މި މަހުގެ ކުރީކޮޅު ކައިވެނި ލޮށްފައިވާ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޮނާސްގެ ކައިވެނީގެ އުފަލުގައި އިންޑިޔާގައި ކުރިއަށް ގެންދިޔަ ޕާޓީތައް ނިމިފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އޭގެތެރޭގައި އެކި ފަރާތްތަކަށް އެކި ފެންވަރުގައި، އެކި ތަންތަނުގައި ދިން ޕާޓީތައް ހިމެނެއެވެ.

އިންޑިޔާގައި ކައިވެނީގެ ޕާޓީތަކެއް ބޭއްވުމަށްފަހު އެމެރިކާގެ ލޮސް އެންޖަލިސްގައިވެސް ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ވަރަށް ބޮޑުކޮށް ބާއްވާ މި ޕާޓީ އޮންނާނީ އަންނަ ޖަނަވަރީ މަހުގެ ފަހު ހަފްތާގެ ތެރޭގައެވެ.

ޕްރިޔަންކާގެ ފަރާތުން ބުނެފައިވާ ގޮތުގައި ދެ ތަރިން ސްވިޓްޒަލެންޑުގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު ޕްރިޔަންކާ ދާނީ ފިލްމެއްގެ މަސައްކަތްތައް ކުރަން މުމްބާއީ އަށެވެ. "ދަ ސްކައި އިސް ދަ ޕިންކް" ގެ މަސައްކަތުގެ ތެރެއިން ބައެއް ކުރުމަށް ޕްރިޔަންކާ އެމެރިކާ އަށް ނިކްގެ ކައިރިއަށް ދާނީ ޖަނަވަރީ މަހުގެ ފަހު ހަފްތާގައެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ޕާޓީ ކުރިއަށްދާނީ ހުޅަނގުގެ ގޮތްގަނޑާ އެއްގޮތަށެވެ.

ޕާޓީގައި ބައިވެރިވުމަށް މިހާރުވެސް ބައެއް ތަރިންނަށް ވަނީ ދައުވަތު ދީފައެވެ. އެގޮތުން ހޮލީވުޑުގައި މަސައްކަތް ކުރާ މަޝްހޫރު ފަރާތްތަކާއި އެނޫންވެސް އެމެރިކާގެ އެހެން މަޝްހޫރު ފަރާތްތައް ހިމެނެއެވެ. އެގޮތުން ޑްވޭން ދަ ރޮކް ޖޯންސަން، އެލެން ޑިޖެނާސް ހިމެނެއެވެ.

ހަމައެހެންމެ، އިނގިރޭސި ޝާހީ އާއިލާގެ މޭގަން މާކެލްވެސް މި ޕާޓީގައި ބައިވެރިވާއިރު ޕްރިޔަންކާގެ ކޮއްކޮ ޕަރިނިތީ ޗޯޕްރާވެސް ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިކް

    ދެއްކުންތެރިކަން.. ޤައުމުގަ ތިބި ފަޤީރުންނަށް އެއްޗެއް ދިއްކޮއްލަން ލަދު ގަންނަނީ އުތަ؟