ރާނބާ ފަތަކީ ޒަމާނުންސުރެ، ކެއްކުމުގައި ދިވެހިން ބޭނުން ކުރާ އެއްޗެކެވެ. ކެއިން ބުއިމުގެ ބާވަތްތަކުގެ ރަހަ ހެޔޮވަރުކުރުމަށް ރާނބާ ފަތް ބޭނުންކުރާއިރު، އެއީ ރާއްޖޭގެ ރަށްތަކުގެ ގޭބިސީތަކުގައި ގިނަ އަދަދަކަށް ހައްދާ އުޅޭ އެއްޗެކެވެ. ކުރިން އެނގިފައި ނުވިކަމުގައިވިޔަސް، ރާނބާ ފަތަކީ އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ގިނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ.

އެހެންކަމުން، ރާނބާ ފަތުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ލިބޭ ފައިދާތަކަށް އަލިއަޅުވާލާނަމެވެ،

ބޮޑުކަމުދިޔުމަށް ފަސޭހަކޮށްދޭ

ބޮޑުކަމުދިޔުމަށް އުނދަގޫވާނަމަ ނުވަތަ ކޮންސްޓިޕޭޝަންގެ އުނދަގޫ ތަހަންމަލު ކުރަމުންދާނަމަ، އެކަމަށް ތަސައްލީއެއް ހޯދުމަށް ރާނބާ ފަތް ބޭނުން ކުރެވިދާނެއެވެ. ރާނބާ ފަތު ޖޫސް ނުވަތަ ސަޔަކީ މިކަމަށް އޮތް ހައްލެކެވެ. ހަމައެހެންމެ، ހަޖަމު ކުރުމުގެ އެހެން އުނދަގޫތަކަށްވެސް، ރާނބާފަތުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކާހިތްނުވުމަށް ހައްލެއް

އެކި ބަލި ބަލީގެ ސަބަބުން ކާހިތް ކެނޑުމަކީ ވަރަށް ގިނަ ފަރާތްތަކަށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ބަލީގެ ސަބަބުންވާ އުނދަގޫތަކުގެ އިތުރުން އެހެން އުނދަގޫތަކާވެސް ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، މިކމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީވެސް ރާނބާފަތު ޖޫސް ނުވަތަ ސައެވެ.

ރާނބާފަތު ޖޫސް

ހަކަތަ އިތުރުކޮށްދޭ

ބަލިވުމުގެ ސަބަބުން ކާހިތްނުވުމަށް ހައްލު ހޯދައިދިނުމުގެ އިތުރުން، ބަލިވުމުގެ ސަބަބުން ގެއްލޭ ހަކަތަ އަލުން ހޯދައިދިނުމަށްވެސް މިއީ ރަނގަޅު އެއްޗެކެވެ. ރާނބާފަތު ޖޫހާއި ސައިގެ ސަބަބުން މިކަމަށްވެސް އެހީވެދޭއިރު، ވިހައިގެން އޮންނަ އަންހެނުންނަށް، ވިހެއުމުގެ ސަބަބުން ގެއްލުނު ހަކަތަ ހޯދަންވެސް މިއީ ރަނގަޅު އެއްޗެއްކަމަށް މާހިރުން ބުނެއެވެ.

ހުމަށްވެސް ރަނގަޅު

ހުން އައިސްގެން އުޅޭނަމަ، ހުން މަޑުކުރުމަށްވެސް ރާނބާ ފަތަކީ ރަނގަޅު އެއްޗެކެވެ.

ޑެންޑްރަފް އަށް އޮތް ހައްލެއް

ޑެންޑްރަފް އަކީ ގިނަ ބައެއްގެ އިސްތަށިގަނޑަށް ދިމާވެފައިވާ މައްސަލައެކެވެ. އެހެންކަމުން، ބޮލަށް ދިމާވެފައިވާ މި މައްސަލައަށް ހައްލެއްގެ ގޮތުން، ބޮލުގައި ރާނބާފަތު ދިޔަ ހޭކުމަކީ ރަނގަޅުކަމެއްކަމަށް ބައެއް މާހިރުން ބުނެއެވެ.

މި ނޫނަސް، މިފަދަ އެތައް ފައިދާއެއް ރާނބާފަތުގެ ސަބަބުން ހަށިގަނޑަށް ލިބޭކަމަށް ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.