އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސުޖޯއީ ޖޯޝް ނެރޭ ފިލްމު "ބަދްލާ"ގެ ފުރަތަމަ ލަވަ ނެރެފިއެވެ.

ލީޑު ރޯލުން އަމީތާބް ބައްޗަނާއި ތާޕްސީ ޕަންނޫ ފެނިގެންދާ މިފިލްމުގެ ލަވައިގެ ނަމަކީ "ކިޔުން ރައްބާ" އެވެ. އަރްމާން މަލިކް ކިޔާފައިވާ ލަވައިން ފިލްމުގެ ބައެއް މަންޒަރުތައް ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެލަވަ ރީތިވެފައެވެ.

އެފިލްމުގެ ޓްރެއިލާ ވެސް ވަނީ ދާދި ފަހުން ބެލުންތެރިން އަށް ދައްކާލާފައެވެ. ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ މީހެއްގެ މަރުގެ މައްސަލާގައި ތާޕްސީ ބެދި، އެކަމުން ސަލާމަތް ކުރަން އަމީތާބު ކުރާ މަސައްކަތެވެ.

އެގޮތުން ތާފްސީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ތާފްސީ ހައްޔަރު ކުރާއިރު އޭނާ އެފިރިހެން ކުއްޖާ ދެކެ ލޯބިވޭތޯ އަމީތާބު ކުރި ސުވާލުގައި ތާޕްސީ ވަނީ އޭނާ ލޯބި ވަނީ ހަމައެކަނި އޭނާގެ ދަރިފުޅާއި ފިރިމީހާ ދެކެ ކަމަށް ބުނެފައެވެ.

ބަދަލު ހިފުމަށް ކަމެއްގެ ހަގީގަތް ހޯދުމަށް ތާޕްސީ ކުރާ މަސައްކަތްތައް ޓްރައިލާ އިން ފެނިގެންދާއިރު އޭނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. އަދި މިފިލްމުގެ ޓްރެއިލާ އަށާއި ލަވައަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން އެވެ.

މީގެކުރިން ވެސް ތާފްސީ އާއި އަމީތާބު އެކުގައި ވަނީ ފިލްމަކުން ފެނިފައެވެ. "ޕިންކް" ގައި ދެމީހުން އެކުގައި ފެނިގެންދިޔައިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.