ޝާހީ އާއިލާގެ އެންމެ މުޙިއްމު އެއް މެންބަރުކަމުގައިވާ ޕްރިންސް ވިލިއަމްގެ އަންހެނުން، ކޭޓް މިޑްލްޓަން އަނެއްކާވެސް ބަލިވެ އިންކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނަން ފަށައިފިއެވެ.

އިނގިރޭސި ޝާހީ އާއިލާގެ ބައެއް ފޭނުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކޭޓް ބަލިވެ އިންއިރު، މި އަހަރުގެ ތެރޭގައި އޭނާ ވިހާނެއެވެ.

މިއީ އަސްލެއްކަމުގައިވާނަމަ، މި ކުއްޖާ ވާނީ ވިލިއަމް އާއި ކޭޓް އަށް ލިބޭ ހަތަރު ވަނަ ދަރިފުޅަށެވެ. ކުރިން އެމީހުންނަށް ލިބިފައިވާ ކުދިންނަކީ ޕްރިންސް ޖޯޖް، ޕްރިންސަސް ޝާލޮޓް އަދި ޕްރިންސް ލުއިސް އެވެ.

މީގެކުރިންވެސް ކޭޓް ހަތަރު ދަރިން ބޭނުންވާކަމުގެ އަޑުތަކެއް އަރާފައިވެއެވެ. އެއީ، ޝާހީ އާއިލާގެ އެންމެ މަތީ މަޤާމުގައި ހުންނެވި ކުއީން އެލިޒަބެތު ވެސް ހަތަރު ދަރިން ހޯއްދަވާފައިވާތީ، އެމަގުން ކޭޓްވެސް ހިނގަން ބޭނުންވާތީއެވެ.

ޝާހީ އާއިލާ އިން އެންމެ ފަހުން ކައިވެނި ކުރި ޕްރިންސް ހޭރީ އާއި މޭގަން މާކެލް އަށްވެސް މިހާރު ކުއްޖަކު ލިބެން އުޅޭއިރު، އެ ދެ ފަރާތަށްވެސް ދަނީ މީޑިޔާގެ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ.

ބައެއް ފަރާތްތަކުން މި ވާހަކަ ދައްކަމުން ދިޔަ ކަމުގައިވިޔަސް ކޭޓް އާއި ވިލިއަމްގެ ފަރާތުން މިކަން އަދި ކަށަވަރު ކޮށްދީފައި ނުވެއެވެ.