މިދިޔަ ހަފްތާ ތެރޭގައި އަލިފާން ފަރުބަދައެެއް ގޮވުމުގެ ސަބަބުން އިންޒާރަކާ ނުލާ އިންޑޮނޭޝިއާއަށް އެރި ސުނާމީގައި ހާލުގައި ޖެހުނު ގިނަ އަދަދެއްގެ ވެލާ ސަލާމަތް ކޮށްފިއެވެ.

ބާރުގަދަ ސުނާމީގެ ރާޅާއެކު ގާތްގަނޑަކަށް 30 ވެލާ ވަނީ އިންޑޮނޭޝިޔާގެ ބަޓެންގެ ގޮނޑުދޮށަށް ލައްވެފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ވެލާ ސަލާމަތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަމުންނެވެ.

ލައްވެފައިވާ ވެލާތަކުގެ ތެރޭގައި ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ގްރީން ޓާޓަލް ވެސް ހިމެނެވެ. މިހާތަނަށް 20 ވެލާ ކަނޑަށް ދޫކޮށްފައިވާއިރު މިއިން ކޮންމެ ވެލައެއްގެ ބަރުދަނުގައި 180 ކިލޯ ގްރާމު ހުރެއެވެ.

އަލިފާން ފަރުބަދައެއް ގޮވާ އިންޑޮނޭޝިޔާ އަށް އެރި ސުނާމީގައި މިހާތަނަށް 429 މީހުން މަރުވެފައިވާއިރު ސުނާމީގައި މަރުވި މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ހާހަކަށްވުރެ ގިނަ މީހުންނަށް ދަނީ އެކިއެކި އަނިޔާތަކަށް ފަރުވާ ދެމުންނެވެ.

ސުނާމީގައި އެތަކެއް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، ކޯސްޓަލް އޭރިއާތައް ކަމަށްވާ ދެކުނު ސުމަޓްރާއާއި ޖާވާގެ ހުރިހާ ގެތަކެއްހެން ވަނީ ބިމާ ހަމަވެފައެވެ.

އިންޑޮނޭޝިއާ އަށް ސުނާމީ އެރީ އަލިފާން ފަރުބަދައެއް ގޮވާ ކަނޑު އަޑިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ގެއްލުން ބޮޑު ސުނާމީތަކެއް އަދިވެސް އެރުމުގެ ފުރުސަތު އޮތުމުން އާންމުން އައްސޭރިފަށަށް ނުދިއުމަށް އިންޑޮނޭޝިއާ ސަރުކާރުން ދަނީ އަންގަމުންނެވެ.

ސުނާމީގެ އަސަރު ކުރި މީހުންގެ ތެރޭގައި ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރަން އިންޑޮނޭޝިއާ އަށް ގޮސް ތިބި ފަތުރުވެރިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު