ދަތްހުރި ދުވަހު ކޮންމެހެންވެސް ކާށި ކާންވާނެޔެ މިބުނާ ބީދައިން އަހަރެންނަކީވެސް އަހަރެންގެ ޒުވާން އުމުރުގައި، އަހަރެންގެ ދަތްތައް ހަމައިރު ކާށި ކެއުމަށް ވަރަށް ފޯރިހުންނަ މީހަކީމެވެ. ރާއްޖެއިން އޯލެވެލް ނިންމާފައި ޑޮކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ފުރަން ލިބުނު ޗާންސްއަކީ އަހަރެންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މަންމައާއި ބައްޕަ ކައިރީގައި އުޅޭއިރު އަހަރެން ބޯލަބަންޖެހޭ ހަރުކަށި އުސޫލުތަކުން މިންޖުވާން އެއަށްވުރެ ރަނގަޅު ފުރުސަތެއް އަހަރެންނަށް ލިބޭނެ ހެއްޔެވެ؟ އެހެންކަމުން ލިބުނު ފުރުޞަތުގެ ބޭނުންކޮށް މަންމަމެންގެ އެތައް ނަސޭހަތެއް ހިފައިގެން އަހަރެން ރާއްޖެ ދޫކޮށް ކިޔެވުމަށް ދަތުރުކުރީމެވެ.

އަހަރެން ކިޔަވަން ހަމަޖެހުނީ ސިންގަޕޯރއިންނެވެ. ކިޔަވަންފެށިތާ މާގިނަ ދުވަހެއް ނުވަނީސް ބައިވަރު ރައްޓެހިން ލިބުނެވެ. އަހަރެން އުޅެނީވެސް ދެ ރައްޓެއްސަކާއެކު އެޕާޓްމަންޓެއްވެސް ކުއްޔަށް ހިފައިގެންނެވެ. ކިޔެވުމުގައި ލިބޭ މަދު ބްރޭކްތަކުގައިވެސް އަހަރެން މާލެދާކަށް ނުވިސްނަމެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި މަޑުކުރަނީ ރާއްޖެއަށް ދިޔައިމަ އަހަރެންގެ މިނިވަންކަން ގެއްލޭނެތީއެވެ. ބަންދެއް ލިބޭ ކޮންމެ ފަހަރަކު އަހަރެންގެ ކަމަކީ އަހަރެންގެ ރައްޓެހިންނާއެކު ބޭރަށްގޮސް ސަކަރާތްޖަހާ ޕާޓީކުރުމެވެ. ބައެއްފަހަރު ހިލޭ އަންހެންކުދިންނާ ގައިގޯޅިވެގެންގޮސް ކުރަން ނުޖެހޭ އެތައް ކަމެއްވެސް ކުރެވެއެވެ. އޭރު އެކަންތައް ކުރާއިރު އަހަރެން އެއްވެސް ވަރަކަށް ފަހުން ވެދާނެގޮތަކާމެދު ނުވިސްނަމެވެ.

އަހަރެންނާއި އަހަރެންގެ ރައްޓެހި ދެފިރިހެން ކުދިން އުޅޭ އެޕާޓްމަންޓް ހުންނަނީ ފުދޭ ވަރަކަށް މީހުން މަދު ހިސާބެއްގައެވެ. ރޭގަނޑު އެހިސާބުގައި އެހާ އަލިކަމެއް ނުހުރެއެވެ. އަހަރެމެން ގެކައިރީގައި މަގަށްވާގޮތަށް ދެއޮރެންޖު ލައިޓް ހުރެއެވެ. އެއިން މަގުމަތިގެ ބޮޑުބަޔަކަށް އަލިއެޅިފައި ހުރެއެވެ. އެއްރެއެއްގެ އިރާކޮޅު ވަގުތެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިން ތައްޔާރުވަމުންދިޔައީ އެއީ ހަފްތާ ބަންދުކަމުން ރައްޓެހި އެހެން ކުދިން އުޅޭ އެޕާޓްމަންޓްއަކަށްގޮސް ޕާޓީކޮށްލަން ދިއުމަށެވެ. ތައްޔާރުވެގެން އަހަރެމެން ތިން މީހުން ނުކުތް އިރު މަގުގެ އެއްފަރާތެއްގައި ހުރި ލައިޓް ކައިރީގައި އަންހެނަކު ހުއްޓިލައިގެން ހުއްޓެވެ. އެއީ އަންހެނެއްކަން އެނގުނީ އޭނަގެ ބައްޓަމުންނެވެ. އަހަރެން އެޕަޓްމަންޓުގެ ދޮރުގައި ތަޅުލުމަށްފަހު ހިގައިގަތްތަނާ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ފޯނު ނަގައި ބެލި އިރު ގުޅަނީ މަންމައެވެ. އޭރު އަހަރެންގެ ދެއެކުވެރިން ކާރާ ދިމާލަށް މިސްރާބުޖަހައިފިއެވެ. މަންމަ އަހަރެން ކައިރީގައި ރޭގަނޑު ބޭރުގައި ނޫޅުމަށް ވަރަށް ނަޞޭހަތްދީފައި ފޯނު ބޭއްވުމުން އަހަރެން ހިނގައިގަތީ ތަންކޮޅެއް ދުރުގައި ޕާކްކޮށްފައިވާ ކާރާ ދިމާލަށެވެ. އޭރު އަހަރެންގެ އެކުވެރި ދެކުދިން ކާރާ އަރާ ހަމަވެއްޖެއެވެ. އަހަރެން ދިޔަމަގުމަތީގައި ލައިޓް ކައިރީގައި ހުރި އަންހެން ކުއްޖާއާ ވާހަކަ ދައްކާލަން ބޭނުންވީ އެކުއްޖާ އެތަނުގައި ހުރި ގޮތަކުން އެހުރީ އެހީއަކަށް އެދިގެންބާވައޭ ހިތަށް އެރި ވަރުންނެވެ. އެކުއްޖާ ހުރީ ބޮޑު ޖެކެޓްއެއް ލައިގެންނެވެ. ބޮލުގައި އަޅުވާފައިވާ ހޫޑީގެ ސަބަބުން މޫނެއް ނުފެނެއެވެ.

"ހައި. ރައިޑެއް ބޭނުންވެފަތަ؟"

"ނޫން" އިސްޖަހާލައިގެން ހުރެ އެކުއްޖާ ޖަވާބުދިނެވެ.

"ކިހިނެއްވެ އެކަނި ތިހުރީ؟ މީހަކު އަންނަންދެންތަ"؟

"ނޫން" މިފަހަރުވެސް ހަމަ އެރާގަށް އެކުއްޖާ ޖަވާބުދިނެވެ. އަހަރެން އިތުރަށް އެއްޗެއް އެހުމެއްނެތި ދުވެލާފައިގޮސް ކާރަށް އަރައި ދުއްވާލީމެވެ.

އެރޭ އަހަރެމެން ވަރަށް ސަކަރާތްޖަހާ ޕާޓީކުރީމެވެ. އެކި އެކި އަންހެންކުދިންނާއެކު ގައިގޯޅިކޮށް އުޅުމަށްފަހު އަހަރެމެން ގެއަށް އަންނަން ނުކުތްއިރު ދަންވަރު ބާރަވެސް ޖަހައިފާނެއެވެ. އަހަރެންގެ ދެއެކުވެރިން އެރޭ ތިބީ ވަރަށް ގަދަޔަށް ރާބޮއިގެންނެވެ. އެމީހުންނަށް އަމިއްލަ ހާލައިގެން ހިނގެނީވެސް ވަރަށް އުދަނގުލުންނެވެ. ކޮންމެވެސް އެކަކު ހަމަޔަށް ހުންނަން ޖެހޭނެތީ އަހަރެން އެރޭ ރާބުއީ ވަރަށް މަދުންނެވެ. އެހެންކަމުން އަހަރެންނަށް އޭގެ އަސަރުކޮށްފައިހުރީ ވަރަށް ކުޑަކޮށެވެ. ބޮލަށް ބަރުވެ ނިދިއައިސްފައި ހުރުން ފިޔަވާ އިތުރު ގޮތެއް އެރޭ އަހަރެންނަކަށް ނުވެއެވެ. ގެކައިރީގައި ކާރު ޕާކްކުރުމުން އަހަރެންގެ ދެއެކުވެރިން ވަގުތުން ކާރުން ފައިބައިގެން ދުވެލާފައި ގޮސް ގެއަށް ވަނެވެ. ދުވަމުން ހެމުން ދިޔަ އެދެމީހުންގެ ފަހަތުން އަހަރެންވެސް ކާރުން ފައިބައިގެން އެޅި ފުރަތަމަ ފިޔަވަޅު ހުރި ތަނަށް ހުއްޓުނީ އެއްކަލަ އަންހެން ކުއްޖާ އަދިވެސް އެލައިޓް ކައިރީގައި ހުރިތަން ފެނިފައެވެ.

މިފަހަރު އަހަރެން ޔަޤީންކުރީ އެކުއްޖާ އެހުރީ ކޮންމެވެސް އެހީއަކަށް ބޭނުންވިނަމަވެސް ބުނަން ނުކެރިފައި ކަމެވެ. އަހަރެން ހިނގާލާފައިގޮސް އެކުއްޖާގެ ކުރިމައްޗަށް ހުއްޓިލީމެވެ.

"ކަމަކު ބޭނުންވެފަތަ ތިހުންނަނީ؟"

އެއްވެސް ޖަވާބެއް ނައުމުން އަނެއްކާވެސް އަހަރެން ސުވާލުކޮށްލީމެވެ.

"މިހާ ލަސްވަންދެން އަންހެން ކުދިން ނުވާނެ ބޭރުގަ އުޅެން. ކަމެއް ބޭނުމިއްޔާވެސް ބުނެބަލަ. އޭރުން އެހީވާން އެނގޭނީ"

އަހަރެން މިހެން ބުނުމާއެކު އެކުއްޖާ އިސްއުފުލާލިއެވެ. އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެކުއްޖާގެ ބޮލެއް ހޫޑީގެ ތެރެއިން އަހަރެންނަކަށް ނުފެނެއެވެ. އެތެރެ އެއްކޮށް ކަޅުކޮށް ފެންނަން ހުރިއިރު އަހަރެންނަށް އެކުއްޖާގެ ގައިން ހޫނުކަމެއް އިހްސާސްކުރެވިގެންދިޔައެވެ. އަހަރެން އެންމެ ސިކުންތެއްވެސް ލަސްނުކޮށް ބާރު ބާރަށް ދުވެފައިގޮސް ގެއަށް ވަނީމެވެ. އަހަރެންގެ ފަހަތުން އެކުއްޖާ ނައިކަންވެސް ރަނގަޅެވެ. އެރޭގެ އެހާދިޡާއިން އަހަރެންނަށް އެންމެ ބޮޑަށް ދަސްވިކަމަކީ އަހަރެންނާ ނުބެހޭ ކަންތައްތަކާއި ނުބެހި ހުންނަން ޖެހޭނެކަމެވެ. ކޮންމެ ކަމަކާއި ބެހެންވެއްޖެނަމަ ކޮންމެފަދަ ކަމަކާވެސް ކުރިމަތިލާން ޖެހިދާނެކަން އަހަރެންނަށް ވިސްނުނެވެ. އަނެއް ކަމަކަށް އަހަރެންނަށް ވިސްނުނީ ފާޙިޝް ކަންތައްތަކެއް ކޮށްފައި އެއްވެސް އިންސާނަކަށް ހަމަޖެހިލައިގެން ތާއަބަދު ނޫޅެވޭނެކަމެވެ.

ނިމުނީ