އަލަށް އިންތިޚާބުވި އާ ސަރުކާރަށް ސަތޭކައެއްހައި ދުވަސް ވެގެން ދާއިރު، އާ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ "އެކްޓިވް" އެންމެ ހިންގުންތެރި އެއް ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވެގެން ގޮސްފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތް ނަހުލާ އެވެ. އެކަމަނާ ވަނީ މަޤާމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަފާތު ދައްކަވައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މަޤާމުގެ މަސްއޫލިއްޔަތުތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެކަމަނާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އިތުރުންވެސް އެކަމަނާގެ މިޒާޖާއި އެކަމަނާ ގެންގުޅުއްވާ "ސްޓައިލް" ގިނަ ބަޔަކަށް ވަނީ ފާހަގަ ކުރެވިގެން ގޮސްފައެވެ.

އެގޮތުން އުފަން ރަށްކަމުގައިވާ ހއ. ހޯރަފުއްޓަށް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގައި އެކަމަނާގެ މަންމާފުޅުގެ ކޮލަށް ބޮސްދެއްވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވެގެން ގޮސްފައިވާއިރު، އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. ސިޔާސީ ބޭނުމެއްގައި އެއްބަޔަކު އެއީ "ޖޯކަކަށް" ހަދައި މަލާމާތުގެ ބަސްތައް ރައްދުކުރަމުން ދިޔައިރު، އެންމެ ގިނަ ބަޔަކަށް އެ މަންޒަރު ވެގެން ދިޔައީ ރީތި، ނަލަ މަންޒަރަކަށެވެ. މަންމާފުޅަށް އެކަމަނާގެ ހިތުގެ އެންމެ ފުންމިނުން ދެވިފައި އޮތް ލޯތްބާއި ކުލުނު ކުލަވެގެންދާ އެ ފޮޓޯ އިން ފެނުނު މަންޒަރަކީ ނަމޫނާ މަންޒަރެކެވެ.

މިނިސްޓަރ އައިޝާ ހޯރަފުއްޓަށް ވަޑައިގެން މަންމާފުޅުގެ ކޮލަށް ބޮސްދެއްވަނީ - ފޮޓޯ: މީސްމީޑިއާ

ދަރިއަކާއި މަންމައަކާއި ދެމެދު އޮންނަ އެންމެ ފުން ލޯބީގެ މިސާލަކަށް ވެގެންދިޔަ އެ ވަގުތުކޮޅުވީ އިންތިހާއަށް "އިމޯޝަނަލް" ވަގުތުކޮޅަކަށެވެ. ހޯރަފުއްޓަށް އައިޝާ ފައިބައިވަޑައިގެންނެވުމުން އުފާވެރިކަމުގެ ކަރުނަ އަޅާ ހާލުގައި ހަދީޖާ އިބްރާހީމް އޭނާގެ ލޯބިވާ ދަރިފުޅާއި ބައްދާލި މަންޒަރު ވެފައިވީ އެތައް ބައެއްގެ ހިތްތަކާއި ކުޅެލި މަންޒަރަކަށެވެ. ކޮލަށް ބޮސްދެއްވި ވަގުތު ރޮވޭތީ ދެވަނަ ފަހަރަށް މަންމާފުޅުގެ ނިއްކުރިއަށް އެކަމަނާ ބޮސްދެއްވީ ލޯތްބާއި ކުލުނާ އެކުއެވެ. އައިޝާ އެދުވަހު ވިދާޅުވީ، އެކަމަނާ ހޯރަފުއްޓަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ބާރުއެޅުއްވީ މަންމާފުޅު ކަމަށާއި އެކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރ އައިޝާއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބައެއް ސިޔާސީ ދެކޮޅުވެރި ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެގެނެ ގޮސްފައިވީނަމަވެސް، އެކަމަނާއަކީ ހިތްތިރި ކަނބަލެކެވެ. އެގޮތުން މީގެ ކުރިން ފެނިގެންދިޔަ އެންމެ އުނދަގޫ، ސިޔާސީ ގޮތުން އެންމެ ހޫނު ދުވަސްތަކުގައި ގިނަ ބައެއްގެ އަމާޒަކަށް އެކަމަނާ ހެއްދެވި ދަނޑިވަޅުގައިވެސް އެކަންކަމަށް އެކަމަނާ ރައްދު ދެއްވީ ފިނި ހިތަކާއެކު ފާޑުކިއުންތަކަށް މަރުޙަބާ ވިދާޅުވަމުންނެވެ.

އައިޝާގެ ނަޒަރުގައި ކޮންމެ ކަމެއްގައިވެސް، ޚާއްސަ ގޮތެއްގައި ސިޔާސީ ހޫނު ގޮނޑިއެއްގައި ހުންނަވައިގެން އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ފާޑުކިއުން ހުންނާނެއެވެ. ނަމަވެސް އެ ފާޑުކިއުންތަކުގައި "ޕޮޒިޓިވް އާއި ނެގެޓިވް" ހުންނާނެ ކަމަށް އެކަމަނާ ޤަބޫލުފުޅުކުރައްވައެވެ. އޭގެތެރޭގައި ހުންނަ "ނެގެޓިވް" ކަންކަމާއި ކުރިމަތިލާން ވާނީ ހިއްވަރާއި އެކު ކެރިގެން ކަމަށް އައިޝާ ދެކިލައްވައެވެ.

ސިޔާސީ ދެކޮޅުވެރި ކަމެއްގައި ކިތަންމެ ގިނަ ހުރަސްތަކެއް ގިރާކުރާން ޖެހިވަޑައިގެންނެވި ނަމަވެސް، ވަޑައިގަންނަވާނީ ކުރިޔަށްކަން އައިޝާ ވަނީ ސާބިތުކޮށްދެއްވާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި، އާ ސަރުކާރުން ހާސިލްކުރުމަށް އަމާޒުހިފާފައިވާ ގިނަ ކަންކަން އެންމެ ފުރަތަމަ ކުލަޖައްސަވާދެއްވާ، ރޭހުން އެއްވަނަ ހޯއްދެވީ ވެސް އެކަމަނާއެކެވެ. މީގެ ކުރިން މާބޮޑު އަޑެއްބަޑެއް ނެތް ޓްރާންސްޕޯޓް މިނިސްޓްރީ "މެކުހަށް" ޖައްސަވައިދެއްވާ އެ މިނިސްޓްރީ "ހިންގާލީ" އެކަމަނާއެވެ. އެހެންކަމުން އައިޝާ ވެވަޑައިގެންފައި ވަނީ ޒިންމާ އަދާކުރުމުގައި އާއި އަޅުއްވާ ކޮންމެ ފިޔަވަޅެއްގައިމެ ނަމޫނާ ދެއްކެވި، އަދި ނަމޫނާ ދައްކަވާ ނަމޫނާ ކަނބަލަކަށްކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުކި

    ރަނގަޅަށް ވިއްޔާ ސޭޓު އަނހެނުން ހިފަހައްޓާ ބަންދުކޮށްގެން ކަންނޭންގެ ފިރިމީހާ ގެނގުޅުނީ.

    34
    12
  2. ދޮންބެ

    ޔާމީނު އޮންނަންޖެހޭނީ ޖަލުގައި ކަމަށް މީނާ ބުނި ދުވަހުން ފެށިގެން އަހަރެންގެ އިހުތިރާމު މީނާއަށް ގެއްލިއްޖެ. ކުރިން ހީކުރީ މި ނަހުލާއަކީ ހިތްހެޔޮ ހުލްގުހެޔޮ އަންހެނެއްކަމަށް. ސަތޭކައަކުން ހަމަ ސުމެއް.

    63
    54
  3. ޯަަްއރ

    ޓުރާންސްޕޯޓް ކައުންޓަރު ރަނގަޅު ކުރަންފެނޭ

    11
    6
  4. Anonymous

    ރަނގަޅު. ބަނޑުއަޅާވިހޭ މައިމީހާއަށް އިޚްތިރާމް ކުރުމާ ހެޔޮފޯރުވުމަކީ ދެދުނިޔޭގެ ނަސީބު ﷲ ގެ ހަޒްރަތުން އޮހި އޮހި ހުންނާނެ ކަމެއް.

    52
    1
  5. ޡްނަ

    ޢަހަރެންވެސް ކޮންމެ ދުވަހަކު ހެން މަންމަ ކޮލަށް ބޮސްދޭން