އާދަކޮށް ކޮންމެ ދުވަހަކުވެސް އިވެމުންދާ އަޑަކީ މިއީއެވެ. ދުނިޔޭގެ ކޮންމެވެސް ކަންކޮޅުތަކެއްގައި މުސްލިމުންނަށް އަނިޔާކޮށް މުސްލިމުންގެ ގެދޮރު ގޮއްވާލާ މުސްލިމުން ޝަހީދު ކުރަމުންދާ ވާހަކައެވެ. ނިމުމެއްނެތް މި ޚަބަރުތަކާއެކު މިއީ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ހާދިސާއެކެވެ.

ސީރިޔާގެ ހުޅަނގު އުތުރުގެ ސަހަރެއް ކަމަށްވާ އިދްލީބުގައި މި ނިމުނު ހަފްތާގެ ތެރޭގައި ދިން ހަމަލާއެއް އާއިލާއެއް ދިރިއުޅެމުން ދިޔަ ގެޔަކަށް އަމާޒުވުމާއި ގުޅިގެން އެ އާއިލާގެ އެންމެ ހަނގު، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ފިޔަވައި އެހެން އެންމެން މަރުވެދިޔަ ހާދިސާގެ ވާހަކައިން އެންމެނަށްވެސް ހިތްދަތި އަސަރުތަކެއް ކުރުވިއެވެ.

އުމުރުން ދެއަހަރުގެ ޚަދީޖާ އަލް ހަމްދާން ނަމަކަށްކިޔާ އެ މައުސޫމް ކުއްޖާ އާއި އާއިލާ އުފަލުގައި ދިރިއުޅެމުންދިޔަ ގެޔަށް ހަމަލާތައް އަމާޒުވީ، ސީރިޔާގައި ހަރަކާތްތެރިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) އާއި ދެކޮޅަށް ސީރިޔާގެ އަސްކަރިއްޔާ އާއި ރަޝީޔާގެ ސިފައިން ގުޅިގެން ވައިގެމަގުން ދިން ވަރުގަދަ ހަމަލާތަކެއްގެ ތެރެއިންނެވެ.

މި ހަމަލާތަކުގައި ޚަދީޖާގެ އާއިލާގެ އެންމެން މަރުވެދިޔައިރު، އެ އެންމެންވެސް މަރުވީ އެމީހުން ދިރިއުޅުނު ގެ ގޮއްވާލުމުގެ ސަބަބުން އިމާރާތުގެ ދަށުގައި ތާށިވެގްނެނެވެ. މި ހާދިސާގައި ޚަދީޖާ ސަލާމަތްކޮށްފައި ވަނީ ހަމަލާއަށްފަހު އެ ސަރަޙައްދަށް ދިޔަ އެހީދޭ ޖަމާޢަތަކުން އޭނާ އިމާރާތުގެ ދަށުގައި އޮއްވައި ނަގައިގެންގޮސް ފަރުވާކުރުމުންނެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި ޚަދީޖާ ފެނުނީ ވިސްވިސްވެފައިވާ އިމާރާތުގެ ބައިތަކެއްގެ ދަށުގައި މަރަށް އެދި ތެޅެމުން ދަނިކޮށެވެ.

މި ހާދިސާ ހިނގި އިދްލީބާއި އުތުރު ހާމާ އާއި ހުލަނގު އެލެޕޯއަކީ ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭސް އިން ބާރު ފޯރުވާ ސިޓީތަކެވެ. މި ސަރަޙައްދުތަކަށް އެ ޖަމާޢަތުން އަތްގަދަކޮށްގެން އުޅޭތާ އަށް ވަރަކަށް އަހަރުވެފައި ވާއިރު، ހަނގުރާމަވެރިންނާއި ސީރިޔާ ސަރުކާރުގެ ސިފައިންނާއި ދެމެދު ހިނގާ ކުރިމަތިލުންތަކުގައި ގިނައިން މަރުވަނީ، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އާންމުންނެވެ.

ސީރިޔާގެ ސަރުކާރުން ނިރުބަވެރިންނާއި ދެކޮޅަށް ކަމަށްބުނެ ދޭ ވަރުގަދަ ހަމަލާތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށްވެސް ބެލުމެއް ނެތި ދެމުންދާއިރު، އައިސިސްގެ ހަނގުރާމަވެރިން ދަނީ އެ ސަރަޙައްދުތަކުގައި އުޅޭ އާންމުންނަށް ރައްކާތެރި ހިސާބުތަކަށް ހިޖުރަ ވެވުނަ ނުދީ ހިފަހައްޓައިގެން އެފަރާތްތައް ހަނގުރާމައިގެ އައްޑަނައަކަށް ހަދަމުންނެވެ.

އައިސިސްގެ ޖަރީމާތަކާއި ސީރިޔާ ސަރުކާރުން އައިސިސް އަމާޒުކުރާ ކަމަށް ބުނާ ހަމަލާތަކުގައި ކުށެއްނެތް އެތައް ހާސް އާންމުންނެއް ކޮންމެ އަހަރެއްގައިވެސް މަރުވަމުންދާއިރު، ދުނިޔޭގެ އެންމެ ނުރައްކާތެރި ތަންތަނުގެ ތެރޭގައި ސީރިޔާގެ އަވަށްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    މައުލޫމާތު ރަގަޅަށް ސާފު ކޮށްފައި ލިޔުން އެންމެ ރަގަޅީ. އިދްލީބް އަކީ ޖަބަހަތުއް ނުސްރާ މިހާރުގެ ނަމުންނަމަ ހައްޔާ ތަހުރީރުއް ޝާމް ގެ އަތް ދަށުގައިވާ ސަރަހައްދެއް. ކޮންމެ ދުވަހަކު ސީރިޔާގެ އެތައް މުސްލިމުންނެއް ބައްޝާރު އާއި ރަޝިޔާ ގުޅިގެން ޝަހީދު ކުރަކުން އެދަނީ. މި ވާހަކަ ތައް ނޫސް ތަކުން ނުފެނޭ. ތިކަހަލަ ކިތަންމެ ހަޖީދާ އެއް ސީރިޔާގައި އެބަތިބި

    5
    9