ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގއަކީ ޕާޓީތަކަށް ގޮސް ވަރަށް މަޖާ ނަގާ މީހެކެވެ. އޭނާގެ ވަރަށް ތަފާތު އެނާޖީއެއް ޕާޓީތަކުން ފެނިގެން ދެއެވެ. އެހެންކަމުން އޭނާ ޕާޓީއަކަށް ގޮސްފިނަމަ ގިނަބަޔަކަށް ފާހަގަވާ ކަމަށް ވެއެވެ.

މިގޮތުން މި ހަފްތާ ތެރޭގައި އޭނާ ޕްރައިވެޓް ޕާޓީއަކަށް ގޮސް އެފަދަ މަޖާ ވަގުތުތަކެއް ހޭދަ ކުރިއެވެ. މީގެ ތެރެއިންވެސް ގިނަބަޔަކަށް ފާހަގަވެގެން ދިޔައީ އޭނާ ރެޕް ބޫތަށް ގޮސް ރެޕް ކުރުމުގައި އުޅުނު ގޮތެވެ. އޭނާ ރެޕް ކުރަން ފެށުމުން ތަރުހީބު ބޮޑުވެގެން ދިޔައިރު، އޭނާގެ ޕާފޯމެންސް ނިންމާލުމުން ގިނަބަޔަކު ވަނީ އޭނާ ދެކެ ލޯބިވާ ކަމަށް ބުނެ ހަޅޭވެސް ލަވައިގަނެފައެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި، އޭނާ ރެޕް ކުރަން ފަށާފައި ވަނީ ޒޯއީ އަހްތަރުގެ ގުލީ ބޯއިއަށް ފަހުގައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އޭނާ އެންމެ ފުރަތަމަ ރެޕް ކުރަން ފަށާފައި ވަނީ ލޭޑީސް ވީއެސް ރިކީ ބާލްގެ ލަވައެއް ކަމަށްވާ އާދަތް ސޭ މަޖްބޫރުއިންނެވެ.

ރަންވީރު މިހާރުވެސް ދަނީ ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އެއީ އޭނާއާ އާލިއާ ބަޓް އެކުގައި ފެނިގެންދާ ކަރަން ޖޯހަރްގެ ފިލްމް ރޮކި އައުރް ޕްރޭމް ކަހާނީގެ މަސައްކަތެވެ.