ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައި އެނބުރޭ އާދަޔާއި ޚިލާފަށް ބޮޑު ގިނިހިލައަކާއި އޭގެ ވަށައިގެން ދައުރުވާ "ހަނދެއް" ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

"1999 ކޭޑަބްލިއު ފޯ"ގެ ނަމުން ނަންދީފައިވާ މި ގިނިހިލައާއި އޭގެ ހަނދު ދުނިޔޭއާއި އެންމެ ގާތުން ދަތުރުކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މިއީ ފާއިތުވެދިޔަ ވިހި އަހަރުގެ ތެރޭގައި މި ހަނދު ދުނިޔެ ހުރަސްކޮށްފައިދާ ދެވަނަ ފަހަރެވެ.

20 މޭއި 1999 ގައި ސައިންސްވެރިން ހޯދާފައިވާ މި ގިނިހިލައަކީ ދުނިޔެއެކޭ އެއްފަދައިން މި ސޫރުދަ ނިޒާމުގެ އިރު ވަށައިގެން ދައުރުވާ ގިނިހިލައެކެވެ. މިއީ ދުނިޔެ ކައިރިން ދައުރުވާ ނުރައްކާތެރި ގިނިހިލަތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ގިނިހިލައަކަށް ވާއިރު، އޭގެ ފުޅާމިނުގައި 1.3 ކިލޯމީޓަރު ހުންނަކަން ސައިންސްގެ ހޯދުންތަކުން ވަނީ އެނގިގެން ގޮސްފައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ދުނިޔެ އާއި ގާތުން "1999 ކޭޑަބްލިއު ފޯ" ދަތުރު ކުރިނަމަވެސް، ގިނިހިލަ ނުވަތަ އޭގައިވާ ހަނދު ދުނިޔެ އާއި ފުށުއަރައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވެއެވެ. ސައިންސްވެރިން ބުނާގޮތުގައި މި ގިނިހިލަ މިފަހަރު ދަތުރުކުރާނީ ދުނިޔެ އާއި އެތައް މިލިއަން ކިލޯމީޓަރެއް ދުރުންނެވެ. އެހެންކަމުން ހަމަލޮލަށް ގިނިހިލަ ފެނުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް 8 އިންޗި ޑައިމީޓަރުގެ ޓެލެސްކޯޕެއް މެދުވެރިކޮށް ގިނިހިލަ ފެންނާނެއެވެ.

2036 ވަނަ އަހަރު ދުނިޔެ އާއި އާދަޔާއި ޚިލާފަށް ކައިރިން "1999 ކޭޑަބްލިއު ފޯ" ދަތުރުކުރާނެ ކަމަށް ހޯދުންތައް ހެކިދެއެވެ. އެ އަހަރުގެ މޭއި މަހު މި ގިނިހިލަ ދުނިޔެއާއި އެންމެ ގާތުން ދަތުރުކުރާ ވަގުތު އެއާއި ދުނިޔެއާއި ދެމެދު ހުންނާނީ 2.3 މިލިއަން ކިލޯމީޓަރު ކަމަށް ބެލެވެއެވެ. މިއީ ކައުނުގެ ބޮޑުމިނާއި މި ސޫރުދަ ނިޒާމުގައިވާތަކެއްޗާއި ދެމެދު ވާ ދުރުމިނަށް ބަލާއިރު ވަރަށް ކައިރި ދުރުމިނެކެވެ. އެ އަހަރު ގިނިހިލަ ދުނިޔެ މަތިން ދައުރު ކުރާ ވަގުތު ހަމަލޮލަށް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާބީ

    ހާބީ ކުދީންކޮޅު ދުރުމިއެއް ހޯދަން ފެނޭ. އެޔަކީ ސައެންސެއް ނާސާއެއް ގަބޫލު ކުރާ ބައެއް ނޫން.

    3
    8
  2. ހެހެހެ

    އެތީސްޓް ކުދިންކޮޅުގެ ގަމާރު ސިކުނޑި ހުޅުވެން އެބަޖެހޭ.

    8
    1