ދަރިފުޅަށް ވަގުތު ދިނުމަށް ބޭނުންވާތީ އަހަރަކު އެއް ފިލްމު ކުޅުމަށް ނިންމާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ބުނެފިއެވެ.

ބެންގަލޫރްގައި ވަރަށް ފަހުން ބޭއްވި ޕޫމާގެ އިވެންޓެއްގައި ވާހަކަދައްކަމުން އަނުޝްކާ ބުނެފައި ވަނީ އޭނާގެ ދަރިފުޅު ވަމިކާ އަށް ވަރަށް ގިނައިން ވަގުތު ދޭން ޖެހޭ ކަމަށެވެ.

ފިރިމީހާ ވިރާޓް އައީ ވަރަށް ރަނގަޅު ބައްޕައެއް ކަން ފާހަގަކުރަމުން އޭނާ ބުނީ ވަމިކާގެ ހުރިހާ ކަމެއްގައި ވިރާޓްގެ އެހީތެރިކަން ލިބޭ ކަމަށެވެ.

އަދި ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް މައިންބަފައިންގެ އަޅާލުމާއި ލޯބި އިތުރަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން އެ ވަގުތު ދިނުމަށް އެ ދެމަފިރިންގެ ހަޔާތް ބައްޓަން ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އަނުޝްކާ ބުނެފައިވަނީ ދަރިފުޅަށް ވަގުތު ދިނުމަށް ކުރި ކުޅޭހާ ގިނައިން ފިލްމު ކުޅުމަށް އޭނާ މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ގަސްތުކުރަނީ އަހަރަކު ފިލްމެއް ކުޅުމަށް ވެސް އަނުޝްކާ ބުނެފައި ވެއެވެ.

އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ވިރާތުގެ ދެމަފިރިން ކައިވެނި ކުރީ 2017 ވަނަ އަހަރުގައެވެ. ދެމީހުން ވަނީ މުމްބާއީ ގަޔާއި ދިއްލީގައި ބޮޑު ދެ ޕާޓީވެސް ބާއްވާފައެވެ.

އަނުކްޝާ ހިމެނެނީ އިންޑިއާގައި ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ތަރީގެ ގޮތުގައެވެ. އަދި ވިރާތަކީ އިންޑިއާގެ އެންމެ ކާމިޔަބު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާއަށް ކްރިކެޓްގެ އިތުރުން ބޮޑެތި ބްރޭންޑްތައް އިޝްތިހާރުކޮށްދީގެން ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބެއެވެ.