ފަހަކަށް އައިސް ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ މަޝްހޫރުވި ނަމަކީ މުހައްމަދު ސަލާހުގެ ނަމެވެ. މިސްރުގެ ތަރި ސަލާހަކީ މިހާރު ދުނިޔޭގައި އެންމެ ގަދަ ކުޅުންތެރިންގެ ލިސްޓުންވެސް ޖާގަ ހޯދާ ހުނަރުވެރި ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަންގައި ސަލާހް ވަނީ ޖުމްލަ 44 ގޯލް ޖަހައިފައެވެ. ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ސަލާހް ދަތުރުކޮށްފައިވާ އިރު، މިސްރުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ގޮސް، ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ދެ ގޯލް ޖަހައިފައެވެ. އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސަލާހުގެ މަޝްހޫރު ކަމާއެކު އޭނާގެ ހުރިހާ ކަމެއް ބަލާ މީހުންވެސް މިހާރު އުޅެދާނެއެވެ.

ހާއްސަކޮށް ސަޕޯޓަރުން އެންމެ ބޮޑަށް ބަލާ ކަމަކީ ކުޅުންތެރިޔެއްގެ ސްޓައިލެވެ. ބޮލުގެ ހެއާ ސްޓައިލާއި ތުނބުޅިއެވެ. އެކަންކަމަކީ ފުޓުބޯޅައިގެ ހުނަރުގެ އިތުރުން ކުޅުންތެރިން މަޝްހޫރުވުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާ ކަންކަމެވެ.

ސަލާހް ފާހަގަކޮށްލެވެނީ އާންމުކޮށް ބޮޑު ތުނބުޅިއަކާއެކު ބުޅި އިސްތަށިގަނޑެއްގައި ފެންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަދު އޭނާގެ މީސްމީޑިއާގައި ހިއްސާކުރި ފޮޓޯއިން ތުނބުޅި ގެއްލިއްޖެއެވެ. މުޅި މީހާގެ ސަފަ އެއްކޮށް ބަދަލުކޮށްލި ކަހަލައެވެ.

ސަޕޯޓަރުންގެ މެދުގައިވެސް އެކަމަށް ބޮޑު ސަމާލުކަމެއް އައިސްފައިވާ އިރު، ޓްވީޓްތަކުން ބުނަމުން ދަނީ އެކިއެކި ވާހަކަތަކެވެ. ސަލާހްގެ ތުނބުޅި ނެތި އޭނާއަށް ގޯލް ޖެހުން ހުއްޓުނީ ކަމަށް ބައެއް މީހުން ބުނާ އިރު، ތުނބުޅި ނެތުމުން ސަލާހްގެ ސިފައަށް ފާޑުކިޔާ މީހުންވެސް އެބައުޅެއެވެ.

ކޮންމެއަކަސް ސަލާހްގެ ތުނބުޅިއާ ނުލާ ފެންނާނެ ފުރަތަމަ މެޗަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރާނެއެވެ.