މަޝްހޫރު ފަންނާނުންނާއި ތަރިންގެ އެތައް ހާސް ފޭނުންނެއް އުޅޭއިރު، އެއިން މީހަކަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީ ކޮންމެ ފަންނާނަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް ދިރިއުޅެމުންދާ ތަފާތު ދިރިއުޅުމުގެ ތެރެއިންވެސް ފޭނުންނާއި ގާތްކަން ބާއްވައި އެފަރާތްތަކާއި "ރައްޓެރި" ބަޔަކަށް ވެވޭތޯ ގިނަ ތަރިން މަސައްކަތް ކުރެއެވެ. މިގޮތުން ފޭނުންނާއެކު ތަރިން ހޭދަކުރާ ވަގުތުތަކުގެ ވާހަކަ މީޑިއާގައި ދެކެވެއެވެ. ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރު ކަޕޫރު ދާދި ފަހުން އޭނާގެ ފޭނަކާއި ބައްދަލުކުރި ކުރުން ވެގެން ގޮސްފައިވަނީ އޭނާއަށް އެތައް ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔަ ކަމަކަށެވެ.

ރަންބީރު އޭނާގެ ފޭނަކާއެކު ބޭއްވި ބައްދަލުވުމުގެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އިންސްޓަގްރާމުގައި އާންމުވެ ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެނިގެންދިޔަ މަންޒަރެއްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ނުރުހުންވުން ރަންބީރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ވިކްރަންތު ސިންހު ނަމަކަށްކިޔާ މީހަކު އޭނާގެ އަމިއްލަ މަސައްކަތުން ތައްޔާރުކޮށް ރަންބީރަށް ހަދިޔާއެއް ދީފައިވާއިރު، އެ ހަދިޔާ ހިފައިގެން ގޮސް ރަންބީރުގެ ފައިގައި ހިފައި އިހްތިރާމް އަދާކުރާ މަންޒަރު ވީޑިއޯ އިން ފެނިގެން ދެއެވެ.

ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، ހަދިޔާ ދިނުމުން އެ ހިފައިގެންގޮސް ރަންބީރު ސޯފާއެއްގައި އިށީނދެ އިނދެ އެ ހަދިޔާ ބަލަމުންދިޔަ ވަގުތު ވިކްރަންތުއަށް މެހެމާންދާރީ އަދާކުރުމުގެ ބަދަލުގައި، އިށީނުމަށްވެސް ނުބުނެ ރަންބީރު ހުރި މަންޒަރެވެ. މިކަމަކީ ރަންބީރުގެ ފަރާތުން ފެނިގެންދިޔަ ވަރަށް ދެރަ މަންޒަރެއް ކަމަށް ގިނަ ބަޔަކު މިހާރު ބުނަމުންދާއިރު އެފަރާތްތަކުން ބުނެފައި ވަނީ، ފޭނުންނަށް ކަމޭހިތަން ވާނެ ކަމަށާއި އޭނާއަށް އެހިސާބަށް ދެވިފައިވަނީ ފޭނުންގެ ސަބަބުން ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ފޭނުންނާއި މެދު އެފަދަ ގޮތަކަށް ކަންތައް ކުރުމަކީ ފޭނުންގެ ލޯބި ގެއްލިދާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނަމުން ދެއެވެ.

ރަންބީރުގެ މި އަމަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވަމުންދިޔަ ނަމަވެސް އޭނާގެ ބައެއް ފޭނުން ވަނީ އޭނާ ދިފާއުކޮށް ވާހަކަދައްކާފައެވެ. އެގޮތުން އެފަދަ ފުރުސަތެއް ފޭނަކަށް އޭނާ ދިންކަމީ އޭނާ ފޭނުންނަށްދޭ ސަމާލުކަން އެނގި ހާމަވާކަމެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ރަންބީރުއަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުގައި ކޮޓަރިން ނިކުމެގެން ގޮސް ފޭނަކާއި ބައްދަލު ކުރުމަކީ ރަންބީރުގެ އޯގާތެރިކަން ހާމަވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި އޭނާއަށް ތައުރީފު ހައްގުކަމަށެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ ދާދި ފަހުން ރަންބީރުގެ ގެއަށް އޭނާގެ ފޭނަކު ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށް އަޑު ފެތުރިފައިވާއިރު، އެ ވީޑިއޯ އާއި ގުޅިގެން ރަންބީރުގެ ފަރާތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަންބީރު އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިފައި ވަނީ މިދިޔަ އަހަރުއެވެ. ބޮލީވުޑްގެ ތަރި، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ފިލްމް "ސަންޖޫ" އިން އޭނާގެ ބޮޑު ދައުރެއް ފެނިގެން ގޮސްފައިވާއިރު، އެ ފިލްމަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ. އެ ފިލްމަށްފަހު ރަންބީރު މިހާރު ކުރަނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމް، "ބްރަމަސްތްރާ"ގެ މަސައްކަތެވެ. މި ފިލްމުގައި ރަންބީރާއެކު ފެނިގެންދާނީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށްބުނާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާއިލާ ބަޓް އާއެކު އެވެ. މި ފިލްމުން ބޮލީވުޑްގެ އެންމެ އިސް ތަރި، އަމީތާބް ބައްޗަންވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލި

    ހޫ އިޒް އާއިލާ ބަޓް. ހެހޭ

    14
    • ކަދުރު

      މައި ނެހީ ޖާނުތޭ.. ހެހެހެ..

  2. ކަނޑިކި

    ކޮބާ ހޫނުފެން....