް އުފާވެރި ވުމެވެ. ޝާޔަން އަށް ސަޕޯރޓްދޭ ރަނގަޅު ފިރިއަކާއި ލޯބި ދަރިފުޅެއް ހިމެނޭ ކާމިޔާބު ކައިވެންޏެއްގައި ދެމިހުރުމެވެ. ﷲ ޝާޔަންގެ ކައިވެނީގައި ބަރަކާތް ލައްވާށި! އާމީން. ހަމައެއާއި އެކު ލޯބިދޭ އަޅާލާ މައިންބަފައިން ތިބުމަކީ ވެސް ﷲގެ ވަރަށް ބޮޑު ރަޙުމަތެކެވެ.

    50
    4
  2. ސުރައްޔާ/ބާޑީގެ/ތޮއްޑޫ

    މަންމަ ގެ ސްމައިލް ލިބުނީ ޝާޔަން އަށް. ވަރަށް ބޮޑަށް ހިތްހެޔޮ ފާޑުޖަހާ. މާޝާ ﷲ.

    10