ގޭގެ އެތެރޭގަޔާއި ކޮޓަރިތަކުގައި ގަސް ހައްދާ، ގަސް މުށިގަނޑު ބަހައްޓާ އުޅުމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫނެވެ. އެއީ، އިހު ޒަމާނުންސުރެވެސް، ދުނިޔޭގެ އެތަން މިތަނުގައި ކޮށް އުޅުނު ކަމެކެވެ. އެހެންނަމަވެސް، އަނެއްކާވެސް މި އާދަ މި ދަނީ މަޑުމަޑުން އިޔާދަވަމުންނެވެ.

ކުރިން އެނގިފައި ނުވިކަމުގައިވިޔަސް، މިއީ ވަރަށް ރަނގަޅު ކަމެކެވެ. ޞިއްޙަތަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެހެންކަމުން، އެފަދަ ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

ނޭވާލުމަށް ފަސޭހަވޭ

ގަސްގަހާގެއްސަކީ ކާބަންޑައިއޮކްސައިޑް ނަގާ، ވައިގެ ތެރެއަށް އޮކްސިޖަން ދޫކުރާ އެއްޗެއްކަން އެންމެންނަށް އެނގެއެވެ. އެހެންކަމުން، ގޭތެރޭގައި ގަސްގަހާގެހި ބެހެއްޓުމަކީ، މީހުން އުޅޭ މާހައުލުން ގިނަ އޮކްސިޖަން ލިބޭނެކަމެކެވެ. ނަތީޖާއަކީ ނޭވާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔުމެވެ.

އެހެންނަމަވެސް، ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. ރޭގަނޑު ފޮޓޯސިންތަސިސް ނުކުރާތީ އޮކްސިޖަން ދޫކުރުން މަދުވެދާނެއެވެ. އެކަމަށް އޮތް ޙައްލަކީ އެގޮތަށް ކަންތައް ނުކުރާ ގަސްގަހާގެހި ކޮޓަރިތަކުގައި ބޭނުންކުރުމެވެ. މިސާލަކަށް، އޯކިޑް އަދި ސުކުލެންޓްސް ފަދަ ގަސްގަހެވެ.

ބައެއް ބަލިތަކުން ރައްކާތެރިކޮށްދޭ

ނޯވޭގެ އެގްރިކަލްޗަރަލް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި، ކޮޓަރިތަކުގައި ގަސްގަހާގެހި ބެހެއްޓުމަކީ ހަންގަނޑު ހިކުމާއި، ކަރުގައި ރިހުމާއި ރޯގާ އަދި ހިކި ކެއްސުމުން ދުރުކޮށްދޭ ކަމެކެވެ. ސަބަބެއްކަމަށް ބުނެފައިވަނީ، ގަހުގެ ސަބަބުން އެތަނެއްގެ ތެތްކަން (ހިއުމިޑިޓީ) އިތުރުކޮށްދޭތީއެވެ.

ވައި ސާފުކޮށްދޭ

އެއަރ ކޮލިޓީ އާ ބެހޭގޮތުން އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ކުރި ދިރާސާއަކުން ހާމަވެފައިވާގޮތުގައި، ކޮޓަރިތެރޭގައި ގަސްގަހާގެހި ބެހެއްޓުމަކީ، އެތަނެއްގެ ވައި ސާފުކޮށްދޭ ކަމެކެވެ. އަދި، މި މަސައްކަތް ކުރަނީ ގަހުގެ ފަތްތައްކަމަށްވެސް ބުނެފައިވެއެވެ.

މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ

އެތަކެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދަރިވަރުން ކިޔަވާ ތަނުގައި ނުވަތަ އޮފީސް މާހައުލުގައި ގަސް ބެހެއްޓުމަކީ އެކަމުން އެތަކެއް ފައިދާތަކެއް ކުރާނޭ ކަމެކެވެ. އެއީ، ތިމާވެށީގެ ބައިތަކެއްގެ ވަށައިގެން ނުވަތ ގަސްތަކެއްގެ ވަށައިގެން ހުރުމަކީ ނުވަތަ މަސައްކަތް ކުރަން އިނުމަކީ ކަންކަމަށް ސަމާލުކަން ދިނުން އިތުރުކޮށްދީ، ހަނދާން ހުންނަ މިންވަރާއި އުފެއްދުންތެރިކަމުގެ މިންވަރު އިތުރުކޮށްދޭ ކަމަކަށް ވުމުންނެވެ. މިކަމަށް ބާރުދޭ އެތައް ދިރާސާއެއް ނޯވޭގައި ކޮށްފައިވެއެވެ.

މިކަމުގެ އަދިވެސް އިތުރު އެތައް ސަބަބެއް އެކުލެވުން އެކަށީގެންވެއެވެ.