ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެތައް ނުރައްކާތެރި ހަދިސާތައް ވަނީ ހިނގާފައެވެ. އެތައް ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. އަނެއްކާވެސް އިންޑިއާގައި ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ.

އުމުރުން 25 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ މީހަކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ވެއްޓިފައި ވަނީ ހިމަޝަލް ޕްރަދޭޝްގެ ބީސް ކޯރަށެވެ.

މިދިޔަ ބުދަ ދުވަހު އެ މީހާ ކޯރަށް ވެއްޓުނުއިރު، އޭނާ ސަލާމަތްކޮށްފައި ވަނީ ފަޔާ ބްރިގޭޑް އޮފިޝަލުންނެވެ.

އޭނާގެ މެޑިކަލް އެގްޒަމިނޭޝަންވެސް ހަދާފައިވާއިރު، އެ ހާދިސާގައި އޭނާއަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކަގޮތުގައި 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 259 މީހަކު ވަނީ ސެލްފީ ނެގުމުގެ ތެރޭގައި މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިންޑިއާގައެވެ. ދެން ރަޝިއާއެވެ.