ބޮލީވުޑްގެ ފިލްމީ ތަރި އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީގެ ކައިވެނި ވެގެން ދިޔައީ ބޮޑު ކައިވެންޏަކަށެވެ. އިޓަލީގައި ދެ މީހުން ކައިވެނި ކުރެވިގެންދިޔައިރު، އެ ކައިވެންޏާއި ގުޅޭގޮތުންވެސް ތަފާތު ވާހަކަތަކެއް ދެއްކިއެވެ.

އަނުޝްކާއާ ގުޅޭގޮތުން މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ އޭނާ ބަނޑުބޮޑު ވާހަކައެވެ. އެ ވާހަކަތަކަަށް އޭނާ މި ވަނީ ހޫނު ރައްދެއް ދީފައެވެ.

ފިލްމް ފެއާއަށް އަނުޝްކާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ކައިވެނިކޮށްގެން އުޅޭކަމުގައިވާނަމަ ދެން އެންމެންވެސް ދައްކާނީ އެ މީހަކު ބަނޑުބޮޑު ވާހަަކަ ކަމަށެވެ. އަދި އެއީ އެ މީހަކު ބަނޑުބޮޑު ނޫންކަމުގައި ވިޔަސް ކަމަށް އަނުޝްކާ ބުންޏެވެ. އަދި އެ މީހަކު އަމިއްލައަށް އެ މީހެއްގެ ދިރިއުޅުމާއިގެން ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމަށް އަނުޝްކާ ބަނީ ބުނެފައެވެ.

އަނުޝްކާ އިތުރަށް ބުނެފައި ވަނީ، ކައިވެނިކޮށްގެން އުޅޭ ކޮންމެ އެކްޓްރެސްއެއްވެސް ދޫކޮށް ހެދުން އަޅާފާނެ ކަމަށެވެ. އެއި އެ ހެދުމަކީ ޓްރެންޑް ހެދުމަށްކަށްވާތީ ކަމަށް ވެދާނެ ކަމަށާއި، އޭގެ މާނައަކީ އެ އެކްޓްރެސްއެއް ބަނޑުބޮޑީ ނޫން ކަމަށް އޭނާ ބުންޏެވެ.

އަނުޝްކާގެ ވާހަކަތަކުން އޭނާ ބަނޑުބޮޑު ނޫންކަން ޔަގީނުންވެސް އިނގެއެވެ. އަދި އޭނާ ބަނޑުބޮޑު ކަމަށް ދެެކެވެމުންދާ ވާހަކަތަކާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިހުރިކަންވެސް އިނގެއެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ އާނަންދުގެ ޒީރޯ އިންނެވެ.