އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްރުތައް އެނގޭ ކަމަށް ބުނި ބަލްގޭރިއާގެ މޮޑެލްއެއް ކަމަށްވާ އެނަޓޭސިއާ ވަޝުކްވިޗް ރަޝިއާ އިން ހައްޔަރުކޮށްފިއެވެ.

ނަޓީޔާ ރެބްކާގެ ނަން ވެސް ބޭނުން ކުރާ ޒުވާން މޮޑެލް ހައްޔަރު ކުރީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އެއާޕޯޓުން ބުރާސްފަތި ދުވަހު އެވެ. އޭނާ އަކީ ޖިންސީ ގުޅުން ހިންގުމުގެ ކޯހެއް ތައިލެންޑްގައި ހިންގައިގެން ދާދިފަހުން އެގައުމުން ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ.

ނަޓީޔާ މީގެ ކުރިން މީޑިއާގައި ބުނެފައި ވަނީ ޓްރަމްޕް ވެރިކަމަށް ގެންނަން ރަޝިއާ އިން އެހީތެރިވިކަމުގެ ފުރިހަމަ ހެކި އޭނާ އަތުގައި އެބަހުއްޓެވެ. ނަމަވެސް އެހެކިތަކުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ނަޓިޔާ ހައްޔަރު ކުރީ ޓްރަމްޕް އާއި ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިއާގެ ބައެއް ލޯކަލް ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ ހަށިވިއްކާ މީހުންގެ ވިޔަފާރި ކުރާތީއެވެ. ނަޓިޔާގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އިއްޔެ މޮސްކޯ އެއާޕޯޓުން ހައްޔަރު ކުރިކަމަށް ވެއެވެ.

ޓްރަމްޕްގެ ސިއްރުތައް އެނގޭ ކަމަށް ނަޓިޔާ ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އެއީ ސަމާލުކަން ހޯދުމުގެ ބޭނުމުގައި އޭނާ ދައްކާ ވާހަކައެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު 2016 ވަނަ އަހަރު ޓްރަމްޕް ކާމިޔާބު ކުރީ ރަޝިއާގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށް އެމެރިކާގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެތުހުމަތުތައް ބަލަން މިހާރު ވަނީ ކޮމިޝަނެއް ވެސް އުފައްދާފައެވެ.