މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ތަގްސް އޮފް ހިންދޮސްތާން" ގެ ޝޫޓިންގައި އަމީތާބު ބައްޗަން އަށް އަނިޔާވެއްޖެއެވެ.

ޝޫޓިންގެ ތެރޭގައި އަމީތާބަށް އަނިޔާވެފައިވާކަން އޭނާގެ އަންހެނުން، ޖާޔާ ބައްޗަންވަނީ ކަށަވަރުކޮށްދީފައެވެ.

ޖާޔާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އަމީތާބަށް އަނިޔާވެފައިވަނީ ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ބަރު ކޮސްޓިއުމްތަކެއް އަޅަން ޖެހޭތީކަމަށެވެ. ބައެއް މަންޒަރުތައް ނެގުމަށް ވަރަށް ދަން ވަންދެން ނުނިދާ ހުންނަން ޖެހޭތީ އޭނާގެ ޞިއްހަތަށް ވެސް އަސަރުކޮށްފައިވާކަމަށް، މަޖިލީހުގެ މެންބަރުކަންވެސް ކުރާ ޖާޔާ ބުނެފައިވެއެވެ.

އަމީތާބުގެ އަންހެނުން އިތުރަށް ބުނެފައިވަނީ އަނިޔާވުމުގެ ސަބަބުން އޭނާގެ ފިރިމީހާގެ ކަރުގަޔާއި ބުރަކަށީގައި ދަނީ ރިއްސަމުންނެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޝޫޓިން ކުރިއަށް ގެންދާ ސަރަޙައްދަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ގޮސް ދަނީ އަމީތާބުގެ ފަރުވާގެ ކަންކަން ފުރިހަމަ ކުރަމުންނެވެ. މި ފިލްމު ޝޫޓުކުރަނީ ތާރީޚީ ބުރިޖެއްގައެވެ.

ތަގްސް އޮފް ހިންދޮސްތާން ގައި އަމީތާބުގެ އިތުރަށް އާމިރު ޚާން، ކެޓްރީނާ ކައިފް އަދި ފާތިމަތު ސަނާ ޝެއިޚްވެސް ހަރަކާތްތެރިވެއެވެ.