"ސަންދީފް އޯރް ޕިންކީ ފަރާރް" ރިލީޒްކުރާ ތާރީހަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެނައުމަށްފަހު އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

މި ފިލްމަކީ މިދިޔަ އަހަރު އޮގަސްޓް މަހު ރިލީޒް ކުރާ ގޮތަށް ތާވަލް ކުރެވުނު ފިލްމެކެވެ. ނަމަވެސް ފިލްމު އަޅުވާ ތާރީހަށް ބަދަލު ގެނެސް އަންނަ މަހުގެ އެއްވަނަ ދުވަހު ފިލްމު އަޅުވާ ގޮތަށް ހަމަޖެއްސުމަށް ފަހު އެކަން އިއުލާން ކުރިއެވެ. އަނެއްކާވެސް އިތުރު ބަދަލަކާއެކު ޖޫން މަހު ފިލްމު އަޅުވާ ގޮތަށް ވަނީ ފައިނަލް ކޮށްފައެވެ.

މި ފިލްމު ރިލީޒް ކުރާ ތާރިހު ބަދަލު ކުރި ސަބަބާއި ބެހޭ ގޮތުން ފިލްމްގެ ޕްރޮޑަކްޝަން ޓީމުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އުމްރީ ޖުވެކަރްގެ ސްކްރީންޕްލޭ އަކަށް އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާ އެވެ.

އަރުޖުން އާއި ޕަރިނީތީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފައިވާއިރު އެދެތަރިން އެކުގައި އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ނަމަސްތޭ އިންގްލެންޑް" އިންނެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ "ކޭސަރީ" އިން ޕަރިނީތީ ފެންނާނެއިރު، އޭނާ އަށް ވަނީ "ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، އޭގެ ލީޑު ރީލު ވެސް ހުށަހަޅާފައެވެ.