ފިނިފަތިހެކެވެ. ސާރާ ވަރަށް ހެނދުނާ ހޭލައިގެން ފަތިސްނަމާދު ކުރުމަށްފަހު ދިޔައީ ބަދިގެއަށެވެ. ގޭތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ހީވަނީ އަދި އެކަކުވެސް ނުހޭލާހެންނެވެ. ސާރާ ސައި ބޮއިގެން ދިޔައީ ސްކޫލަށްދާން ތައްޔާރުވެލާށެވެ. އިރުކޮޅަކުން މަންމަ ގޮވާލި އަޑުއިވުނެވެ. ސާރާ ތައްޔާރުވެގެން އަވަސް އަވަހަށް ނުކުތެވެ. "ދަރިފުޅާ ސައިބޮއިފިންތަ؟" މަންމަ އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ސާރާ ބޯ ޖަހާލިއެވެ. އަދި ދާން ހިނގައިގަތެވެ.

އާދައިގެ މަތިން ސާރާ އޭނަގެ އެކުވެރި ޒީނާ އެކީ ސްކޫލަށް ދަނިކޮށް މީހަކު ސާރާއޭ ކިޔާ ގޮވާލި އަޑު އިވުނެވެ. ސާރާ އެނބުރި ބަލާލިއެވެ. ދީމް އަންނަތަން ފެނުމުން ސާރާ މަޑުކޮށްލިއެވެ. ދީމް އެމީހުންނާ އަރާ ހަމަވުމުން ތިން ކުދިން އެކުގައި ހިނގައިގަތީ ކޮލެޖަށެވެ.

ދީމްއަކީ ފަގީރު ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ތަގްދީރު ނިޔާކުރި ގޮތުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތެއް ވެސް ނުލިބުނީއެވެ. ދީމް ވަރަށް ކުޑައިރު ދީމްގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން ގޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ދީމްއެވެ. ވަޑާންކޮށްގެން ލިބޭ ލާރިކޮޅުން ދެކޮޅުޖެހެނީ ކިރިޔާއެވެ.

ސާރާ އާއި ދީމް ރައްޓެހިވެގެން އުޅޭކަން ކޯހުގެ ހުރިހާ ކުދިންނަށް އެނގެއެވެ. ދެކުދިން އެކުގައި އުޅޭތަން ފެނުމުން ބައެއް ކުދިން ސާރާއަށް މަލާމާތްކޮށް ހަދައެވެ. ސާރާ އެކަމާ އަޅާނުލައެވެ. އެއް ދުވަހު ސާރާ ކްލާސް ނިންމާފައި ގެއަށްދާން ނުކުތްތަނާހެން ކުރިމައްޗަށް އައިސް ހުއްޓުނީ ފިރާޝްއެވެ.

" ސާރާ! ގެއަށްތަ ތިދަނީ އަހަރެން ގެންގޮސްދީފާނަން. އަރާ ސައިކަލަށް."

ފިރާޝް މިހެން ބުނުމުން ސާރާ އަޅާވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ.

"ކޮބާ މިއަދު ސާރާގެ ބޮޑީގާރޑް!" ފިރާޝް ސަމާސާ ރާގަކަށް ބުނެލިއެވެ.

"ފިރާޝް!" ސާރާ ރުޅިވެރި ނަޒަރަކުން ފިރާޝްގެ މޫނަށް ބަލާލިއެވެ. އަދި ކުރިއަށްވުރެވެސް ބާރަށް ހިނގައިގަތެވެ.

ފިރާޝްގެ އުނދަގޫތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭނަ ބުނާ ގޮތުގައި ސާރާ ދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ސާރާ ލޯބިވަނީ ދީމް ދެކެއެވެ. ސާރާ މިހުރިހާ ވާހަކައެއް ދީމް ކައިރީ ކިޔައިދެއެވެ.

" ސާރާ! އެކަމާ އަޅާނުލާ. މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެ. ސާރާ އަޅާނުލާ! އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ. ސާރާވެސް އަހަރެން ދެކެ ލޯބިވޭ. އަހަރެމެން ދެމީހުން ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ" ދީމްގެ ބަސްތަކުން ސާރާއަށް ވަރަށް ހިތްވަރު ލިބެއެވެ.

ދުވަސްތައް ފާއިތުވަމުން އައިސް އެމީހުންގެ ޓެސްޓު ހަފްތާ އައިސް ޖެހުނީއެވެ. ދީމް ގިނަ ވަގުތު ހޭދަކުރަނީ ކިޔެވުމުގައެވެ. ސާރާ ވެސް އެކުވެރި ކުދިންނާއެކު ކިޔެވުމުގައި މަސްއޫލް ވެއްޖެއެވެ. ދެކުދިން މިހާރަކަށް އައިސް ބައްދަލުވަނީ ހަމައެކަނި ކްލާސް ތެރެއިންނެވެ. އެއީ ދެކުދިންގެ ވެސް ނިންމުމެވެ. މިހެން ބައްދަލުވާ ވަގުތު ތަކުގައި ވެސް ވާހަކަ ދެއްކެނީ މަދު ފަހަރަކުއެވެ.

ސާރާ ޓެސްޓު ނިންމާފައި ނުކުމެ ކެންޓީނުގައި އިންދާ އެކުވެރި ކުދިންކޮޅެއް އައިސް ސާރާ ކައިރީ ޖައްސާލިއެވެ.

" ސާރާ! އަދި ދުވަސްކޮޅަކުން ސާރާވެސް ގެއްލިދާނެދޯ!"

" އާ! ކޯސްވެސް ނިމުނީވިއްޔާ!" ސާރާ ބުނެލިއެވެ.

"ކޯސް ނިންމާފަ ކޮންތާކަށް ސާރާ ދާނީ. އަހަރެމެން އުޅޭނީ ރަށުގައި.." އެކަކު ބުނެލިއެވެ.

" ރަށުގަ މިހެން ތިއްބަކަސް ކަމަކު ނުދާނެދޯ ސާރާ!"

" އާ! އަހަރެން ދާނީ މާލެ. މާލެއިން ވަޒީފާއެއް ހޯދާނީ" ސާރާ ބުންޏެވެ.

" ދެން ދީމް އޯ! އޭނަ ނުދާނެ އޭނަ މަންމަ ދޫކޮށްލާފަ މާލެއަކަށް. އެއްށްވުރެ އޭނަ މާ ފިނޑި. ސާރާއަށްވެސް އޭނަ ވަރު މީހެއް ނެތް ވިއްޔާ. ކީއްކުރާނީ. އެއުޅޭ ފިރާޝްއަށް ނިކަން ބަލާލަބަ. ކޯޗެއް މަދީ. މުއްސަދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު. ސާރާ ދެކެ ލޯބިވޭ. ދެން ކޮބާ މައްސަލައަކީ. ހަމަޔަޤީނުންވެސް ދީމައަށް ވުރެ އުފަލުގަ ސާރާ ގެންގުޅޭނެ." އެކުވެރިންގެ ވާހަކަތަށް ސާރާ ކަނުލާ އަޑުއެހިއެވެ.

" ސާރާ! އަދިވެސް ވަގުތު ފާއިތެއްނުވޭ. ފިރާޝް އެހެރީ ސާރާގެ އިންތިޒާރުގައި. އަދި އެއްފަހަރު ވިސްނާލާ"

ސާރާ އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެކުވެރިންގެ ވާހަކަތަކާމެދުގައެވެ. މިހެން އިންދާ ދީމް އެތަނަށް އައެވެ.

" ސާރާ. ކިހިނެއްވެފަތަ ތިއިނީ. ހާދަ ކަންބޮޑުވެފަ. އަނެއްކާ ޓެސްޓު އުނދަގޫވީތަ!" ދީމް އަހާލިއެވެ.

" އުހު! އެހެނެއްނުން" ސާރާ ދިނީ ކުރު ޖަވާބެކެވެ.

" ދީމް. އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ. އަހަރެން މިދަނީ ގެއަށް." މިހެން ބުނެ ސާރާ ކެންޓީނުން ނުކުތީއެވެ. ދީމް އިނީ ސާރާއަށް ވީގޮތެއް ނޭނގިފައެވެ.

މިއަދަކީ ކޯހުގެ އެންމެ ފަހު ދުވަސްކަމުން ދީމް ސާރާ ފެނޭތޯ ވަރަށް ހޯދިއެވެ. އެކަމަކު ދީމްއަށް ސާރާ ނުފެނުނެވެ. މާޔޫސްވެހުރެ ދީމް ގޮސްވަނީ ކެންޓީނަށެވެ. ކަންދިމާކުރިގޮތުން އެތަނުގައި ސާރާވެސް އުޅެއެވެ. ދީމް ސާރާއޭ ކިޔާ ގޮވާލިއެވެ. ސާރާއަށް އަޑު އިވުނުކަމުގައި ވިޔަސް އަޑުއިވޭ ކަމަކަށް ނަހަދައެވެ. މިހާރަކަށް އައިސް މިއީ ސާރާ ހަދާގޮތެވެ. ދީމް ހުންނަނީ އެކަމާ ވަރަށް ދެރަވެފައެވެ. ދީމް ގޮސް ސާރާ އިން މޭޒުކައިރީ އިށީނެވެ. އަދި ސާރާގެ މޫނަށް ބަލާލިއެވެ. ސާރާ އިނީ އިސް ޖަހައިގެންނެވެ. އިރުކޮޅަކުން ނުކުމެގެން ހިނގައްޖެއެވެ. ސާރާގެ ފަހަތުން ދީމް ވެސް ނުކުތެވެ. ދީމް ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

" ސާރާ. ރުޅި އައިސްގެންތަ ތިހިރީ"

ނޫނެކޭ ބުނުމުގެ ގޮތުން ސާރާ ބޯ ހޫރާލިއެވެ.

" ދެން ކީއްވެ އަހަންނާ ވާހަކަ ނުދައްކާ ތިދަނީ. މިހާރަކަށް އައިސް ސާރާ ބަދަލުވެއްޖެ ހެން އަހަންނަށް ހީވަނީ. ކީއްވެ ސާރާ. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ.."

" ދީމް. އަހަރެން ދީމް ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. އަދި ތިހެން ކިތަންމެ ވަރަކަށް އަހަރެން ފަހަތުން ދުވިޔަކަސް ދީމް އަކަށް އަހަންނެއް ނުލިބޭނެ. މި ގުޅުމަށް އަހަރެން ކީއްކުރަން އަހަރެންގެ މައިންބަފައިންވެސް ގަބޫލެއް ނުވާނެ. ދެން ރަނގަޅުވާނީ އަހަރެން ފަހަތުން ނައިއްޔާ "

ސާރާގެ ވިހަގަދަ ބަސްތަކުން ދީމްގެ ހިތް ކުދިކުދި ކޮށްލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ސާރާ އަޅާވެސް ނުލާ ހިނގައްޖެއެވެ. އެވަގުތު އޭނަ ހިތަށް އެރިއެވެ. އަހަރެން މިހިރީ ދުނިޔޭން އެކަނިވެ ބާކީ ވެފައެވެ. ސާރާއާ ނުލާ އަހަރެންގެ ދިރިއުޅުން ބޭކާރެވެ.

ކޯސް ނިމުން ސާރާ ދީމްއަށް އަންގާ ވެސް ނުލާ މާލެ ފުރައިގެން ދިއައީއެވެ.

މިއަދަކީ ސާރާގެ ހަޔާތަށް އައި ވަރަށް އުފާވެރި ރެއެކެވެ. ސާރާ ކައިވެނިކުރީ ފިރާޝް އާއެވެ. ފިރާޝްއަކީ މުއްސަދި ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. މިއަދު ސާރާއަށްވުރެ އުފަލުގަ އުޅޭ މީހަކު ނެތެވެ. ސާރާއާއި ފިރާޝްގެ ކައިވެންޏަށް އަހަރު ފުރުނުތަނާހެން ސާރާ ބަޑުބޮޑު ވެއްޖެއެވެ. ފިރާޝް މިހާރު މުޅިންވެސް އުޅެނީ ރަށުން ބޭރުގައެވެ. ވިޔަފާރި ކަމެއްގައޭ ކިޔާފައެވެ. އެހެނަސް މިހާރަކަށް އައިސް ފިރާޝްގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ސާރާއަށް ފާހަގަ ކުރެވެއެވެ. ރަށުގަ އުޅުނަސް ގެއަށް ވަދެލަނީ މަދުފަހަރަކުއެވެ. ކޮންމެ ގޮތެއްވިޔަސް ސާރާ ބޭނުންވީ ފިރާޝްގެ ދިރިއުޅުމަށް މިއައީ ކޮންކަހަލަ ބަދަލެއްތޯ ބެލުމަށެވެ. އެގޮތުން ސާރާ އަށް އެނގުނީ ފިރާޝް އެހެން އަންހެން ކުއްޖެއް ގާތަށް ދާކަމެވެ. އޭގެ ފަހުން ސާރާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެއީ ކޮން ކުއްޖެއްތޯ ފިރާޝް ކައިރިން ކިތަންމެ ފަހަރަކުވެސް އަހާނަމޭ ހިތަށް އަރައެވެ. އެކަމަކު މިހާރަކަށް އައިސް މާ ރުޅިގަދަވެފަ ހުންނާތީ އަހަން ޖެހިލުންވަނީއެވެ. ސާރާ ވަރަށް ކެތްކުރިއެވެ.

އެއްދުވަހަކު ފިރާޝް ކޮޓަރީގައި އޮތްވާ ސާރާ ވަރަށް ހިތްވަރުކޮށްފައި އެއީ ކޮންކުއްޖެއްތޯ އަހާލިއެވެ. ފިރާޝް އަޅާވެސް ނުލިއެވެ. ދެވަނަފަހަރަށްވެސް ސާރާ ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. ފިރާޝް ފުންމައިގެން ތެދުވެ ސާރާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އޭނަ ދެއަންބަށް މީހަކާ އިންނަން އުޅޭ ވާހަކަ ބުނެލިއެވެ. އެވަގުތު ސާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ފިރާޝް ސާރާ ކޮއްޕާލުމުން ސާރާ ގޮސް ޖެހުނީ އަލަމާރީގެ ދޮރުފަތުގައެވެ. ޖެހުނުލެއް ބާރުކަމުން މަންމާއޭ ކިޔާ ގޮވައިގަނެވުނެވެ. ފިރާޝް އަޅާވެސްނުލާ ނުކުމެގެން ދިޔައީއެވެ.

ދުވަސްތައް ފާއިތުވެގެން ދިޔަ ވަރަކަށް ފިރާޝްގެ އަނިޔާތައްވެސް ދިޔައީ އިތުރުވަމުންނެވެ. އެއަނިޔާތަކަށް ސާރާ ވަރަށް ކެތްކުރެއެވެ. ހަމައެކަނި ބަނޑުގައި އޮތް ދަރިފުޅަށްޓަކައެވެ. ސާރާގެ ބަނޑަށް މިހާރު 8 މަސް ފުރެނީއެވެ. ވިހަން ކައިރިވާ ވަރަކަށް ސާރާގެ ފިކުރު ދިޔައީ ބޮޑުވަމުންނެވެ. ދަރިފުޅުގެ މުސްތަގްބަލާ މެދުގައެވެ. ފަހަކަށް އައިސް ފިރާޝްގެ ފަރާތުން ސާރާއަށް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އެފަކީރު އުޅޭހާލު އެގޭނީ ހަމައެކަނި ހެއްދެވިފަރާތަށެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ސާރާ އިނީ ޓީވީ ބަލާށެވެ. ފިރާޝް ގެއަށް އައިކަމެއް ސާރާއަކަށް ނޭނގެއެވެ. ސާރާ އޭ ކިޔާ ގޮވާލިއަޑަށް ސިއްސައިގެން ގޮސް ސާރާ ބަލާލިއިރު ކޮޓަރީ ދޮރުމަތީހުރީ ފިރާޝްއެވެ. އައިގޮތަށް އައިސް ޒީނާގެ އިސްތަށިގަޑުގައި ހިފެހެއްޓިއެވެ.

"ހަމަ މިހާރުދޭ ފެންތައްޓެއް ގެނެސްދޭން" ފިރާޝް އަމުރުކޮށްލިއެވެ.

ސާރާ ރޮމުން ބަދިގެއަށް ގޮސް ފެންތައްޓެއް ގެނެސް ދިނެވެ. ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ބާކީ ހުރި ފެން ސާރާގެ މޫނަށް ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ސާރާ ބާރުބާރަށް ގިސްލާފައި ރޮނީއެވެ. ސާރާގެ ހަޔާތަށް މިއައީ ވަރުގަދަ ފިރިއެކޭ ހިތަށްއެރިއެވެ. ހަމަ އެވަގުތު މާކުރީގެ ހަނދާނެއް އާކޮށްލިއެވެ.

ދީމްއާ ސާރާ އެކުގައި އުޅުނު ހަނދާނެވެ. ދީމްގެ ހިތްހެޔޮކަމެވެ. އަދި އެ ލޯބީގާ އޭނަ ކޮޅުފައިން ޖެހި ހަނދާނެވެ. ދީމްފަދަ ފަގީރު ކުއްޖަކާ ދޭތެރޭ އެގޮތަށް ކަންތައް ކުރެވުނީމަ އެކަމާ މިއަދު ސާރާ ވަރަށް ދެރަވެއެވެ. އެވަގުތު ދީމްއަށް ކުރެވުނު އިހުސާސް މިއަދު ސާރާއަށް ކުރެވޭ ކަހަލައެވެ.

ސާރާ މިކަހަލަ ހިޔާލެއްގައި އިންދާ ފިރާޝް ނުކުމެގެން ދިޔަ ތަން ފެނުނެވެ. އަތުގައި ވަރަށް ރީތި މާބޮނޑިއަކާއި ޕާރުސަލެއް އޮތެވެ.

"އަނެއްކާ ފިރާޝް މިދަނީ ކޮންތާކަށްބާ " ސާރާ ހިތާހިތާ ކިޔާލިއެވެ.

ފިރާޝް މިދަނީ ކޮންތާކަށްތޯ ބަލާނަމޭ ހިތާ ސާރާ ފިރާޝްގެ ފަހަތުން ދިޔައެވެ. ފިރާޝް މިސްރާބް ޖަހާލީ އާޓިފިޝަލް ބީޗާ ދިމާލަށެވެ. ފަހަތުން ސާރާ ވެސް ދިޔައެވެ. މާގިނައިރެއްނުވެ ތަންކޮޅެއް ދުރުން އަންހެން ކުއްޖަކު އަންނަތަން ފެނުނެވެ. ސާރާ އެތަނުގައި ހުރި ގަހަކާ ނިވާވެލިއެވެ. ކައިރިއަށް އައުމުން އެއީ ކާކުކަން އެނގުނެވެ. އެއީ އެމީހުންނާއެކު ކޯހުގަ އުޅުނު އާމިލާ އެވެ. އާމިލާ ދުވެފަ ކަހަލަ ގޮތަކަށް ގޮސް ފިރާޝްގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ސާރާ ލޯމަރާލިއެވެ. ހީވީ ގަޔަށް ތޫނު ކަށިތަކެއް ހެރުނުހެންނެވެ. ސާރާ އެނބުރި ގެއާދިމާލަށް ހިނގައިގަތެވެ. ގެއާހަމައަށް ނުދެވެނީސް ސާރާ ބަނޑުގައި ރިއްސަން ފަށައިފިއެވެ.

" މަންމާ " ބޭއިޙްތިޔާރުގައި ސާރާއަށް ގޮވައިގަނެވުނެވެ. ނަސީބަކުން ކުރިމަތިން އައި ކާރެއްގަ އިން މީހަކަށް ސާރާ ބަޑުގަ އަތް އަޅައިގެން ހުއްޓާ ފެނިގެން އޭނަ ހޮސްޕިޓަލަށް ގެންދިޔައެވެ. މާގިނައިރެއްނުވެ ސާރާ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ.

ސާރާ ހޮސްޕިޓަލުގަ އޮންނަތާ ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ފިރާޝް ލޮލަށްވެސް ދައްކާނުލައެވެ. ދެދުވަސް ފަހުން ސާރާ ގެއަށް ފޮނުވާލެވުނެވެ. ގެއަށްއައި އިރު ފިރާޝް ގެއަކު ނޫޅެއެވެ. ސާރާ ހިތަށް އެރިއެވެ. ލަނޑެއްދޭނަމެވެ. މިހެންކިޔާފައި ކޮންމެވެސް ގޮތަކުން އާމިލާގެ ފިރިމީހާގެ ނަންބަރު ހޯދައިފިއެވެ.

ޖެހިގެންއައި ރެއެވެ. ސާރާ އޮތީ ދަރިފުޅު ނިންދަވަން ކޮޓަރީގައެވެ. ފިރާޝް ރީތިވެލައިގެން ބޭރަށް ހިނގައްޖެއެވެ. ސާރާ ފުރުސަތުގެ ބޭނުން ހިފިއެވެ. އާމިލާ ފިރިމީހާއަށް ގުޅާފައި އާމިލާ މިވަގުތު ކޮންމެވެސް ފިރިހެނެއް ކައިރީ ބީޗުގަ ހުރި ވާހަކައާއި ގަބޫލްނުކުރެވޭނަމަ އެތަނަށް ގޮސް ބަލާށޭ ބުންޏެވެ. ފޯނުބޭއްވުމަށްފަހު ސާރާ ވެސް އަވަސްވެގަތީ މަންޒަރުބަލަން އެތަނަށް ދިއުމަށެވެ. ގޭގައި ގެންގުޅޭ ކުއްޖަކު ކައިރީ އަންނަންދެން ދަރިފުޅު ބަލާށޭ ބުނެފައި ސާރާ ބީޗަށް ދިޔައެވެ.

އާދައިގެ މަތިން އާމިލާއާއި ފިރާޝް ތިބީ މާފޮޅުވާށެވެ. ލޯބީގެ ބަގީޗާގައި ފަރިވެ ފޮޅެމުންދާ މާތަކުގެ މީރުވަހުން ގަތާލެވިފައިވާ ގުލްދަސްތާތަކުގެ ތެރޭގައި ވަކިވުމެއް ނުވާހެން ވައުދާ ހުވާތައް ކުރާށެވެ. މިހެންތިބި އިރު ފިރާޝް އާމިލާގެ ފިނިފެންމަލެއް ފަދަ މޫނަށް ބަލައިލައެވެ. އާމިލާ ލަދުންގޮސް އޭނަގެ މޫނުގައި އަތް އަޅާލައެވެ. ފިރާޝްގެ އުނގުތެރޭގައި އޮވެގެން އާމިލާ އޭނަގެ ހިތުގެ ހުރިހާ ޝުއޫރުތަކެއް ފިރާޝްގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައެވެ. އެވަގުތު ހަނދުވެސް އެދެމީހުންނަށް ތަންދީފައި ވިލާކޮޅަކާ ނިވާވެލިއެވެ.

އެވަގުތު ކުއްލިއަކަށް އެދެމީހުންނަށް ހޭވެރިކަންވީ މީހަކު ވަރަށްބާރަށް އޭ ބަލަ މިހިރަ ގޮތްކުޑަ އަންހެނާއޭ ކިޔާ ގޮވާލިއަޑަށެވެ. އާމިލާއަށް ބަލާލެވުނެވެ. ކަމަކުދާކަށްނެތެވެ. ކުރިމަތީގައި ރުޅިއައިސް ރަތްވެފާ އެހެރީ އާމިލާގެ ފިރިމީހާއެވެ. އާމިލާއަށް ފުންމައިގެން ތެދުވެވުނެވެ. އެ އައި ގޮތަށް އައިސް އާމިލާގެ ކަންކަށިމަތީ ބާރުއެތިފަހަރެއް އަޅާލިއެވެ. ސާރާ ހުރީ މަންޒަރު ބަލާށެވެ.

މާދުރުން މަންޒަރު ބަލަން ނުހުރެވިގެން ސާރާ އެމީހުންނާ ތަންކޮޅެއް ކައިރިވެލިއެވެ. އާމިލާ ފިރިމީހާ އޭނަ އަތުހިފާ ނަގާ ދާން އެނބުރިގަތެވެ. އެވަގުތު އޭނައަށް ކުއްލިޝޮކެއް ލިބުނު ކަހަލައެވެ. އާމިލާ އަތުން އޭނައަށް ދޫކޮށްލެވުނެވެ. ވީނުވީއެއް ނޭނގި އާމިލާ ހުރީ ހައިރާންވެފައެވެ. ދާދި ދެންމެއަކު ރުޅިގަދަވެފަ ހުރި މީހާ މިހާރު އެހެރީ ފިނިވެފައެވެ.

ސާރާގެ ހާލަކީވެސް މިއީއެވެ. ކަޅިވެސް ޖަހާނުލާ ބެލެނީ އެ މޫނަށެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ސާރާގެ ލޯތްބަށް އެދި އާދޭސްކުރި ދީމްއެވެ. ސާރާއަށް ހޭވެރިކަންވީ ފިރާޝްގެ އަޑުންނެވެ.

" ސާރާ! ސާރާ ދޯ މިހުރިހާ ކަމެއް ކުރީ .ތީ ހާދަ ނުލަފާ އަންހެނެކޭ " ފިރާޝް ސާރާގެ އިސްތަށިގަޑުގަ ހިފުމުން ދީމްއަށް ކެތްނުކުރެވުނެވެ.

ފިރާޝްގެ އަތުތެރޭން ސާރާ ދަމައިގަތެވެ. ސާރާ ދީމްގެ ފުރަގަހަށް ވަދެ ފިލީއެވެ. އެއިންވެސް ފިރާޝް ނެގީ އެހެން މާނައެކެވެ.

"ތީދޯ ތިކުރާކަމަކީ. އަދިވެސް ތިލޯބީގެ ކުޅިގަނޑު ނިމުމަކަށް ނާދޭދޯ! "

" އަހަރެންތަ އަދިވެސް ކުޅިގަނޑެއް މިކުޅެނީ. ފިރާޝްއެއްނު މީހުންގެ އަނބިން ކައިރިއަށް ތިދުވަނީ " ސާރާ ރައްދު ޖަވާބު ދިނެވެ.

" މިހާރު އަހަރެން ކުރިމަތީ އަގަވެސް ގަދަ ކުރަންފެށީތަ!"

"އާ! ވަރަށްގިނަ ދުވަހު އަހަރެން ކެތްކޮށްފިން. ދެންނުވާނެ.." ސާރާ ބުނެލިއެވެ.

" އެހެންވިއްޔާ ދޭ! ތިހިރީ ވަރިކޮށްފަ!" ފިރާޝްގެ މިޖުމްލައިން ސާރާ ސިހުނެވެ.

ފިރާޝް އައިސްފަ ހުރި ރުޅީގަ ހަމަ އެވަގުތު ސާރާ ވަރިކޮށްލިއެވެ. ސާރާއަށް ރޮވެނީއެވެ. އާމިލާވެސް ހުރީ ހައިރާންވެފައެވެ. ފިރާޝް ދާން ހިނގައިގަތުމުން އާމިލާ އޭނަގެ އަތުގަ ހިފެހެއްޓިއެވެ. އަދި ބުންޏެވެ.

" ދީމް! އަހަންނަށް މާފްކުރޭ. އަހަންނަށް ފިރާޝްއާނުލާ ނޫޅެވޭނެ. ދީމްއާ އަހަރެން ކައިވެނި ކުރީ އުފާވެރި ދިރިއުޅުމެއް ލިބޭތޯ. އެކަމަކު ދީމްގެ މާޒީގެ ހަނދާންތަކާ ހުރެ އަހަންނަށް ދީމްގެ ފަރާތުން ލޯތްބެއް ނުލިބުނު. އެލޯބި އަހަންނަށް ދިން މީހަކީ ފިރާޝް. އަހަރެން ބޭނުމީ ފިރާޝްއާއެކު އުޅެން. އަހަންނަށް މާފްކުރޭ." އާމިލާ އާއި ފިރާޝް ހިނގައްޖެއެވެ.

ސާރާ އަދިވެސް ރޮނީއެވެ. ދީމް އޭނަގެ ކަރުނަތައް ފޮހެދިނެވެ. އަދި ބުންޏެވެ.

"އަހަރެން އާމިލާއާ ކައިވެނިކުރީ ސާރާގެ ހަނދާންތަކާ ދުރަށްދާން. ވަރަށް މަސައްކަތް ކުރިން .އެކަމަކު........ސާރާ! އަހަރެން އަދިވެސް ސާރާ ދެކެ ލޯބިވޭ."

މިއަދު ސާރާއަށް ވިސްނުނެވެ. " އަހަންނަކީ ދީމްގެ ކުށްވެރިއެއް. އަހަންނަށް ދީމްއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން މިހާރު އިހުސާސް ކުރެވޭ. ދީމް އަހަންނަށް މާފްކުރޭ." ރޮމުން ސާރާ ބުނެލިއެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަފާާތެރިޔާ

    އަޒީޒްގެ ވާހަކަތައް ވަރަށް ރީތި.އަހަރެން ވަރަށް ގިނައިން އަޒީޒްގެ ވާހަކަ ކިޔަން. ވަރަށް ސަޅި. ހީވަނީ އަމިއްލައަށް ތަޖުރިބާކޮށްފަ ލިޔެފައިވާ އިން ވާހަކައެއްހެން މީ. ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. މާޝާ ﷲ ކީޕް އިޓް އަޕް.