ރަމަޟާން މަހާއެކު، ސުފުރާމަތިން ފެންނަ އެއް ބާވަތުގެ މޭވާއެއް އިދެއެވެ. އެއީ ކަދުރެވެ. ކަދުރަކީ ފޮނި، އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

އާއްމުކޮށް ރަމަޟާން މަހު ރޯދަ ވިއްލާ ވަގުތު ކާ ކަދުރަކީ ސިއްޙީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. މީގެ ތެރެއިން ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ.

ބަރުދަން އިތުރުކުރުން : ބުނެވޭގޮތުގައި ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުން ކަދުރާއި، ކިއުކަމްބާ ޗިސްކޮށްގެން ހަދާފައި ހުންނަ ޕޭސްޓާއި އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވާކަމަށް ބުނެއެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން : ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީ ބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެ ތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ، އިތުރުކަމަށް ބުނެވެއެވެ.

ލޭމަދުވުން : ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ.

ލޮލުގެ ދުޅަހެޔޮކަން : ކަދުރުގައި މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމުގައިވާ، ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވާކަމަށް ބުނެއެވެ. މީގައި ހިމެނޭ މުހިއްމު ކެރޮޓިނޮއިޑެއް ކަމުގައިވާ ޒިއެޒެންތިންގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަންގެ މައްސަލައިން ރައްކާތެރިވުމުގައި އެހީތެރި ވެދެއެވެ.