އިހްސާސް ތަކަކީ ހަމައެކަނި އަންހެނުންނަށް ކުރެވިގެންވާނެ އެއްޗެއް ނޫނެވެ. އަންހެނުން ދެރަވެ، ހިތްދަތިވާ ގޮތަށް އަހަރެމެން ފިރިހެނުންގެ ވެސް އިހްސާސްތައް ވާނެކަން އެމީހުން ނުދަންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެމެން ހިތުގައި ޖައްސާ ރޮއްވާ ދެރަކޮށްލާއިރު، ކަހަރުވަކޭ ވެސް ހިތަށް ހަމަ ނާރަނީ ހެއްޔެވެ؟ ބޭފަތެރިވެ ދޫކޮށްދާއިރު އަހަރެމެން ފިރިހެނުންގެ މޭ 'ކަރައިގެން' ދާނެ ކަމެއް ނޭނގޭ ހެއްޔެވެ؟

އަންހެނަކަށް މީހަކު ބޭވަފާތެރި ވެއްޖެނަމަ މޮޅު ގޮތްގޮތަށް ފޮނި ތޮށި ކާފޫރު ތޮށި އަޅައިގެން ނިކަން އެ ވާހަކަ ދައްކާނެއެވެ. އޮޅިގެން ނަމަވެސް ނުވަތަ ގަސްތުގައި ބޭވަފާތެރި ވުމުގެ ގޮތުން ނޫންނަމަވެސް ފިރިހެނަކަށް ގޯހެއް ހެދިއްޖެނަމަ، އެހާ ހިސާބުން ދެން ދުނިޔެ ޤިޔާމަތްވީ ކަހަލައެވެ. ކަންތައް ގަނޑު އެއޮށް ބޮޑު ކޮށްލާ ގޮތުން އަޖައިބުވެ އަންތަރީސް ވާހައިވެއެވެ.

ޤަބޫލުކުރަމެވެ. އިންސާނުންނަށް ކުށްކުރެވިދާނެއެވެ. ފިރިހެނަކު ހަމަ 'ގަސްތުގައި' ވެސް ބޭވަފާތެރިވެދާނެއެވެ. މިފަދައިން، އަންހެނުން ވެސް ހަމަ 'ގަސްތުގައި' ބޭވަފާތެރިވާކަމަށް ވެސް އަޅެ އެއްބަސްވެ ބަލާށެވެ. ކުޑަމިނުން އަހަރެންނަށް ތިހެން ހެދުމުން ދެރަވާނެ ވަރު އެއްފަހަރު ނަމަވެސް ހިތަށް އަރުވާލަ ބަލާށެވެ. ގައިމު އަހަރެންގެ ވެސް އޮންނަނީ ހަމަ ތި ކަމަނާ އޮންނަ ކަހަލަ ހިތެކެވެ. އަހަރެންނަށް ނުރިހިފައި އެއްޗެއް އަޑުލައި ބުނެވިއްޖެނަމަ، ކަމަނާ ދެރަވާ ފަދައިން އަހަރެން ވެސް ކަމަނާގެ ތި އަމަލުތަކުން ދެރަ ވާނެކަން ވިސްނަބަލާށެވެ.

އަހަރެންނަށް އަލަށްވެސް ބަލަށްވެސް ލޯބި ވެވުނީ ހަމަ އެކަނި ކަލާ ދެކެކަން، ބިއްލޫރި ކޮޅެއްހައި ސާފުކޮށް ކަލާއަށް އެނގޭނެއެވެ. ކަލާ ނޫން އިތުރު އަންހެނަކަށް އަހަރެންގެ ހިތުން ޖާގަ ނުލިބޭނެ ވާހަކަ އަކީ އިއްޔެއަކު މިއަދަކު ކަމަނާ ގާތު އަހަރެން ބުނާ ވާހަކަ އެއް ނޫނެވެ. އެކަން ކަމަނާއަށް ސާފުކޮށް އެނގޭނެއެވެ.

އަހަރެންގެ ލޯތްބަށް ކަމަނާ ރުހި، މި ލޯތްބަށް އިޖާބަ ދިން ފުރަތަމަ ދުވަސް މަތިން މިހާރުވެސް އަހަރެން ހަނދާން އެބަ ހުއްޓެވެ. އެ ދުވަހު އަހަރެން ކަމަނާއަށް ވެދުން ކުރި ރަތް ފިނިފެންމަލުގެ ގުލްދަސްތާ ފެނި، ކަމަނާއަށް ލިބިގެން ދިޔަ ސިހުން މި ވަގުތުވެސް އަހަރެންނަށް ތަސްވީރުވާކަހަލައެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ ރަށުގައި ކިތަންމެ 'ލަޓޯފަޓޯ' ވެގެން ތެޅިބާލާ ފިރިހެނެއް ކަމުގައިވިޔަސް، އަންހެނެއް ކުރެ ލޯބިވާ ވާހަކަ ބުނަން ނުލާހިކު ފަސްޖެހޭ ލަދު ގަންނަ ކުއްޖެއް ވިއްޔާއެވެ. މަގުމަތިންދާ ވަރުވަރުގެ އަންހެނުންނާ ލައްކަ ގިނައިން ފޮށެމެވެ. އެކަމަކު މި ހިތުގެ ތެޅުން އެއްބުރުން ހުއްޓުވާލި ތި ކަމަނާ މަގުމަތިން ފެނިގެން ދުވަހަކުވެސް ފޮށުނިން ހެއްޔެވެ؟

އެއް ރަށެއްގައި ދެ މީހުންވެސް އުޅެ ބޮޑުވަމުން ދިޔައީ އަހަރެންނަކީ 'ފިނޑި' ފިރިހެނެއް ކަމަށް އެހެން މީހުން ނިންމުމަށް ފުރުސަތު ދޭ ހާލުގައެވެ. ރަށުގައި 'ކުރަން ނުކެރޭ' އެއް ކަމެއް ވެސް އަނެއްހެން ނޯންނާނެއެވެ. އަހަރެން އެހާވެސް 'ދާދާ'އެވެ. އެހާވެސް ނުލަފާ ވެފައި ހަޔާތް ކުޑައެވެ. އެކަމަކު ކަމަނާގެ ލޯތްބަށް މީގެ ކުޑަ ވިޔަސް އަސަރެއް ކުރިޔަކަ ދިނިން ހެއްޔެވެ؟

ކަމަނާ ކުރެ ލޯބިވާ ވާހަކަ ބުނަން އުޅެ 'ގޮތްގޮތް' ވާ ވަރުން ނުބުނެވި ފަސް އެނބުރި ދާން ޖެހުނީ ކިތައް ފަހަރުކަން އެނގޭ ހެއްޔެވެ؟ ނޭނގެންޏާ، ނިކަން އަހަރެންގެ ރަހުމަތްތެރިޔަކު ކުރެ އަހާލަބަލާށެވެ. ކަމަނާގެ ލޯތްބަށް ފެންބޮވައިގަނެފައިވާ މީހެއް ފަދައިން، ކަމަނާ ފަހަތުން މުގޯލި އަޅަމުން ދުވުނީ ކިތައް ރޭކަން ވިސްނުމަށް ވެސް ނުގެނެވޭނެއެވެ. ކަމަނާ ދިޔަ ތަނަކަށް ފަހަތުން ގޮސް، ކަމަނާގެ އަމަލުތަކަށް ފާރަ ލެވުނު އަދަދު ގުނަން ވެސް ދައްޗެވެ. ކަމަނާ ދާނެހެން ހީވައި ތަންތަނަށް ފަސްފަހަތުން ގޮސް އުޅެވުނީ ވެސް ހަމަ ތިޔަ ލީބީގައި ދިވާނާ ވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އެހެންނޫންނަމަ، އަހަރެން އެ ފަދަ ކަމެއް ކުރާނެހެން ހީވޭ ހެއްޔެވެ؟ އަހަރެން މިއީ އަހަރެންގެ ރައްޓެހިންވެސް އެ ވައްތަރަށް މަންޖެމެން ފަހަތުން އުޅެން ފެށީމައި، އެކަމަށް މަލާމަތްކޮށް ހަޖޫޖަހާ އުޅުނު މީހެއް ވިއްޔާއެވެ. ވީއިރު، އެހާ ބޮޑު އެދުމެއް ނެތްނަމަ، އަހަރެން އެފަދަ ދަރަޖައަކަށް ވެއްޓި، ރައްޓެހިންގެ އިނގިލިތަކުގެ އަމާޒަކަށް ވާނެހެން ހީވޭ ހެއްޔެވެ؟

ކަމަނާގެ ހިތް ރުއްސަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭތޯ ދިޔައީ ބަލަމުންނެވެ. ހަމަ ތިޔަ ލޯބި މިހިތަށް ބޭނުންވާލެއް ބޮޑު ކަމުންނެވެ. މިހިތް ކަމަނާގެ ކުލުނުން ފުރާލަ ދޭނެ ކަމުގެ ފޮނި ފޮނި އުންމީދު ހިތުގައި ބާއްވައިގެންނެވެ. ކަމަނާ ބޭނުމީ މިވެނި ފިހާރައެއްގައި ހުރި މިވެނި އެއްޗެކޭ ބުނުން އޮންނާނީ ލަސްވެފައެވެ. ކޮށްދެވެން އޮތް އެންމެ ފުރިހަމަ ގޮތަކަށް އޮންނާނީ ކޮށްދީފައެވެ. މިއީ ދޮގެކޭ ބުނަން ހަމަ ގައިމުވެސް ކަމަނާގެ ތި އަނގަ ހުޅުވާކަށް ލާހިކެއް ނޫނެވެ. ފައިސާ ވެސް ބުނި ވަރަކަށް ބުނި ކަމެއް ކުރަން 'ތަޅާ ބުރުއްސަން' ވެސް އޮންނާނީ ދީފައެވެ. ކޭޝްކާރޑްތައް އެއީ ކަމާނާގެ އަމިއްލަ މިލްކިއްޔާތެއްހެން ގެންގުޅުމުގެ ހުއްދަވެސް ދިނީ ހަމަ ކަމަނާ ދެކެ ވެވުނު މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ. އެއްގޮތަކަށްވެސް 'ކަލަ' ގޮވަނީކީ ނޫނެވެ. އެކަމަކު އޭގެ ނާޖައިސް ފައިދާ ނަގާ، ކަމަނާ އަހަރެން 'ފެލާލި' ގޮތް ހިތަށްއަރާފައި، އިތުރަށް ހިތުގައި މި ވޭނުން ފުރިގެންވާ ޝަކުވާތައް ބަހައްޓަން ބޭނުން ނުވަނީއެވެ. މި ހިތްދަތި އުދާސްތައް ބޭރުކޮށްލާ އައު ހަޔާތެއް އައު ފަތިހަކުން ފަށަން ބޭނުންވަނީއެވެ.

ގައިމު އަހަރެންނަށް މިހެންވާން ޖެހުނީ، އަހަރެންނަށް ކަމަނާގެ އުނގު 'ފައިސާއިން' ފުރާލަ ނުދެވުނީމައެކޭ ނުބުނެވޭނެތާއެވެ. ގައިމު، އަހަރެންނަށް މި ދުވަސް މި ފެނުނީ ކަމަނާ ބުނި ކަމެއް އަހަރެން ކޮށްދެވުމުގެ ކުޅަދާނަކަން ނެތިގެން ނުކޮށްދެވިގެންނެކޭ ވެސް ނުބުނެވޭނެތާއެވެ. ގައިމު މިހެންވާން ޖެހުނީކީ، ކަމަނާއަށް ލޯބި ހުށަހެޅުމުގައި މައްސަލައެއް އުޅެގެނެއް ނޫން ވިއްޔާއެވެ. ކަމަނާއަށް ކަމެއް މަދުވެގެނެއް ވެސް ނޫނެވެ. އެހެންވީއިރު، އަހަރެންގެ ކުށަކީ އަޅެފަހެ ކޮބާ ހެއްޔެވެ؟ އަހަރެންނަށް މިހެން ވާންޖެހުނީ އަޅެ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އުފާތައް ފޭރި ގަތީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މަޤާމަކީ 'ފެން ކައްކާ ބޮލީގެ އިއްޒަތް' ކަމުގައި ހަދާލީ ކީއްވެ ހެއްޔެވެ؟

ޤަބޫލުކުރަމެވެ. އަހަރެން ނަމުން ހަޑިވެފައި ހަމުން ކަޅުވެދާނެއެވެ. ރުކެއްހައި ދިގުވެފައި، އިސްތަށިގަނޑު ފިލްމު ސްޓާރެއްހައި ފަން ނުވެދާނެއެވެ. އަހަރެންނަށްވުރެ އެތައް ގޮތަކުން ރީތި ފިރިހެނުން ކަމަނާއަށް ލިބޭނެކަން ވެސް އެނގެއެވެ. އެކަމަކު ސުވާލަކީ އަހަރެން 'ރީތި' ކަމުގައި ބުނެ ދޮގު ހެދީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ ދިމާލަށް ރީއްޗެއް ނޫނޭ ބުނި ނަމަވެސް މިއަށް ވުރެ މާ ހިތަށް ފަސޭހަ ވީހެވެ. އެހެންނޫންނަމަ، އެ އުންމީދުގައި އަވަރުވެފައި ނުހުރެވުނީވެސް ވިއްޔާއެވެ. މިހާ ބޮޑު 'އޮޅުން ބޮޅުމެއް' ގައި މި ނިކަމެތި ފިރިހެން ކުއްޖާ އުޅެން ނުޖެހުނީސްކަން ޔަޤީނެވެ.

ދެން އޮތީ އަހަރެންގެ ލޯބި ޤަބޫލުކޮށް، އަހަރެންގެ މި ލޯބީގެ ހަޔާތުގައި ކުޅެލަ ދިން 'މޮޅު' ޑްރާމާގެ ވާހަކައެވެ. އަހަރެންނަކީ ކަމަނާގެ އޭ.ޓީ.އެމް ކަމަށް ހަދާލާ، ފެންކައްކާ ބޮއްޔެއްހެން، އެދުން ފުދުނީމާ އެއްލާލާ ފައި ދަށު ކޮށްލީ ކޯއްޗެއް ކެވިގެން ބޮވިގެންކަން އަހަރެންނަށް ބުނެދެވިދާނެ ހެއްޔެވެ؟ އަހަރެންގެ ލޮލުގައި އެހާ މޮޅުކޮށް 'އަނދުން' އަޅުވަން ކެރުނީ ކޮން ހައިސިއްޔަތަކުންކަން އަހަރެންނަށް އަހާލެވިދާނެ ހެއްޔެވެ؟

ލޯބީގެ ގުޅުމުން ގުޅިގެން އަހަރެމެން ދެމީހުންނަށް އުޅެވުނީ ކިތައް ދުވަސްކަން ކަމަނާއަށް އެނގޭހެއްޔެވެ؟ ކުޑަ މިނުން ދޮޅު މަސްވަރުވެސް މި ގުޅުމަށް ނުވާނެއެވެ. އެހާ ދުވަހުގެ ދިގު އިންތިޒާރާއިއެކު އަހަރެންނަށް ކަމަނާގެ ލޯބި ކާމިޔާބު ކުރެވުމުން، އެ ލިބުނު އުފާވެރިކަން އެހާ ދުވަހަކު ދިގުލައި ވެސް ނުދިޔަތާއެވެ. އަހަރެން ހަމަ އެހާވެސް ބަދުނަސީބީބާވައެވެ؟ އެތައް ރޭގެ ނިދި ނަގައިލައިގެން ފޮޅުވަ ދިން މާތައް، މިލާ މޯޅި ތި ކޮށްލީ ހާދަ ރަހުމުވެސް ކުޑަކޮށްނެވެ. ކިތަންމެ އުސް ފައިވާނަކަށް އެރުނު ކަމުގައިވިޔަސް، ތިހާ ފަސޭހައިން ފައިދަށުލާ 'ހިރަފުސް' ތި ކޮށްލީ ގައިމު މި ލޯތްބަށް ތި ހިތުގައި ކުޑަވެސް ރަހުމެއް ކުލުނެއް ނުވިތާކު ޤަދަރެއް ވެސް ނެތީމަތާއެވެ.

އަހަރެން ދޫކޮށް ދިޔުމަށް ކަމަނާ ދެއްކި ބަހަނާގެ މޮޅުކަމުން، އަހަރެން ހަމަ އަންތަރީސްވެ ބަސް ހުއްޓުނެވެ. ކަމަނާގެ މޮޅުކަމާއި ކުޅަދާނަކަމާއި ވިސްނުން ތޫނުކަން ފެނިފައެވެ. މިއޮށް ހުރިހާ ދުވަހު ކަމަނާގެ ނަން ރަން އަކުރުން ހިތުގެ އެންމެ ފުނުގައި ފަވައިގެން އުޅުނުއިރުވެސް ކަމަނާގެ 'އަނދިރިފަރާތް' ކުޑަކޮށްވެސް ރޭކާ ލައިފައި ނުވާތީއެވެ.

އަހަރެން ދެކެ ލޯބި ނުވާ ކަމަށް ބުނެ، ކަމަނާ އަހަރެން މި ހާލަށް ދޫކޮށް ދިޔައީ ވަކި ކޮން މޮޅެއް ނުވެގެން ހެއްޔެވެ؟ އެއްކަމެއްވެސް ވެގެނެއް ނޫނެވެ. ތިއީ ތި ފާޑުގެ 'ބަޑި' އަންހެނުންގެ ވައްތަރުވިއްޔާއެވެ. ކަމަނާ 'ތުންފުއްސަކަށް' ވެގެން ދާއިރުވެސް ލިބޭ ދުނިޔެވީ އުފަލަށް ވިކިފައި ތި ހުންނަނީ ހަމަ އެފަދަ އެހެން އަންހެނުން ފަދައިންނެވެ. ކަމަނާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވިގެން ދާއިރުވެސް ، ހެވިފައި ބަލަހައްޓައިގެން ތި ހުންނަނީ އެއީ މާ 'ގައްޑާ' ކަމެއް ކަމަށް ހީކޮށް ހެއްޔެވެ؟ އެހެންވީރު، އަވަހަށް ތިޔަ ވިސްނުން ބަދަލުކުރަން އުޅޭށެވެ. ލިބޭ ވަގުތީ ހިތްހަމަ ޖެހުމަކަށް ނުވަތަ އުފަލަކަށް، ތިއޮށް އަގުހުރި ރަތްމުތެއްފަދަ ޖަވާހިރު ވިއްކާލާނީ، ވިސްނުން ވަރަށް ނާތަހުޒީބު ވީމަ ވީއްޔާއެއެވެ.

ކަމަނާއެވެ! އަހަރެން އެއްގޮތަކަށްވެސް ކަމަނާއަށް ބަދުބަހެއް ބުނާކަށް ނެތީމެވެ. ދެރަ ގޮތެއް ވާކަށް ވެސް ނެތީމެވެ. އަހަރެންގެ ހިތުގައި ކިތަންމެ ވަރަކަށް 'ވިކާފައި' ހުއްޓަސް، އަހަރެން ކަމަނާގެ ހިތުގައި ޖައްސާ ދެރަކޮށްލާކަށް ނެތީމެވެ. އެކަމަކު މި ހިތުގައި މިވާ ޝަކުވާ ތަކަކީ އަހަރެންގެ ވެސް އިޚްތިޔާރުން ބޭރުގައިވާ އެއްޗެއް ވިއްޔާއެވެ. އެހެންނޫންނަމަ މި ޝަކުވާތަކުގެ ޒަރިއްޔާއިންވެސް ކަމަނާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރީސްކަން ގައިމެވެ. ކަމަނާ ނުވިޔަސް، އަހަރެން ކަމަނާ ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވެއެވެ. އަދި ކުރިއަށް އޮތްތާވެސް މި ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެމެވެ. އެހާވެސް އަހަރެންނަށް ކަމަނާ މުހިންމެވެ. އަހަރެންގެ ލޭގެ އެންމެ ހިމަ ނާރާއިވެސް ގުޅިފައިވަނީ ހަމަ ތިޔަ ކަމަނާ ވިއްޔާއެވެ. މި ހިތުގެ ހިނގުން އަވަސް ކޮށްލެވޭނެ ހަމަ އެކަނި ފަރާތަކީވެސް ތިއީ ވިއްޔާއެވެ. މި ހިތަށް ނުފޫޒު ފޯރުވޭނެ ހަމަ އެކަނި ޖިންސުއްލަތީފަކީވެސް ހަމައެކަނި ތިއީ ވިއްޔާއެވެ.

އަހަރެން މިއަދު ހިތުގައި ފުނިޖެހިފައި މިވާ ޝަކުވާތައް މި ބަނޑުންކޮށްލީ ނުލާހިކު ދެރަވެފައިވާ ހާލުގައެވެ. ހިތުގެ އަޑިން ރޯ ހާލުގައެވެ. ކަމަނާ ކަންތައްތައް ތި ކުރި ގޮތުން، އަހަރެންގެ ހިތުގައިވެސް ޝިކާޔަތުތަކެއް ވާނެކަން ވިސްނޭނެކަމަށް އުންމީދުކުރާ ހާލުގައެވެ. އަދި އަހަރެންގެ މި ވީރާނާ ވެފައިވާ ހަޔާތަށް އައު ފަތިހަކުން އަލިވިލޭނެ ދުވަހެއްގެ އުންމީދުގައިވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާމިލާ

    ތޯއިފް

  2. ނައިސް

    ޢިބާރާތްތައް ވަރަށް ވެސް ފަށުވި...ޝައުޤުވެރިވި ކިޔާލަން..ވަރަށް ސަޅި..މި ކަހަލަ ވާހަކަ ގިނަ ކޮއްލާ ?

  3. ޙުގފގހ

    ޢެހެންހަދާކަން ނުވާނައެއްނޫ......?????