ނޭވާލުމަކީ އަޅުގަނޑުމެންގެ ހަށިގަނޑުން ކުރާ އެންމެ މުޙިއްމު އެއް މަސައްކަތެވެ. އޮކްސިޖަން އަކީ ދިރިހުރުމަށްޓަކައި ބޭނުންވާ އެންމެ މުޙިއްމު މާއްދާއެވެ. އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބޭކަމުގައިވާނަމަ ސިކުނޑީގެ ހުރިހާ މަސައްކަތްތަކަށްވެސް ހުއްޓުން އަރާނެއެވެ.

ހަށިގަނޑަށް އެންމެ މުޙިއްމު ކަންތައްކަމުގައިވާ ނޭވާ ލައިގެން ބަރުދަން ލުއިވެސް ކޮށްލެވިދާނެއެވެ. އެތައް ބަޔަކު އެކަމެއް ކުރަން ބޭނުންވާ، ބަރުދަން ލުއިކޮށްލަން ކުރަން ޖެހޭކަމަކީވެސް ނޭވާލުމުގެ ކަސްރަތުތަކެއް ކޮށްލުމެވެ.

އެގޮތުން، މި ކަސްރަތުތައް، އޮށޯވެ އޮވެގެންނާއި، އިށީނދެ އިނދެގެން އަދި ކޮޅަށް ހުރެގެންވެސް ކުރެވިދާނެއެވެ.

އޮށޯވެ އޮވެގެން ކުރާކަމުގައިވާނަމަ ތެދަށް އޮތް ތަނެއްގައު އޮށޯތުމަށްފަހު ކަކޫ ލަންބާލަން ޖެހެއެވެ. އަދި އެއް އަތް މޭމަތޫގައި އަދި އަނެއް އަތް ބަނޑުމަތީގައި ބާއްވަން ޖެހޭނެއެވެ. އިށީނދެނަމަ ރަނގަޅަށް ތަނެއްގައި ބުރަކަށި ޖައްސާލައިގެން އިންނާށެވެ. ކޮޅަށް ހުންނަމަ ދެ ފައި ހުންނަންވާނީ ކުޑަކޮށް ދުރުކޮށްލާފައެވެ. އަދި ކުޑަކޮށް ކަކޫ ލަންބާލުމަށްފަހު ބުރަކަށި ތެދަށް ބަހައްޓަން ޖެހޭނެއެވެ.

މި ގޮތްގޮތަށް ނޭވާލުމުގެ ކަސްރަތު ކުރާއިރު، އިންހޭލް ކުރުން ނުވަތަ އެތެރެއަށް ނޭވާލާން ފަށަން ޖެހޭނީ ބަނޑުންނެވެ. ބަނޑު ފުއްޕާލައިގެން މިކަން ކުރަން ޖެހޭއިރު، އިންހޭލް ކުރުމުގެ ތެރެއިން ކޮނޑު ހިއްލައިގެން ނުވާނެއެވެ. އެހެންނަމަވެސް، ކޮނޑަށް މާ ބާރުލައިގެންވެސް ނުވާނެއެވެ. ބޭރަށް ނޭވާލާއިރު ނުވަތަ އެކްސްހޭލް ކުރާއިރުވެސް ކަންތައް ކުރަން ޖެހޭނީ ހަމަ މި ބީދައިންނެވެ.

މިކަންކަމުގެ ތެރެއިން ބައެއް ކަންކަމަށް ސަމާލުކަންވެސް ދޭން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ މާ އަވަސްއަވަހަށް ނޭވާލާން ފެށުމަކީ ރަނގަޅުކަމެއް ނޫނެވެ. އަވަސް މިން އިތުރުކުރަމުން ގެންދަން ޖެހޭނީ މިކަން ކުރުމަށް މީހާ ފަރިތަވަމުންދާ މިންވަރާ އެއްވަރަށެވެ.

މިފަދަ ޑީޕް ބްރީތިންގ އެކްސައިސައިޒް ތަކަކީ ބަރުދަން ލުއިކުރުމަށް މިހާ ފައިދާހުރި ކަންކަމަށްވަނީ، އެކަމުގެ ސަބަބުން ނުވަތަ އޮކްސިޖަންގެ ސަބަބުން ހަށިގަނޑުގެ ހަކަތައިގެ މިންވަރު އިތުރުވެގެންދާތީއެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގެ ސަބަބުން މެޓަބޮލިޒަމް ރޭޓް އަވަސްވެ، ކެލޮރީތައް އަންދާ މިންވަރު އަވަސްކޮށްދޭނެއެވެ.