ގަދައަށް ރުޅި އައުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މައްސަލައެކެވެ. އަންނަ ރުޅީގެ ސަބަބުން މީހުންނަށް ޖިސްމާނީ ގޮތުން ގެއްލުން ދެވުމާއި، ތަކެއްޗަށް ގެއްލުން ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް، ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ކުޑަކޮށް ރުޅި އައުމަކީ މައްސަލައެއް ނޫނެވެ.

އެފަރާތްތަކުން ވަނީ ކުޑަކޮށް ރުޅިއައުމަކީ ފައިދާހުރި ކަމެއްކަމަށް ބަޔާންވެސް ކޮށްފައެވެ.

ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި ރުޅި އައިސްފައި ހުންނަކަމުގައިވާނަމަ، އެއްވެސް ހުރަހެއް ނެތި ތިމާގެ ހިތުގައި އޮންނަ އެއްޗެއް ބަންޑުން ކުރެވޭނެއެވެ. އަދި މީހާގެ ހިތުގައި އޮންނަ އިހުސާސްތައް، އެއްވެސް އުނިއިތުރަކާ ނުލައި އަނެކާއަށް ބަޔާން ކުރެވޭނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ހަމައެހެންމެ، ކުޑަ ކުޑަކޮށް ރުޅިއަންނަކަމުގައިވާނަމަ ކޮންމެވެސް ވަރަކަށް ސްޓްރެސްއާ ދުރުވުމަށްވެސް މަގުފަހިވާނެކަމަށް ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. އެއީ ހިތުގައި އެއްޗެހިތަކެއް ފޮރުވާފައި ނުބަހައްޓާތީކަމަށްވެސް ބުންޏެވެ.

ކުޑަކޮށް ރުޅި އަންނަކަމުގައިވާނަމަ އެހެން މީހެއްގެ ބާރުގެ ދަށަށް ތިމާ ދިއުމުގެ ފުރުޞަތު ކުޑައެވެ. ތަފާތުކުރުމާއި، އަނިޔާގެ ޝިކާރައަކަށްވުންވެސް މިކަމުގެ ސަބަބުން ކުޑަކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. ހަމައެހެންމެ، އުނދަގޫ ހާލަތްތައް ބަރުދާސްތު ކުރުމަށްވެސް އެކަމުން ފަސޭހަވާނޭކަމަށްވެއެވެ.

ޤަބޫލު ނުކުރެވުނުކަމުގައިވިޔަސް، ރުޅީގެ ސަބަބުން އަނެކާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާކަމަށްވެސްވެއެވެ. އެގޮތުން، ދެ މީހުންގެ މެދުގައި ހުންނަ ކަންތައްތައް ފޮރުވާފައި ބެހެއްޓުމުގެ ބަދަލުގައި އެކަންކަން ބަންޑުންކޮށްލާނަމަ، އަނެކާއަށް ކުރާ އިތުބާރު ބޮޑުވެގެންދެއެވެ. ސަބަބަކީ އެއްވެސް ކަމެއް ފޮރުވާފައި ނެތްކަމުގެ އިހުސާސް ކުރެވުމެވެ.