މަޝްހޫރު ހިންދީ ފްރެންޗައިޒް ފިލްމު "ޑޯން 3" ގައި އެ ފިލްމުގެ ދެ ވަނަ ބައިގައި ހަރަކާތްތެރިވި ޝާހްރުކް ޚާން ފެނިގެންނުދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ރިތޭޝް ސިދްވާނީ ބުނެފިއެވެ.

ރިތޭޝް ބުނީ ފަރްހާން އަޚްތަރު ޑައިރެކްޓް ކުރަމުންދާ މި ފިލްމުގެ ތިން ވަނަ ބައިގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

ފިލްމުގެ ޓީމުން މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާއި ބެހޭ މައުލޫމާތު ހާމަނުކުރިޔަސް، އިންޑިޔާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ފިލްމުގެ މައިގަނޑު ރޯލްއަށް އޮޑިޝަން ކުރަމުންދާ ތަރިންގެ ތެރެއިން މި ރޯލްއަށް ބަތަލު ރަންވީރް ސިންގް ހަމަޖެހިގެންދާނެ ކަމަށެވެ.

ދެހާސް ހަ ވަނަ އަހަރު ރިލީޒް ކުރި ފިލުމު ''ޑޯން'' އާއި 2011 ވަނަ އަހަރު ރިލީޒް ކުރި ފިލުމު ''ޑޯން 2'' އަކީ ބޮލީވުޑުގެ ސުޕަރ ސްޓާ ޝާހުރުކް ޚާން އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރެއިން ދެ ފިލުމެވެ.

ފަރުހާން އަޚުތަރު ޑައިރެކްޓް ކޮށްފައިވާ މި ދެ ފިލުމުގައި ޝާހުރުކް ޚާންގެ ކެރެކްޓާގެ ފުރިހަމަ ކަމާއި އެ ފިލުމުގެ ވާހަކައިގެ ފުރިހަމަ ކަމުން ''ޑޯން'' ގެ ތިންވަނަ ބަޔަށް އިންތިޒާރު ކުރާ މީހުން ވަރަށް ގިނައެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަރުހާން މިހާރު ޑޯންގެ ތިންވަނަ ބައިގެ ސްކްރިޕްޓް ލިޔެ ނިމުމަކާ ވަނީ ގާތްވެފައެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޕްލޮޓް ހާމަކުރާނެއެވެ. އޭރުން ފިލްމުގެ ޝޫޓިންތައް ފެށިގެންދާނެ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ''ޑޯން 3'' ގެ ސްކްރިޕްޓް ޝާހުރުކް ޚާނަށް ހުށަހެޅުމުން އޭނާ ވަނީ އެ ފިލުމަށް ނޫނެކޭ ބުނެ ފިލުމު ދޫކޮށްލާފައެވެ.

ޝާހުރުކް މި ފިލުމު ދޫކޮށްލާފައި ވަނީ ސްކްރިޕްޓް ކިޔުމަށް ފަހު ސްކްރިޕްޓާއި މެދު ފުރިހަމަ ޔަގީންކަން ނެތުމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ވެއެވެ.

ބޮލީވުޑުގެ މިހާރުގެ ހާލަތަށް ބަލާފައި ރަނގަޅު ސްކްރިޕްޓަކާއެކު ނޫނީ ފިލުމު ފަށަން ބޭނުން ނުވާ ކަމަށް ވެސް ޝާހުރުކް ބުނެފައިވެއެވެ.