އެޗްބީއޯއިން ދައްކަމުންދާ ދުނިޔޭގެ އެއްމެ ގިނަ ބަޔަކު ބަލާ ސީރީޒްތަކުގެ ތެރޭގައި ހިމެނޭ، "ގޭމް އޮފް ތްރޯންސް" އިން މަޤުބޫލުކަން ހޯދި ލީނާ ހީޑޭއި ނުވަތަ ގިނަ ބަޔަކު އެ ސީރީޒް އިން ދަންނަ "ސާސީ ލެނިސްޓަރ"، ސީރީޒްގެ އެންމެ ފަހު ސީޒަން، ސީޒަން 8 ގެ ޕްރީމިއާއިން ނުފެނުމުން ވަރަށް ގިނަ ބަޔަކު އެ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެކަން ހިނގާދިޔަ ގޮތް ސާސީ މިހާރު ވަނީ ފޭނުންނަށް ސާފުކޮށްދީފައެވެ.

އުމުރުން 45 އަހަރުގެ ސާސީ ބުނެފައި ވަނީ އޭނާއަށް ގޭމް އޮފް ތްރޯންސްގެ އަށް ވަނަ ސީޒަންގެ ޕްރިމިއާގައި ބައިވެރިނުވެވުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ޕްރިމިއާގައި ބައިވެރި ވެވޭވަރަށް ވުރެ ބަލި ހާލަތު ގޯސްވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ސާސީ އޭނާގެ ސެލްފީއެއް އާންމުކޮށް ބުނެފައި ވަނީ، ނިއުޔޯކުގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ޕްރިމިއާ ހަފްލާއަށް ދިއުމަށް ބަލި ހާލަތު ތަން ނުދިނުމުން އެކަމާއި "ހިތް ފަޅައިގެންދާވަރު" ވެއްޖެ ކަމަށެވެ. އަދި ބަލިވުމަކީ އޭނާ ވަރަށް ރުޅި އަންނަ ކަމެއް ކަމަށް ބުނެ އެކަމާއި ގުޅޭގޮތުން އޭނާ ވަނީ ހިތްހަމަނުޖެހުމުގެ ޝުޢޫރު ފާޅުކޮށްފައެވެ.

ގޭމް އޮފް ތްރޯންސްގެ 8 ވަނަ ސީޒަންގެ ފުރަތަމ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައި ވަނީ މި ހިނގާ އޭޕްރިލް މަހުގެ 14 ދުވަހުއެވެ. މި ސިލްސިލާގެ ފަހު ސީޒަން ހަ އެޕިސޯޑާ އެކު ނިންމައިލާނީ މެއި 19 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ސިލްސިލާ ބިނާ ކުރާނީ "ގޭމް އޮފް ތުރޯންސް" ގެ ވާހަކަ ވެސް ގެނެސް ދިން ޖޯޖް އާރްއާރް މާޓިންގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" އަށެވެ. މި ސީރީޒްގެ ސީޒަން 8 ގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އެސްޖޭ ކްލާކްސަން އެވެ. އެތައް އެވޯޑެއް ހާސިލްކޮށްފައިވާ "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނުގައި ޖުމްލަ 67 އެޕިސޯޑް ގެނެސްދިނެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު އެއް ސީރީޒްކަން ފާހަގަކޮށްލެވެއެވެ.