އެއްވެސް ދެމީހަކު ކައިވެނި ކުރަނީ ވަރިވާކަށް ނޫނެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ކައިވެނި ކުރަނީ އުފަލާއި ހިތްހަމަޖެހުމަށެވެ. އުފަލާއި ހިތްހަމަޖެހުން ނުލިބޭނަމަ އެއްވެސް ކައިވެންޏެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ދުވަހަކު ހިތާމަ ކުރަން ޖެހޭނަމަ އަވަހަށް ކައިވެނި ނިންމާލުން އެއީ އެންމެ ރަނގަޅު ގޮތެވެ.

އަހަރެން މިކިޔައި ދެނީ ކައިވެނި ސަލާމަތް ކުރަން އިތުރު މަސައްކަތެއް ނުކޮށް ތިކައިވެނި ނިމުމަކަށް ގެންނަން ޖެހޭ ސަބަބުތަކެވެ.

ރައްކާތެރިކަން އިހްސާސް ނުކުރެވުން

ހަޔާތުގައި ބައިވެރިޔާގެ ފަރާތުން ރައްކާތެރިކަން އިހްސާސް ނުކުރޭނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ކައިވެނި ރޫޅާލުމެވެ. ދަރިން ލިބިފައި ތިބި ނަމަވެސް އެދަރިންގެ ރައްކާތެރިކަމަށްޓަކައި އަދި ތިބާގެ ރައްކާތެރިކަމަށްޓަކައި އަނިޔާވެރި ބައިވެރިޔާގެ ކިބައިން ސަލާމަތް ވާން ޖެހެއެވެ.

ބޭވަފާތެރިވުން

ހަޔާތުގައި ބައިވެރިޔާ އަށް ބޭވަފާތެރިވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ބޭނުން ނެއްނަމަ އޮތީ ދޫކޮށްލާފައި އެހެން މަގެއް އިހްތިޔާރު ކުރުމެވެ. އެމަގު އިހްތިޔާރުނުކޮށް ސިއްރުން ލޯބިވެރިޔަކު ގެންގުޅޭނަމަ ކޮންމެ މީހަކު ކުރިނަމަވެސް އެކުރަނީ ގޯސް ކަމެކެވެ. އެފަދަ މީހަކާއި އެކު ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އެތައް އުފަލަކުން މަހްރޫމްވެ މުޅި އުމުރު މީހާ ނަފްސާނީ ބަލިމަޑުކަމެއްގައި އުޅެން ޖެހިދާނެ ކަމެކެވެ.

އެއްވެސް ކަމަކަށް އެއްބަސްނުވުން

ދެމަފިރިންގެ ދިރިއުޅުން ކުރިއަށް ގެންދެވެނީ އެކަކު އަނެކަކާއި މަޝްވަރާކޮށް ދެމީހުން ބޭނުންވާ ގޮތައް ކަންތައްތައް ކުރެވިގެންނެވެ. ނަމަވެސް ތިބާ ހުށަހަޅާ ކޮންމެ ކަމަކާއި ހަޔާތުގައި ބައިވެރިޔާ ދެކޮޅު ހަދާނަމަ ތިގުޅުމުގެ މުސްތަގުބަލެއް ނެތެވެ.

އެއްވެސް ކަމެއް ހިއްސާ ނުކުރުން

އެއްވެސް ކަމެއް ބައިވެރިޔާ އާއި ހިއްސާނުކޮށް، ކައިވެންޏަކީ ހަމައެކަނި އަދާކުރާ ވަޒީފާއަކަށް ބަދަލު ވެގެން ދިއުމުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެއެވެ. އެކުގައި ކެއުން، އެކުގައި ނިދުން ފިޔަވައި ދެން އިތުރަށް ކުރާނެ ކަމެއް ތިދެމީހުން ދިރިއުޅުމުގައި ނެތް ނަމަ އަހަރެންގެ ނަސޭހަތަކީ އެހެން ދިރިއުޅުމެއް އަވަހަށް ހޯދާށެވެ.

އެކަނި ހުރިހާ މަސައްކަތެއް ނުކުރުން

ކައިވެންޏަކީ ދެމީހުން އެކުގައި ކުރާ ދަތުރެކެވެ. ނަމަވެސް އެދަތުރުގައި ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އެކަކު ކަމަށްވުން ބައެއް ފަހަރު މިއީ ތަޖުރިބާ ކުރަން ޖެހޭ ކަމެކެވެ. އާމްދަނީ ހޯދަން ޖެހުނަސް، ގޭގައި މަސައްކަތެއް ކުރަން ޖެހުނަސް އެކަން ކުރަން ޖެހެނީ އެންމެ މީހެކެވެ. ބައިވެރިޔާ ކުރަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. އެހެންކަމަށް ވާނަމަ އަނެއްކާވެސް އޮތީ އެހެން ގޮތެއް ހޯދުމެވެ.

ފަށަމުން ވެސް ބުނި ފަދައިން ދިރިއުޅެނީ އުފަލާއި ހިތްހަމަޖެހުން ހޯދާށެވެ. އުފަލާއި ހިތްހަމަޖެހުން ނުލިބޭނަމަ އޮތީ ވަކިވުމެވެ.