ބޮލީވުޑްގެ މަޝްހޫރު ތަރިން ޝްރައްދާ ކަޕޫރްއާއި ރަންބީރް ކަޕޫރްގެ ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" މިއަދުން ފެށިގެން ނެޓްފްލިކްސްއިން ބެލޭނެ ކަމަށް އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރޮމޭންޓިކް ކޮމެޑީ ފިލްމުތައް ޑައިރެކްޓްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ލަވް ރާންޖަން ބުނީ އިންޑިޔާ އޯޑިއެންސްގެ ފަރާތުން ލިބުނު ތަރުހީބު ނެޓްފްލިކްސްގެ ބެލުންތެރިންގެ ފަރާތުން ލިބުމަށް އުންމީދުކުރާ ކަމަށެވެ.

ލަވް ރާޖަންގެ ރޮމޭންޓިކް ކޮމެޑީގެ ފިލްމުތަކަކީ ގިނަ ބަޔަކަށް ކަމުދާ ފިލްމުތަކެކެކެވެ. އޭގެ ތެެރެއިން "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ފާހަގަކޮށްލެވެއެވެ.

މާރޗް 19 ގައި ރިލީޒްވި "ތޫ ޖޫޓީ މޭ މައްކާރް"ގައި ރަންބީރާއި ޝްރައްދާގެ އިތުރުން އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ވެސް މި ފިލްމުން ފެނިގެންގޮސްފައިވެއެވެ. މިއީ ޢާންމުގޮތެއްގައި ކެމެރާގެ ފަހަތުގައި މަސައްކަތްކުރާ ފިލްމު ޕްރޮޑިއުސަރ ބޯނީ ކަޕޫރް ކެމެރާގެ ކުރިމަތިން ފެނިގެންގޮސްފައިވާ ފުރަތަމަ ފަހަރެވެ.

މި ފިލްމާއި ގުޅޭގޮތުން ރަންބީރު ދާދި ފަހުން ބުނެފައި ވަނީ މިއީ އޭނަގެ އެންމެ ފަހު ރޮމޭންޓިކް ކޮމެޑީ އަށް ވެދާނެ ކަމަށެވެ.

ރަންބީރް ކަޕޫރާއި ޝްރައްދާ ބޮލީވުޑަށް ނިކުމެފައި ވަނީ 2019 ވަނަ އަހަރުގައެވެ. އެއަށްފަހު، އެ ދެ ތަރިން ކުޅެފައިވާ ވަރަށް ގިނަ ފިލްމުތައް ވަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.