ވެހިކަލްތަކަށް ޚާއްސަކޮށްގެން، ތެލުގެ ބަދަލުގައި ފޭނުން ބޭނުންކޮށްގެން މަސައްކަތްކުރާ އިންޖީނެއް ކާމިޔާބުކަމާއެކު އުފައްދައިފިއެވެ.

މި އިންޖީނު އުފައްދާފައިވަނީ އިންޑިއާގެ ޓެމިލްނާޑޫ އަށް ނިސްބަތްވާ މެކޭނިކަލް އިންޖިނިއަރެއް ކަމަށްވާ ސައުންތިރަރާޖަން ކުމަރަސަމީ ނަމަކަށްކިޔާ މީހެކެވެ. އޭނާ ބުނެފައިވާގޮތުގައި މި އިންޖީނަކީ އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖެން ވަކިކޮށް ބޭރުކުރާ ތިމާވެއްޓާއި ރައްޓެރި އިންޖީނެއް ކަމަށެވެ. މި އިންޖީނު ތެލުގެ ބަދަލުގައި ބޭނުންކުރާނީ ފެނުގައި އެކުލެވޭ ހައިޑްރޮޖެން އެވެ.

ސައުންތިރަރާޖަން ބުނެފައިވާގޮތުގައި މި އިންޖީނަކީ ވެހިކަލްގައި ބޭނުންކުރެވޭނެ އިންޖީނެއް ކަމަށެވެ. އެގޮތުން ދެފުރޮޅުލީ ކުދި ވެހިކަލްތަކުން ފަށައިގެން ބޮޑެތި ޓްރަކްތަކަށްވެސް މި އިންޖީނު ބޭނުންކުރެވޭނެ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ދެން މަސައްކަތް ކުރާނީ އެކި ވެހިކަލްތަކަށް އެކަށީގެންވާ މިންވަރަށް ހަކަތަ ހޯދޭގޮތަށް އިންޖީނުތައް އުފެއްދުމަށް ކަމަށް ސައުންތިރަރާޖަން ބުނެފައި ވެއެވެ.

ސައުންތިރަރާޖަން ބުނެފައިވަނީ ދިހަ ލީޓަރުގެ ފެނުން ގަޑިއަކު 200 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރިމުގެ ޤާބިލުކަން މި އިންޖީނު ބޭނުންކުރާ ވެހިކަލްތަކަށް ލިބޭނެ ކަމަށެވެ.

ސައުންތިރަރާޖަން ބުނެފައިވާގޮތުގައި މި އިންޖީނުގެ މަސައްކަތް ކުރަމުންދިޔައިރު، އޭނާ ވަނީ އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުގެ އެހީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަމުގައި އެހީތެރިވެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ސައުންތިރަރާޖަން ފަހުން ހޯދާފައިވަނީ ޖަމާނުގެ ކުންފުންޏެއްގެ އެހީތެރިކަމެވެ. އޭނާ ބުނެފައިވަނީ މި އިންޖީނު އެންމެ ފުރަތަމަ ބޭނުންކުރަން ފަށާނީ ޖަޕާނުގައި ކަމަށާއި އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިންޑިއާއަށްވެސް މި އިންޖީނު ތަޢާރަފް ކުރުމަށް ވިސްނަމުންދާ ކަމަށް ސައުންތިރަރާޖަން ބުނެފައި ވެއެވެ.

ސައުންތިރަރާޖަން މި އިންޖީނުގެ މަސައްކަތް ކުރަމުންދާތާ ދިހަ ވަރަކަށް އަހަރު ވަނީ ވެފައެވެ. 2010 ވަނަ އަހަރުގައި އޭނާ މިކަމަށްޓަކައި ކުންފުންޏެއް ފަށާފައިވާއިރު، ދާދި ފަހުން ޖަޕާނުގެ ޓޯކިޔޯގައި ވަނީ އެ ކުންފުނީގެ ގޮތްޕެއް ހުޅުވާފައެވެ.