އިންޑިއާގެ ނިއުދިއްލީގައި އޮންނަ އެ ގައުމުގެ މައި އެއާޕޯޓް، އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފޭކް ޕާސްޕޯޓަކާއި އެއްކޮށް މުސްކުޅިއަކަށް ހެދިގެން އެމެރިކާއަށް ދާންވެގެން ފުރަން އުޅުނު 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ޒުވާން އެ ފިރިހެން މީހާ މި މަހުގެ 8 ވަނަ ދުވަހު އެއާޕޯޓަށް ގޮސްފައިވަނީ ވަރަށް މޮޅަށް ނުރަ ޖެހި ތުނބުޅި އަކާއި، ބޮޑު އައިނެއް އަޅައިގެން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮނޑިއެއްގައި އެމެރިކާ އަށް ދާން ތައްޔާރު ވެގެންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ 10:45 ހާއިރު އެމީހާ އެއާޕޯޓަށް ދިޔައީ އެރޭ މެންދަމު އެމެރިކާގެ ނިއުޔޯކަށް ދާން އޮންނަ ފްލައިޓަށް އެރުމަށެވެ. "އޭނާ ހުރީ ވަރަށް މުސްކުޅި ސިފައެއްގައި، ބަލި މީހަކަށް ހެދިގެންނެވެ." އެއާޕޯޓުގެ އޮފިޝަލެއް މައުލޫމާތު ދިނެވެ. އެ ފިރިހެން މީހާ ހުރީ އަތްދިގު ހުދުކުލައިގެ ހެދުމަކާއި ފަޓުލޫނެއް ލައިގެންނެވެ. އަދި ބޮލުގައިވެސް ހުދު ފޮށައެއް އަޅާފައި އޮތްއިރު އޭނާ އަރައިގެން ހުރީ ކަޅު ކުލައިގެ ފައިވާނަކަށެވެ.

އެއާޕޯޓުގެ ސެކިއުރިޓީ ސްކްރީނަރާ ހަމަޔަށް ދިޔުމުން އާދައިގެ މަތިން އެމީހާ ކައިރީ ތެދުވުމަށް އޮފިޝަލުން އެދުނެެވެ. އެމީހާ ވަނީ ނުތެދުވެވޭ ކަމަށް ބުނެފައެވެ. އެހީ އާ އެއްކޮށް ތެދުވެވޭނެތޯ އެހުމުން އެމީހާ ވަރަށް ނުރުހޭ ގޮތަކަށް ތެދުވިއެވެ. އެހިސާބުން އެއާޕޯޓް އޮފިޝަލުންނަށް ކަމެއް ގޯސްކޮށް ހިނގާކަަމަށް ފާހަގަކުރެވުނެވެ. އެ ފިރިހެން މީހާގެ ތުނބުޅި އާއި ބޯ ނުރަކޮށް ހުރިއިރު އޭނާގެ ފަޔާއި އެހެންވެސް ގުނަވަންތަކުގެ އިސްތަށި ހުރީ ކަޅު ކުލައިގައެވެ. އަދި އޭނާ އޮފިޝަލުންގެ ލޮލަށް ނުބަލައިވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިކަން އޮފިޝަލުންނަށް ފާހަގަކުރެވުނެވެ.

ޕާސްޕޯޓު ދައްކަން އޮފިޝަލުން އެދުމުން އެ ފިރިހެން މީހާ ދިން ޕާސްޕޯޓުގައިވާ ގޮތުން އޭނާއަކީ 1938 ވަނަ އަހަރު ފެބްރުއަރީ ތެރޭގައި ދިއްލީ އަށް އުފަންވި 81 އަހަރުގެ އަމްރިކް ސިންހް އެވެ. "އަހަރެމެންނަށް ޔަޤީން އޭނާއަށް 80 އަހަރު ނުވާކަން. އޭނާގެ ހުރީ ޒުވާން މީހެއްގެ ހަންގަނޑު." އެއާޕޯޓް އޮފިޝަލް ކިޝޯރު މައުލޫމާތު ދިނެވެ. އެއާޕޯޓުގެ ސެކިއުރިޓީން އިތުރަށް ސުވާލުތައް ކުރަން ފެށުމުން އެމީހާ ވަނީ އޭނާ އަކީ އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ 32 އަހަރުގެ ޖަޔެޝް ޕަޓޭލް ކަމަށް އެއްބަސްވެފައެވެ.

ފޭކު ޕާސްޕޯޓަކާ އެއްކޮށް ދަތުރުކުރަން އުޅުމުން ޖަޔެޝް ވަނީ އެއާޕޯޓް އިމިގްރޭޝަންގެ އިދާރާ އާ ހަވާލުކޮށްފައެވެ. އޭނާ މިހާރު ހުރީ ހައްޔަރު ކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ޔަޤީން ނުކުރެވެއެވެ. އިންޑިއާގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް އަކީ މުޅި ދުނިޔޭގައިވެސް އޮތް 12 ވަނަ އަށް އެންމެ ބިޒީ އެއާޕޯޓެވެ. އެ އެއާޕޯޓުން 70 މިލިއަން ފަސިންޖަރުން މިދިޔަ އަހަރު އެކަނިވެސް ދަތުރުކޮށްފައި ވެއެވެ.