އިށީނދެގެން އިން ކުޑަ ގޮޅީ ވަށާލެވިފައިވަނީ ކަނު އަނދިރިއެވެ. މީ ދުވާލުކަމެއް ރޭގަނޑުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އުޑު ފެނުނު ޒަމާނެއް ހަނދާނަކަށް ނާދެއެވެ. މި ކުޑަ ގޮޅީގައި، މާޔޫސީ އަނދިރީގައި ދުވަސްތައް ހޭދަކުރާތާ ހަތަރު ވަރަކަށް މަސް ވެދާނެއެވެ. ވިއްސާރަ ވެހޭ ރޭ ތަކުގައި އަހަރެންގެ ވަގުތުތައް ފަޅުފިލުވައިދެނީ ފުރާޅުމައްޗަށް ޖެހޭ ވާރޭގެ ތިކި ތަކެވެ. ހީކެރުވިއަސް، ސިކުނޑިއަށް ފުދޭވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދެއެވެ. އަވިދޭ ދުވަސްތަކުގައި ދަލާއި ކަރުނައާއި އެކުވާއިރުވެސް ރޭކާނުލައެވެ. އަހަރެން ވޭތަކުރަމުން މި ދަނީ އެކަނިވެރި ދިރިއުޅުމެކެވެ. ނިކަމެތި ދުވަސްތަކެކެވެ.

ބަންގީގެ އަޑަށް ބިންމަތިން ތެދުވީމެވެ. ގޮޅީގެ ކަނެއްގައި ހުރި ފެން ރުނބައަކުން ވުޟޫ ކޮށްލައިގެން ފަތިސް ނަމާދަށް އެރީމެވެ. ނަމާދު ވަގުތުތައް އަންގާކަން ވެސް ނަސީބެކެވެ. އިންސާނެއްގެ ސޫޜަ، ދުވާލަކު ދިހަ ފަހަރަށް ވުރެ ގިނައިން އަހަރެންނަށް ފެނުމަކީ ނާދިރު ކަމެކެވެ. ނަމާދު ވަގުތުތައް އިޢުލާން ކުރަން އަންނަ މީހާ އާއި، އަހަރެންނަށް ކާން ހިފައިގެން އަންނަ މީހާއެވެ. ގިނަ ފަހަރު މޫނު ފެންނަ ވަރަށް ވުރެވެސް ތަން އަނދިރިއެވެ. ފުރަތަމަ އައި ދުވަސްކޮޅު ދުނިޔެއެއިން މޮޔަ ވާހެން ހީވުމުން އަހަރެން އެ އަންނަ މީހުންނާ ވާހަކަ ދައްކަމެވެ. ކިތަންމެ ވާހަކައެއް ދެއްކިއަސް އެ ފަރާތުން ޖަވާބެއް ނާދެއެވެ. މަސް ދުވަސް ވަންދެން އަމިއްލަ އަޑު ފިޔަވާ އެއްވެސް އިންސާނެއްގެ އަޑު އަހަރެންނަށް އިވިފައެއް ނުވެއެވެ.

ފުރަތަމަ ދެތިން މަސް ވެގެން ދިޔައީ ދިރިއުޅުމަށް އައި އެންމެ ވަރުގަދަ ކޮޅިގަނޑަށެވެ. އެކަނިވެރިކަމާ ދުރު، އަހަރެންގެ ޒަމީރަށް ކުއްލިއަކަށް ތަހައްމަލް ކުރަން ޖެހުނު ކަންތައްވީ ކެތްކުރަން ދަތި ކަންތަކަށެވެ. ފާރުގައި އަތުން ތަޅާ، ހަޅޭލަވާ މޮޔަ ގޮވަން ފެށީމެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ނަމާދަށް ގޮވަން އާދެއެވެ. ނަމަވެސް އަހަރެން ބަންގިއަށް އިޖާބަދޭނަމަތާއެވެ. ހަމަ އެ ބޯ ހަރު ގޮތުގައި ދުވަސްތައް ހޭދަކުރަމުންގޮސް ހަމަވިސްނުން އަހަރެންގެ ސިކުނޑިއާ ދުރުވާހެން ހީވެއްޖެއެވެ. ނަމާދުކުރަން ފެށުނީ އަމިއްލަ ނަފްސު ގެއްލިދާނެ ކަމުގެ ބިރު ހިތަށް ވަނުމުންނެވެ. އެއީ އަހަރެންނަށް މިހާތަނަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅެވެ.

ނަމާދުން ފޭބުމަށްފަހު އަހަރެން ހަމަ ކުރިން އިން ކަނުގައި އިށީނދެލީމެވެ. ހިތުން ތަސްބީހަ ކިޔަމުން ޚިޔާލުތަކުގެ މިސްރާބު މީގެ ދުވަސްތަކެއް ކުރިއަށް ޖަހާލީމެވެ. އަހަރެން މި ހާލަތައް ވެއްޓެން ޖެހުނު ގޮތާމެދު ދުވާލަކު އެތަކެއް ފަހަރެއްގެ މަތިން ވިސްނަމެވެ. ތަޢުބާ ވެވޭނީ ކުރެވުނު އަމަލުތައް ހިތަށް އަރުވާ އެކަމާ ހިތާމަކޮށްގެން ނޫން ހެއްޔެވެ؟ އަހަރެން މަސައްކަތް ކުރަމުން ދިޔައީ ތައުބާވެ، އަހަރެންގެ ފާފަތައް ފުއްސަވާތޯއެވެ.

އުމުރުން ސާދަ އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ޔަތީމު ހާލުގައި ދިރިއުޅެން ނުފަށަނީސް މަންމަގެ ހަގީގީ ކުލަވަރު ދައްކަން ފަށައިފިއެވެ. ބައްޕަ ދުނިޔޭގައި ހުރި އިރުވެސް ބައްޕައަށް ބޭވަފާތެރިވަމުން މަންމަ ދިޔައީ އެއްވެސް ލަދެއް ނެތިއެވެ. އެއީ ބައްޕައަށް ނޭނގޭ ކަމެއް ނޫނެވެ. އެ ދެމީހުން ކައިވެނި މަތީ ތިބީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. މަންމަ މިގެއަށް ގެންނަ ފިރިހެނުންނާ އެކު އުޅޭ ގޮތް އަހަރެންނަށް އެތަކެއް ދުވަހެއްގެ މަތިން ވަނީ ފެނިފައެވެ. ގެއިން ނިކުންނަން ޚިޔާލުކުރީމެވެ. ނަމަވެސް އުމުރުން ޅަ ކަމުންނާއި، މާލީ ހާލަތު ދައްކަމުން އެވަގުތު އެ ފަދަ ފިޔަވަޅެއް އަޅަން ދަތިވީއެވެ.

ބައްޕަގެ މަރަށް ފަހު ހަށިވިއްކުމުގެ ވިޔަފާރި މަންމަ ފެށީ މާލޭގެ ބޮޑު ވިޔަފާރިވެރިއަކާ އެކުއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާން އަންހެން ކުދިން ގެނެސް ގޭގައި ބައިތިއްބައިން ކުރަން ފެށި މުޑުދާރު ފވިޔަފާރިން މަންމަ ކިތަންމެ މުއްސަނދިވިޔަސް، ދޭ އެންމެ ލޯ ލާރިއެއްގައިވެސް އަހަރެން އަތެއް ނުލަމެވެ. ބައެއް ފަހަރު ފުލުހުންނަށް ގުޅާފާނަމޭވެސް ހިތަށް އަރައެވެ. ކޮންމެވެސް ބައެއް ކައިރީ ބުނެ މި ކަންތައް ފަޅާ އަރުވާލަފާނަމޭ ވެސް ހިތަށް އަރައެވެ. ނަމަވެސް ފަސް ޖެހެވެނީއެވެ. މައި މީހާ ވީމައެވެ. ކޮންމެ ފާޑަކަށް އުޅުނަސް މަންމަ އަހަރެން ދެކެ ލޯބިވެއެވެ. އެކަން އަހަރެން ދަންނަމެވެ. ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ތަންދޮރު ދަންނަން ފެށުމުން، މަންމައާ މެދު ހިތުގައި އުފެދެން ފެށި ނަފްރަތުގެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ.

މިހެން އުޅެނިކޮށް ލޯބިވެވިއްޖެއެވެ. ގޮތެއް ފޮތެއް ނެތް އަންހެނަކު ދެކެއެވެ. ކީއްވެ ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ އަހަރެންގެ ހިތް އޭނާގެ މިލްކަކަށް ހަދައިފިކަމެވެ. އަހަރެންގެ ވިސްނުން ބަދަލުކޮށްލިކަމެވެ. ހިތުގެ ވިންދުގެ ދުވެލި އެހެން މިސްރާބަކަށް ޖަހައިފިކަމެވެ. ރީތި ކުއްޖެކެވެ. ނަމަވެސް އަޚްލާގީ ފެންވަރު އެހާމެ ދަށެވެ. ހީކުރީމެވެ. އަހަރެންނަށް އޭނާ ހެޔޮ މަގަށް އެޅުވޭނެއެވެ. އަހަރެންނަށް ރަނގަޅު މީހެއްގެ ގޮތުގައި އޭނާ މި މުޖުތަމައަށް ގެނެވޭނެއެވެ. އޭނާ ބުނި ކޮންމެ ކަމެއް އަހަރެން ކުރީމެވެ. މި ޖިސްމުވެސް އޭނާގެ މިލްކަކަށް ހެދީމެވެ. ރޭގަނޑުގެ ވަގުތުތަކުގައި އަހަރެންގެ އެނދު ފަޅުފިލުވައިދޭ ބައިވެރިއަކަށް ހެދީމެވެ. ނަމަވެސް ހަނދާން ނެތުނީ މިވެސް މަންމަގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ މީހެއްކަމެވެ. ލޯބި ވެވުނީ އެކަން ރަނގަޅަށް އެނގިހުރެއެވެ. އެކަމާ މިހާރު އަހަރެންގެ ހިތާ ކިތަންމެ ދެކޮޅުވިޔަސް އޭރު ހީވަނީ އަހަރެންގެ ލޮލަށް މިރުސް ދުން ބުރާފައިހުރިހެން ވިއްޔާއެވެ.

ލޯބިވެރިޔާއަށް އަހަރެންގެ ހިތުގެ އިހުސާސުތައް ކިޔައިދީ ރައްޓެހިވުމަށް ހުށަހެޅީމެވެ. ވަރަށް ސާދާ ގޮތަކަށް އޭނާ ބުނެލީ ލޯތްބަކީ އޭނާ ދަންނަ އިހުސާސެއް ނޫން ކަމުގައެވެ. އަހަރެން ސަބަބު ހޯދަން ވަރަށް މަސައްކަތް ކުރީމެވެ. ކުޑަ އިރު އޭނާގެ ބައްޕަގެ ޖިންސީ ގޯނާ ތަކުގެ ޝިކާރައަކަށް އޭނާ ވިއެވެ. ހަށިވިއްކަން މާލޭގެ ވިޔަފާރިވެރިއަކަށް އޭނާ ވިއްކާލީވެސް އަމިއްލަ މައިންބަފައިންނެވެ. މަޔަކާއި ދަރިއަކާ ދެމެދު ލޯބީގެ ކަންފުޅެއްވެސް ނުވާނަމަ އަދި އެހެން ކަހަލަ ލޯތްބަކަށް އޮތީ ކޮން ޖާގައެއް ހެއްޔެވެ؟ އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އޭނާ އަހަރެންގެ މިލްކަކަށް ހަދަން އިތުރަށް ބޭނުންވިއެވެ.

އަހަރެން ކުރަމުންދިޔަ ކޮންމެ މަސައްކަތެއްވީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އޭނާ އަހަރެން ދެކެ ލޯބިނުވާ ތާނގައި އަހަރެންގެ އިހުސާސްތަކަށް ގަދަރެއްވެސް ނުކުރިއެވެ. އެންމެ ފަހުން ހިލޭ ފިރިހެނުންނާއެކު އަހަރެންގެ ލޮލު ކުރިމަތީ އެ އުޅޭ ވައްތަރު ބަލަން ކެތް ނުވިއެވެ. ގެއިން ނިކުމެގެން ދާން ނިންމީ އެހެންވެއެވެ. މަންމަ ގާތު އަހާލުމެއް ކަހާލުމެއް ނެތި ފަތިހުގެ ވަގުތެއްގައި އެ ނުލަފާ ނާސި ގޭގެ ދޮރާށިން ބޭރުވެއްޖައީމެވެ. ދުވަހަކުވެސް އަނބުރާ ނާންނަން ހިތާހިތުން އަމިއްލަ ނަފްސަށް ވަޢުދުވަމުންނެވެ.

ރައްޓެއްސެއްގެ އެހީގައި ސަފާރީއަކުން ވަޒީފާއެއް ލިބުނެވެ. ބާޓެންޑާ އެއްގެ ވަޒީފާއެވެ. އާންމުކޮށް ދިވެހިން ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް އަހަރެންނަށް ފާހަގަ ކުރެވުނު ކަމަކީ ސަފާރީއަކަށް އެރުމަށްފަހު ދިވެހިން ހަމަ ފަރަންޖީވަނީއެވެ. އަހަރެންނަށްވެސް ވީ އެހެންނެވެ. އާ ކަންތައް ތަޖުރިބާ ކޮށްލަން ބޭނުންވީއެވެ. އާ ރަހަތައް ދުލުކުރީ ޖައްސާލާ ހިތުން ކުޅުދިޔާވާން ފެށީއެވެ. ބޯލި އެންމެ ރާ ތައްޓަކުން ހަމަ ހޭވެރިކަން ގެއްލުވާލި ގޮތަށް ހަމަވިސްނުން ވެސް ގެއްލުވާލައިފިއެވެ. ހީވެސް ނުކޮށްހުއްޓާ ގެނބިގެންދިޔައީ ރަލުގެ ކަނޑަކަށެވެ. މަސްތުގެ ހާލުގައި އެތައް ފާފައަކަށް އަރައިގަނެވުނެވެ. ނަމަވެސް ދިރިއުޅުމުގެ އަނދިރި ސަފުހާތަކުގެ މަތިން ހަނދާން ނައްތާލެވޭތީ އަހަރެން ހުރީ އެހާމެ ހިތްހަމަ ޖެހިފައެވެ. މަންމަ މަތިން ހަނދާން ނުވާ ތާނގައި އަހަރެންނަށް ލޯބިވެވުނު ފުރޭތަ މަތިންވެސް ހަނދާނެއް ނުވެއެވެ. މިތާނގައި މާ ރީތި ކުދިން ވެއެވެ. މާ މޮޅު އުކުޅުތައް ދަނެއެވެ. އަހަރެން އުޅުނީ އުފަލުގައެވެ. ނަމަވެސް ދިރިއުޅުން އެހާމެ އެކަނިވެރިއެވެ.

އަހަރެއް ހާ ދުވަހު ސަފާރީގައި އުޅުމަށްފަހު ޑްރަގް ގެ ވިޔަފާރިކުރަން މާލެ ބަދަލުވީމެވެ. ސަފާރީގައި ދިމާވި ގޭންގަކަށް އަހަރެންވެސް ގުޅި އެ ގޭންގުގެ މަސައްކަތްތަކާ އަހަރެންވެސް ހަވާލުވީމެވެ. ބޭކާރު ކަންކަމާ ވިސްނާކަށް މާ ގިނަ ހުސް ވަގުތެއް ނުލިބެއެވެ. މާލޭގައި މި ބޭނުންކުރާ މީހުންވެސް ހާދަހާ ގިނައެވެ. ކިތަން ސާލިހު ގޮތަށް ބޭރުފުށުން ހެދިގެން ހުއްޓަސް އެތެރެ ވަނީ ހަމަ ފާވެ ފުޅައަޅާފައެވެ. މޫނު ބުރުގާ އަޅައިގެން ހުރި މަންޖެއަކަށް ވެސް ވިއްކީމެވެ. ފަސް ވަގުތު ނަމާދަށް އަރާ ސޮރަކަށްވެސް ރާ ދިނީމެވެ. ބޭރުފުށުގެ ދެއްކުންތެރިކަން ގަދަފަދަ ޒަމާނެކެވެ. މިކަހަލަ އީމާންތެރިކަން ނުލިބުނަސް ހެވޭ ހިތަށް އެރިއެވެ.

ކޮންމެއަކަސް، އަހަރެންގެ ގޭންގުން އާ ކަމެއް ފައްޓައިފިއެވެ. މުއްސަނދިންގެ ރުފިޔާގައި ހިފާ މީސްމީހުންނަށް ހަމަލާދިނުމެވެ. ރުފިޔާ ދޭ މީހެއް ނުފެނެއެވެ. ހަމައެކަނި ލިބެނީ ދުއްވާލަން ވީ މީހެއްގެ މައުލޫމާތާއި ރުފިޔާ ޖަމާކުރި ކަމުގެ ސްލިޕްކޮޅެވެ. ރުފިޔާ ލިބުމުން އަހަރެމެންނަށް ފުދުނީއެވެ. ބައެއްފަހަރު މަސްތުވާތަކެތިވެސް އިނާމެއްގެ ގޮތުން ލިބެއެވެ.

އަނިޔާކުރުމަކީ އެކަމަކަށް ވަރަށް އަވަހަށް ދެވިހިފާ ކަމެއްކަން އަހަރެންނަށް ފާހަގަކުރެވުނީ މިކަމުގައި އުޅެން ފެށުމުންނެވެ. ފުރަތަމަ ފަހަރަށް މީހެއްގެ ގައަށް ވަޅި ހަރާ ޒަޚަމް ކޮށްލި ދުވަހު ބިރުން އަހަރެންނަށް ނުވެސް ނިދުނެވެ. ލޯ މަރާލާއިރަށް ފެންނަނީ ލޭ ކޯރުތަކެވެ. ކޮންމެވެސް މުސްކުޅި މަޔަކު ރޯ މަންޒަރެވެ. ނަމަވެސް ދުވަސް ވީ ވަރަކަށް މި ބިރު ބަދަލުވީ މަސްތަށެވެ. ފުރުސަތަކަށް އިންތިޒާރު ކުރެވެއެވެ. އަނިޔާއެއް ކުރަން ހިތް އެދެއެވެ. އަހަރެންގެ ދިރިއުޅުމުގެ ނައު ދަތުރުކުރަމުން ދިޔައީ ވަރަށް ނާޒުކު ރާސްތާއަކުންނެވެ. މިހެން އުޅެނިކޮށް އަހަރެންގެ އަތުން ދުއްވާލެވުނީ އިންސާނެއްގެ ފުރާނައެވެ. މުޅި ކުޅިގަނޑު ބަދަލުވީ އެހިސާބުންނެވެ.

ތަހުގީގު ފެށި އެންމެ ފުރަތަމަ ހައްޔަރުކުރެވުނު މީހުންގެ ލިސްޓުގައި އަހަރެން ހިމެނިއްޖެއެވެ. ޖަލުގެ ތޭރި ތަކުގެ ތެރެއަށް ދާން ޖެހުނީ އެހިސާބުންނެވެ. އަހަރެންގެ ވިސްނުން ބަދަލުވީ މަރާލެވުނު މީހާގެ މަންމައާއި ކޯޓުން ބައްދަލުވިދުވަހެއެވެ. އެ ލޮލުން ފެނުނީ ހިތާމަވެރިކަމެވެ. ވޭނެވެ. ތަދެވެ. ވިދަމުންދިޔަ ކަރުނަތަކުން އަހަރެންގެ ހިތަށް ވަރަށް ފުންކޮށް އަސަރުކުރިއެވެ. އޭނާ ބުންޏެވެ. މަރަށް މަރު ހިފިދާނެއެވެ. ނަމަވެސް ބޭނުމެއް ނޫނެވެ. ކަލެއަކީ ޤާތިލަކަސް މީހެއްގެ ފުރާނައެއް ނަގާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ދަރިފުޅަކީ އެންމެ ފުރިހަމަ މީހެކޭ އަހަރެންނެއް ނުބުނާނަމެވެ. އޭނާވެސް ކުށް ކުރިއެވެ. އަހަރެން ލަދުވެތިވާ އެތަކެއް ކަމަކަށް އަރައިގަތެވެ. ބައެއްފަހަރު އަހަރެން ރޮއްވާލައެވެ. އަނެއްބައިފަހަރު މުޖުތަމައަށް އަހަރެން ބޭޒާރުކޮށްލައެވެ. އޭނާ ފުރިހަމައެއް ނޫނެވެ. ނަމަވެސް އެހާ އިހާނެތިގޮތަކަށް މަރާލުން ހައްގެއް ނޫނެވެ. އިންސާނެއްގެ ފުރާނަ ދުއްވާލަން ކަލޭ ތީ ކާކު ހެއްޔެވެ؟ ކަލާނގެއަކަށް ވާން ނޫޅޭށެވެ. ތައުބާވާށެވެ.

މިހެން ބުނެ އެ މީހާ އަހަރެންނާ މޫނު އަނބުރާލައިފިއެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ދެރައެއް ނުވަމެވެ. މިއީ އަހަރެންނަށް ހައްގު އަދަބެކެވެ. އަހަރެންނަށް ހައްގީ މަރަށް މަރެވެ. ނަމަވެސް ކޮންމެ މީހަކީ އަހަރެންހާ އަނިޔާވެރިއަކަށް ނުވެދާނެއެވެ. އަމިއްލަ ލޯބިވާ ދަރިފުޅުގެ ފުރާނަ ދުއްވާލި މީހާ މައްޗަށް ވެސް އެ މައިމީހާ ވީ އިހުސާންތެރިއެވެ. ދުނިޔޭގައި ހާދަ ތަފާތު މީހުން އުޅެޔޭ އަހަރެންގެ ހިތަށް އެރިއެވެ.

ޖަލަށް ލީތާ އަހަރެއް ވަނީއެވެ. ތައުބާ ނުވާ ދުވަހެއް ނުދާނެއެވެ. އަހަރެންގެ އަތުން ފުރާނަދިޔަ މަރުހޫމަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުޢާ ނުކުރާ ދުވަހެއް އިރު އަރާ އޮއްސިގެން ނުދާނެއެވެ. އެއީ އަހަރެންނަށް އޭނާގެ މައްޗަށް މި ދުނިޔެ މަތީ ކުރެވެން އޮތް ހަމައެކަނި ކަމެވެ. ދުވާލާއި ރޭގަނޑު ފާހަގަ ނުވާހާ އަނދިރިއެވެ. ދިރިއުޅުން މާޔޫސްއެވެ. އެކަނިވެރިކަމަކީ މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް އަހަރެންގެ ހިތުގައިވަނީ އަލިކަމުގެ ނޫރެވެ. އެ ނޫރުން އަހަރެންގެ ދިރިއުޅުމުގެ އަނދިރިކަން ފަޅުފިލުވަދޭނެއެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެ ނޫ އުޑު ފެންނާނެއެވެ. ކޮންމެވެސް ދުވަހަކުން އަހަރެން މިނިވަން ވާނެއެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނަށް މި ވިހަ ޚިޔާލުތަކުން ލުޔެއް ލިބޭނެއެވެ. އެ ދުވަސް ދުރެވެ. ނަމަވެސް އަހަރެން ކެތްތެރިވާނަމެވެ. އެއީ އަހަރެންގެ އަޒުމެވެ.

- ނިމުނީ -