ލޯތްބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ވަރަށް ގާތް އެކުވެރިއެކެވެ. ވަރަށް ޅަ އުމުރުން ފެށިގެން ލޯބީގެ ގޮތުން މީހުންނާއި ގުޅިގެން އުޅޭ ކުދިންގެ އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. އާންމު ނަމުން ބުނާ ނަމަ " ބިޓުން " ނުގެންގުޅޭ މީހަކު މަދުވާނެއެވެ. ކުއްޖަކާއި ރައްޓެހިވެގެން އުޅުމަށް ފަހު ލޯބީގެ ގުޅުން ނިމުމަކަށް އަންނަ ހިސާބަކީ ތަސައްވަރުވެސް ނުކޮށްލެވޭފަދަ އަމަލުތަކެއް ދެ ބައިވެރިންގެ ފަރާތުންވެސް ފެނިގެންދާނެ ދުވަސްވަރެވެ. އެގޮތުން ލޯބިވެރިޔާއާއި ވަކިވުމުން ވަރަށް ގިނަ ފަހަރަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ.

ލޯބިވެރިޔާ އާއި ވަކިވުމުން އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދެނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. އެއީ:

ލޯބިވާކަން އަންގައިދިނުމުގެ ގޮތުން

ލޯބިވެރިޔާއާއި ވަކިވުމުން އަމިއްލަ ނަފްސަށް ގެއްލުންދެވޭ މައިގަނޑު ސަބަބަކީ ލޯބިވެރިޔާ ދެކެ ލޯބިވާކަން ސާބިތުކޮށްދިނުމެވެ. އަދި ލޯބިވެރިޔާގެ ލޯބި ހޯދުމަށް ކޮންމެ ފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.

ޑިޕްރެޝަން، ދެރަ ނުވަތަ ހިތާމަ

ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ވަކިވުމުން ޑިޕްރެޝަން އަށް ދިޔުމަކީ އާންމު ކަމެކެވެ. މާ ބޮޑަށް އެ ކަމާއި ވިސްނައި ކަންކަން ކުރަން ފޫހިވެއެވެ. އަދި އެކަނި އުޅުމަށް ލޯބިކުރެއެވެ. ޑިޕްރެޝަން އަށް މީހާ ދިޔުމުން އެންމެ އިސްކަމެއް ދެވޭ އެއް ކަމަކީ އަމިއްލަ ނަފްސު ކުށްވެރިކުރުމެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާވެރިވުމެވެ. ޑިޕްރެޝަންގެ ސަބަބުން އެތަށް ބަޔަކު މަރުވެފައިވާއިރު ޑިޕްރެޝަން އަކީ މުސްތަގުބަލުގައި ދުނިޔޭން އެންމެ ގިނައިން މީހުން މަރުވާނެ ސަބަބު ކަމުގައި ސައިންސްވެރިން ބުނެއެވެ.

އީމާންތެރިކަން ބަލިކަށިވުން

އީމާންތެރިކަން ބަލިކަށިވުމަކީ ވެސް އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ސަބަބެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކު ވަކިވުމަކީ އެކަމާއި މެދު ކަރުނަ އަޅަން ޖެހޭ ކަމެއް ނޫނެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދޭން ޖެހޭ ކަމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ރަގަނޅު ބައިވެރިއަކު ދެއްވުން އެދި މާތް ﷲ ހަސްރަތުގައި ދުޢާ ކުރެވިދާނެއެވެ. އަދި ނަމާދާއި އެނޫންވެސް ހެޔޮކަންކަން ކުރުމުގައި ދެމިހުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު