ހަ އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންވީރު ސިންގު އާއި ދީޕިކާ ޕަދުކޯން، ކައިވެނީގެ ގޮށް ޖަހާފައިވަނީ ދާދި ފަހުންނެވެ. މިދިޔަ މަހުގެ ތެރޭގައި އިޓަލީގައި ބޭއްވި ސިއްރު ޙަފްލާއެއްގައި އެމީހުން ކައިވެނި ކޮށްފައިވާއިރު، އެކައިވެންޏަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބިގެން ދިޔައެވެ.

ކައިވެނީގެ ފަހުން، ރަންވީރު ވަނީ އެހާ ދިގު މުއްދަތެއް ވަންދެން، ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު ސަބަބު ކިޔައިދީފައެވެ. ހަ އަހަރުގެ މުއްދަތެއްގައި، ދެ މީހުން ދުރު ނުވެ އެކުގައި އުޅުމަށްފަހު ކައިވެނީގެ ގޮށް ޖެހި ސަބަބު ކިޔައިދީފައެވެ.

ރަންވީރުގެ ކުރިއަށް އޮތް "ސިމްބާ" ފިލްމު އިޝްތިހާރު ކުރުމަށް ކުރުއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ" އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ އެކަމުގެ ސިއްރަކީ ދެ މީހުންނަކީވެސް ބެސްޓް ފްރެެންޑުންގެ ގޮތުގައި އުޅުމެވެ. ލޯބިވެރިންނަށްވުރެ ބޮޑަށް އެމީހުންނަކީ ބެސްޓް ފްރެންޑުންކަމަށް ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި ދެ މީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެގެން އުޅުނުކަމުގައިވިޔަސް، އެއަށްވުރެ ބޮޑަށް އިސްކަން ދިނީ ބެސްޓް ފްރެންޑުންގެ ގޮތުގައި އުޅުމަށެވެ. އެކަކީ އަނެކާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ "ސަޕޯޓް ސިސްޓަމް" ކަމުގައި ވުމަށެވެ.

ހަމައެހެންމެ، އެކަކަށް ލިބޭ އުފަލުގައި އެނަކާ ބައިވެރިވުމާއި، އެކުގައި ހީ ސަމާސާ ކޮށް އުޅުމަކީ އޭނާއާއި ދީޕިކާ ކޮށް އުޅުނު ކަންކަމުގައިވެސް ބުނެފައިވެއެވެ. އަދި، އެކުގައި ވަރަށް މަޖާ ކުރާކަމަށްވެސް ބުނެފައިވެއެވެ.

ރަންވީރާއި ދީޕިކާ، ލޯބީގެ ގޮތުން ގުޅިފައިވަނީ ފިލްމެއްގެ ޝޫޓިންގ އެއްގެ ތެރެއިންނެވެ.