މަޝްހޫރު ފިލްމްތައް ދަ ޓާރމިނޭޓާރ އަދި ކޮނަން ދަ ބާބޭރިއަންގައި ހަރަކާތްތެރިވެދިން ފިލްމީ ތަރި އާނޯލްޑް ޝްވާޒްނޭގާރގެ ހާލު މިދިޔަ ބުރާސްފަތި ދުވަހު ކުރި ހިތުގެ ސާރޖަރީއަކަށްފަހު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ސްޕޯކްސްޕާރސަން ޑެނިއެލް ކެޗެލް ބުނެފިއެވެ.

ޝްވާޒްނޭގާރ ހިތުގެ ސާރޖަރީ ހެދީ 1997 ވަނަ އަހަރު އޭނާއަށް ކުރިމަތިވި ޑިފެކްޓިވް އެއޯޓިކް ވާލްވްގެ މައްސަލައެއްގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި އިންސްޓޯލްކުރެވުނު ޑިވައިސްއެއް މަރާމާތުކުރުމަށެވެ.

އެތައް ގަޑިއިރަކަށް ދިގު ދެމިގެންދިޔަ އެ ސާޖަރީއަށްފަހު އާނޯލްޑް ޝްވާޒްނޭގާރ ހުރީ ވަރަށް ހިތްހަމަޖެހިގެންކަމަށް އޭނާގެ ސްޕޯކްސްޕާރސަން ބުނިއިރު ސާރޖަރީ ނިމުމަށްފަހު ހޭއެރުމާއިއެކު އާނޯލްޑް އެންމެ ފުރަތަމަ ބުނީ "އައި އޭމް ބެކް" ނުވަތަ "އަހަރެން އަލުން އެނބުރި އައިސްފިން" މިހެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހިތުގެ ސަރޖަރީއަށްފަހު ޝްވާޒްނޭގާރގެ ހާލު ރަނގަޅުވަމުންދާތީވެ އޭނާގެ އެކުވެރިޔާ އަދި އޮސްޓްރިއާގެ ޗާންސެލާރ ސެބަސްޗިއަން ކާރޓްޒް ވެސް ވަނީ އޭނާއާއި އާނޯލްޑް އަނެއްކާވެސް ވަރަށް އަވަހަށް ބައްދަލުވެގެންދާނޭކަމަށް އުންމީދުކުރާކަމަށާއި އަދި އާނޯލްޑްއަށް ހެޔޮ އެދޭކަމަށާއި އަދި އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެ ޓްވީޓެއްކުރައްވައިފައެވެ.

ޝްވާޒްނޭގާރ އަކީ އެއް އިރެއްގައި އެމެރިކާގެ ސްޓޭޓެއްކަމުގައިވާ ކެލިފޯނިއާގެ ގަވަރުނަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި ޝްވާޒްނޭގާރ ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފަރަންސޭސިވިލާތުންވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޝްވާޒްނޭގާރ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އޭނާއަށް އެގައުމުގެ އެންމެ ފަހުރުވެރި އެއް މެޑަލްވެސް އަރުވައިފައެވެ.

ޝްވާޒްނޭގާރ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ކެލިފޯނިއާގެ ގަވަރުނަރުކަން ދެފަހަރުގެ މަތިން 2003 ވަނަ އަހަރުން 2011 ވަނަ އަހަރަށް ޝްވާޒްނޭގާރ ކުރެއްވިއިރު އޭނާގެ މަޝްހޫރު އެހެން ބައެއް ފިލްމްތަކުގެ ތެރޭގައި ދަ އެކްސްޕެންޑެބްލްސްވެސް ހިމެނެއެވެ.