ފުރާވަރުގެ ދުވަސްތައް ގުނަމުން ދިޔަ ޝިފުޒާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. އޭނާގެ މުޅި ދިރިއުޅުން ވަނީ ހިމޭންވެފައެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ހިތުގެ ތެރޭގައި ދައުރުވަމުން ދިޔައީ ހިތާމައާއި ނުތަނަވަސްކަމެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. ހަޔާތުގައި އެއްވެސް އުފަލެއް ލިބުނު ހަނދާނެއް ވެސް ޝިފުޒާގެ ހިތުގެ ތެރޭގައި ނެތެވެ. މުޅި ދިރިއުޅުން ވަނީ ހިތާމައިގެ ދަންތުރައެއްގައި ހައްޔަރުވެފައެވެ. ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތުތަކެއް ވެސް ޝިފުޒާ ހޭދަކުރަމުން ގެންދިޔައީ އޭނާގެ ގޭގައެވެ. ގިނަ ވަގުތު ކޮޓަރީގައެވެ. ޝިފުޒާގެ މަންމަ ސަމީރާ ވަނީ ޝިފުޒާ ގެއިން ބޭރަށް ނިކުތުން ވެސް މަނާކޮށްފައެވެ.

އާދައިގެ މަތިން ޝިފުޒާ އޮތީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮށޯވެލައިގެންނެވެ. ބޯދަށުގައި އޮތް ބާލިސް މަޑުމަޑުން ތެމެމުން ދާކަމުގެ އިޙުސާސްވުމާއި އެކު ޝިފުޒާ އެނދުމަތިން ތެދުވިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓި އޭނާގެ މޫނު ބަލައިލިއެވެ. އޭރު ޝިފުޒާގެ ލޮލުން ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައެވެ. މިއީ އަބަދުވެސް ޝިފުޒާގެ ހާލެވެ. ލޮލުން ކަރުނަ ހުސްވާ ހަމަ އެންމެ ވަގުތު ކޮޅެއްވެސް ނާދެއެވެ. ހިތާމަކޮށްކޮށް ޝިފުޒާގެ ހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. ރޭދުވާ މަގުން ޝިފުޒާގެ ހިތާއި ހަށިގަނޑަށް އެތައް ވޭނެއް ލިބެއެވެ. އެތަކެއް ބޮޑެތި ތަދުތަކެއް އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ތަހައްމަލު ކުރަން ޝިފުޒާގެ ޟަމީރު އޭނާއަށް ވަނީ މަޖުބޫރު ކުރުވާފައެވެ. ޝިފުޒާއަށް ކުއްލިއަކަށް ތެޅިގަނެވުނީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ.

"ކާކަށް ދައްކަންތަ ތި ރޮނީ؟ ކާކުތަ ކަލޭގެ ހިތާމަތައް ބަލަން ހުރީ؟ އަދި އެބަ ލޮލުން ކަރުނަ އޮއްސައިގެން މާ މައުސޫމު ފާޑަށް ބަލަން އެބަ ހުއްޓޭ." ޝިފުޒާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމާއި އެކު ރުޅިއައިސްފައި ހުރެ ސަމީރާ ވާހަކަދެއްކިއެވެ.

"މަންމާ! މަގޭ ކުށަކީ ކޮބާ؟ ތިވަރަށް މަންމަ ރުޅި އަންނަން! އުމުރުން 17 އަހަރު މިވަނީ! މަންމަގެ އަނިޔާ މަ ތަހައްމަލު ކުރަމުންދާތާ! މަންމާ! ތިހެން ނުހަދާ.... ވަރަށް ތަދުވޭ މަށަށް..... މަށަށް އަޅާލާ މަންމާ.... ހެޔޮނުވާނެ." ޝިފުޒާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެެ. ހިތަށް ވަރަށް ހިތި އަސަރުކޮށް ހިތްދަތި ގޮތަކަށް ޝިފުޒާ ރޮމުން ދިޔައިރު ސަމީރާގެ މޫނުމަތި ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކުން ކެކި އުތުރެމުންނެވެ.

"އަޅާލާށޭ! ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮށްލީ. މަ ރޮއި އާދޭސް ކުރި އިރު ކަލޭ ކޮބާ؟ މަގޭ އަތުން ކަލޭ މަރުނުވާކަމަށް ޓަކައި ކަލޭ ޝުކުރު ކުރޭ." ވަރަށް ބާރަށް ދޮރު ޖަަހަމުން ސަމީރާ ކޮޓަރިން ނިކުތެވެ.

ސަމީރާ ދެއްކި ވާހަކައިން ޝިފުޒާގެ ހިތަށް މާ ފުން ހިތްދަތި އަސަރެއް ކުރިއެވެ.

"މި ވޭނީ ދިރިއުޅުމަށް ވުރެ މަގޭ މަންމަގެ އަތުން މަ މަރުވުން ވެސް މާ ރަނގަޅު. އެކަމު މަށެއް މަގޭ މަންމައަކަށް ދެރައެއް ނުދެން. މަންމަ މަދެކެ އެހާ ނަފުރަތުކޮށް އެހާ އަނިޔާ ދޭ ސަބަބެއް މަށަކަށް ނޭނގެ." އަމިއްލަ ނަފުސާއި ވާހަކަ ދައްކައި، ރޮމުން ޝިފުޒާ ދިޔައެވެ. ކުއްލިއަކަށް ޝިފުޒާގެ ނަޒަރު ކޮޓަރީގައި ހަރުކޮށްފައި ހުރި ގަޑިއަށް އަމާޒުވިއެވެ.

"ރޭގަނޑު 10 ޖެހީ!" ޝިފުޒާގެ ހިތް ތެޅޭ ގޮތްވިއެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ތެޅިތެޅި އޮތް ހިތަކާއި އެކު ޝިފުޒާ އެނދުމަތީގައި އޮށޯވެލިއެވެ. މިރޭވެސް ޝިފުޒާގެ ހަޔާތައް ބިރުވެރިކަން އަންނާނެ ކަން އެނގިހުރެއެވެ. ދޮރު ތަޅުލިޔަސް އެއްވެސް ހިމާޔަތެއް ނެތްކަން ވެސް ޝިފުޒާއަށް އެނގެއެވެ. ކުއްލިއަކަށް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ބާލިސް ގަޔާލައި ބާރަށް ގުޅަކޮށްލަމުން ޝިފުޒާ އެނދުމަތީގައި އޮތީ އިތުރަށް ދެއްކޭނެ އެއްވެސް ގަދައެއް ނެތީމައެވެ. ކޮޓަރި ތެރެއަށް ވަދެގެން އައީ ޖާނުން ވަރުގަދަ ދެބައި އުމުރުގެ މީހެކެވެ. ޝިފުޒާ ބިރުގަންނަ ގޮތްވިއެވެ. މޭޖެހޭ ގޮތްވިއެވެ.

"ނޫން! ބޭބޭ..... ތިހެން ނުހަދާ..... މިއީ އަދި ކުޑަ ކުއްޖެއް..... މަ ސަލާމަތް ކޮށްދީ ބޭބޭ... ތިހެން ހަދާކަށް ނުވާނެ.... ފާފަ ލިބޭނެ..... ބޭބޭ." އެއްވެސް ބާރެއް ނެތް ނިކަމެއްޗެއް ފަދައިން ޝިފުޒާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

"ކޮން ބޭބެ އެއް ކިޔާކަށް! މީ ކަލޭގެ ބޭބެ އެއްނޫނޭ." ޝިފުޒާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާ ވާހަކަ ދެއްކީ ވަރަށް ހަރުކަށި ރާގެއްގައެވެ. އެއާއި އެކު އެމީހާ ޝިފުޒާގެ ހަށިގަނޑުގައި ބޯވައެއްހެން ތަތްކޮށްލިއެވެ. ޝިފުޒާގެ ގައިން އެކިތަންތަނުން ވަކި އަޅަމުން އެމީހާ ގެންދިޔައިރު ޝިފުޒާ ހަށިގަނޑު ހީވަނީ ހަމަ ދެންމެދެންމެ ރޫޅިގެން ގޮސްދާނެ ހެންނެވެ. އޭނާގެ މުޅި ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.

3 ވަރަކަށް ގަޑިއިރު އަނިޔާވެރި ޖަނަވާރެއްގެ ޝިކާރާގައި ޝިފުޒާގެ މުޅި ހަށިގަނޑު ބަނދެވިފައި އޮތުމަށްފަހު އެމީހާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

"މިއޮތީ 4000 ރުފިޔާ. އޯކޭ އެއްނު؟" އެމީހާ ހިނިތުންވެލަމުން ކޮޓަރީގެ ދޮރު ކައިރީގައި ހުރި ސަމީރާ އަތަށް ރުފިޔާ ދިއްކޮށްލިއެވެ.

"ޝުކުރިއްޔާ" ސަމީރާ ހީލަމުން ރުފިޔާގައި ހިފައިލިއެވެ.

ދުވަސްތައް ވޭތުުވަމުން ދިޔައެވެ. ކޮންމެ ރެއެއް ވެސް ޝިފުޒާ ވޭތުކުރަން ޖެހުނީ ކޮންމެވެސް މީހެއްގެ މަސްތީ މަޅިއެއްގެ ޝިކާރައިގައި ޖެހިގެންނެވެެ. ބަޔާންކުރަން ދަތި ވޭނާއި އުދާސްތަކަށް ޝިފުޒާ ކެތްކުރަމުން ދިޔައީ މިނޫން ދުނިޔެއެއް އޮތްކަން ވިސްނުމަށް ގެންނަމުންނެވެ. އަމިއްލައަށް މަރުވުމަކީ ކުފުރުގެ އަމަލެއް ނޫންނަމަ މިހާރު އެކަންވެސް ޝިފުޒާ ކުރާނެތާ ކިތަންމެ ދުވަހެކެވެ.

ސަމީރާ ލާރި ހޯދަން ބޭނުން ކުރާ މެޝިނެއްގެ ގޮތުގައި ނިކަމެތި ޝިފުޒާގެ ހަށިގަނޑު ބޭނުން ކުރަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ސަމީރާގެ ހަށިގަނޑުގެ ތެރޭގައި ހިތެކޭ ކިޔާފައި އޮތް އެތީގައި އެއްވެސް ދިރުމެއް ނެތްކަހަލައެވެ. އެހިތަށް އެއްވެސް އަސަރެއް ވެސް ނުކުރެއެވެ. ކޮންމެ ރެއަކު އެކި ފިރިހެނުންނަށް ޝިފުޒާގެ ހަށިގަނޑު ވިއްކަމުން ލާރި ހޯދަމުން ސަމީރާ ގެންދިޔައެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިފުރޮޅިލައި ޝިފުޒާ އޮތީ އޭނާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރާތީއެވެ. އެހެން ރޭތަކާއި ޚިލާފަށް މިރޭ ޝިފުޒާގެ ގާތަށް އެއްވެސް މީހެއް ނާދެއެވެ. އެހެންނޫނީ ކޮންމެ ރެއެއްގެ 10 ޖަހަން ވާއިރަށް ޝިފުޒާގެ މުޅި ހަށިގަނޑު އޮންނާނީ ކޮންމެވެސް މީހެއްގެ މަސްތީ އަރާމުގެ ތުންފުއްސަކަށް ވެފައެވެ.

ޝިފުޒާ އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ޤުރުޢާން ހަތިމްނަގައި ޤުރުޢާން ކިޔަވަން ފެށިއެވެ. ޤުރުޢާން ކިޔަވަމުންް ދިޔަ ޝިފުޒާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވެން ފެށުމުންނެވެ. އެމީހާ ކޮޓަރިއަށް ވަނުމަށްފަހު ދޮރު މަޑުމަޑުން ލައްޕައި ތަޅުލިއެވެ. އަދި ޝިފުޒާއާއި ދިމާއަށް ބަލައިލިއެވެ. ބިރުން ވިރިވިރި އިން ޝިފުޒާ އޭރުވެސް ގެންދިޔައީ ޤުރުޢާން ކިޔަވަމުންނެވެ. އަޑު ތުރުތުރު އަޅަމުން ދިޔައިރު ޝިފުޒާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ދޮރު ކުރިމަތީގައި ހުރި މީހާއަށް ހުރި ފިޔަވަޅު މަތީގައި ގުޑިލަން ވެސް ނޭނގިފައި ހުރެވުނެވެ. ޝިފުޒާއަށް އިސް އުފުލާ ދޮރު ކުރިމަތީގައި ހުރި މީހާއަށް ބަލައިލާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ހަތިމް ލައްޕަމުން ޝިފުޒާ އޭނާގެ ދެއަތް އުފުލައި މާތްﷲއަށް ދުޢާ ކުރަންފެށިއެވެ. އޭރު ޝިފުޒާ އިނީ ބިރުން އޭނާގެ ދެލޯ މަރައި ބާރުކޮށްގެންނެވެ.

"ޔާ ﷲ. ޔާ ﷲ. މިއަޅާގެ ހަށިގަނޑު އިބައިލާހު ރައްކާތެރިކޮށްދެއްވާ ދޭވެ.... ނުބައި ފާހިޝް އަމަލުތަށް ކުރުމަށް އަންނަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާންދޭ! ޔާ ﷲ.... މިއަޅާ ސަލާމަތް ކޮށްދެއްވާން ދޭ! ދޮރުކުރިމަތީގައި ހުރި މާތްﷲ ގެ އަޅާއަށް ތެދުމަގު ދައްކަވާންދޭ! ޔާ ﷲ." ޝިފުޒާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ގިސްލަމުން ދިޔަ ޝިފުޒާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

"އާމީން.."

ޝިފުޒާގެ ކަންފަތުގެ ތެެރެއަށް ވައިރޯޅިއެއް ފަދައިން ވަދެގެން އައީ ދޮރިކުރިމަތީގައި ހުރި މީހާގެ އަޑެވެ. ޝިފުޒާ ސިއްސައިގެން ގޮސް ދޮރުކުރިމަތީގައި ހުރި މީހާއަށް ބަލައިލިއެވެ. ދޮރުކުރިމަތީގައި ހުރީ ޒުވާން ފުރައިގެ މީހެކެވެ. އެމީހާގެ ދެލޮލުން ކަރުނަތައް އޭރުވެސް އަންނަމުން ދިޔައެވެ.

"ﷲ އަކުބަރު! ތީ ތަފާތު ކުއްޖެއް. ތީ މާތް ކުއްޖެއް... ތިކުއްޖާގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކެއް މިހިތުގެ އެންމެ ފުންމިނަށް އަސަރުކޮށްފި. މަ ތިކުއްޖާ ސަލާމަތްކޮށްދޭނަން. ތި ކުއްޖާ ހިމާޔަތްކޮށްދޭނަން.... މަ މިކޮޓަރިއަށް މިވަނީ ތިކުއްޖާގެ މަންމައަށް އަގުދީފައި.. ތިކުއްޖާގެ ފަރާތުން މަސްތީ ހާސިލުކުރަން.... އެކަމު... ﷲގެ ކުޅަދުންވަންތަކަން ވިސްނާާލާ.... މަށަށް މި ހާސިލުވީ ތެދުމަގު..... މަށަށް މަޢާފުކުރޭ." އެމީހާއަށް ރޮވެންފެށުނެވެ.

ޝިފުޒާގެ ހިތަށް ހީވީ އުފާވެރިކަމުގެ ބާނިތަކުން ހަމަޖެހުން ލިބިގެން ދިޔަހެންނެވެ. އެމީހާ މަޑުމަޑުން ހިނގާފައި އައިސް ޝިފުޒާގެ ގާތުގައި އިށީނެވެ.

"ތިކުއްޖާގެ މަންމަ ކީއްވެތަ ތިކުއްޖާ ވިއްކާލަނީ! ތިހާ މާތް ކުއްޖަކަށް ކީއްވެތަ އެހެން އެ ހަދަނީ.... ބުނެބަލަ.... މަ ތިކުއްޖާ ހިމާޔަތް ކޮށްދޭނަން." އެމީހާ ވަރަށް އޯގާތެރިކަމާއި އެކު ވާހަކަދެއްކިއެވެ.

ޝިފުޒާ އޭނާގެ ބޯއޮބައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ރޮމުން ގިސްލަމުން ޝިފުޒާއަށް ވޭތުކުރަން ޖެހުނު ހިތްދަތި ދުވަސްތައް ކިޔައިދެމުން ދިޔައިރު ހިތާމައިގެ ވޭނުން ޝިފުޒާގެ މުޅި ހަށިގަނޑު ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

"މަ ސަލާމަތްކޮށްދީ..... މިކިޔާދިނީ މަ އުފުލި ވޭން.... ކޮންމެ ރެޔަކު އެކި އުމުރު ފުރައިގެ މީހުން މަގޭ ގަޔަށް އަރާ.. މަށަށް އަނިޔާކޮށް.... މަގޭ އިއްފަތްތެރިކަން ފޭރިގަނެ.... ކޮންމެ ފަހަރަކު ވެސް ބޭބެ ކިޔާފަ މަ ބުނަން.... އަނިޔާ ނުކުރާށޭ.... ފާފަ ލިބޭނޭ.... އެކަމު." ޝިފުޒާއަށް ކުރުކޮށް ނޭވާ ލެވި ގިސްލެވެމުން ދިޔައެވެ.

"ހާސްނުވޭ... މިގުޅަނީ ފޮލިހަށް... ތިކުއްޖާއަށް ދެން އެހެންް އަނިޔާ ކުރާކަށް ލާހިކެއްނޫން." ވަގުތުން އެމީހާ ފޯނު ނަގައި ޕޮލިހަށް ގުޅިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕޮލިހުން އައިސް ސަމީރާ ހައްޔަރުކުރިއެވެ.

"ކަލޭމެން އެންމެން ދޫކޮށްލާ މަގޭ ގައިން..... ސިފުޒާ... މަ ކަލެއަށް ނަފުރަތުކުރަން.... ކަލޭގެ ބައްޕަ މަ ރަށްމެދަށް ބަލިވެ ބައިދާފައި ފިލީ.... އަބަދުވެސް ކަލޭ ބައްޕައަށް ކުރާ ނަފުރަތު މަ ކަލެއަށް ކުރާނަން! ކަލެއާއި ކަލޭ ބައްޕަ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮށްލީ.... ދޫކޮށްލާށޭ!" ޕޮލިހުން ސަމީރާ ހައްޔަރުކޮށްގެން ގެންދަން އުޅުމުން އޭނާ ދިޔައީ ހަޅޭލަވަމުންނެވެ. ޝިފުޒާ ދެކެ އޭނާގެ މަންމަ އަންނަ ރުޅިއަކީ ބައްޕަ ދެކެ އަންނަ ރުޅިކަން ޝިފުޒާއަށް އެނގުމުން ޝިފުޒާ ވަރަށް ދެރަވިއެވެ.

"ޝުކުރިއްޔާ... ތިއީ މަގޭ މިހިތުގެ ރުއިން އަޑު އިވުނު ހަމައެކަނި މީހަކީ.... ވަރަށް ބޮޑަށް ޝުކުރިއްޔާ!" ޕޮލިހުން ސަމީރާ ގެންދިޔުމާއި އެކު ޝިފުޒާ އެމީހާއާ ސަލާމްކޮށްލިއެވެ.

"ހިތްވަރުކުރާތި! ކެތްކުރާތި!" އެމީހާ ބަލައިލީ ޝިފުޒާގެ މޫނަށެވެ. އާނއެކޭ ބުނަމުން ޝިފުޒާ އޭނާގެ ކޮޓަރިއަށް މަޑުމަޑުން ވަނެވެ.

ނިމުނީ