މާމުއި ކުޅަނދުރުތަކެއް އެއާ އިންޑިއާ ފްލައިޓް ގެ ކޮކްޕިޓް ދޮރުމަތީގައި ޖެއްސުމުގެ ސަބަބުން އެ ފްލައިޓް ނުފުރި އެތައް ގަޑިއިރެއް ވަންދެން ޑިލޭ ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ފްލައިޓް އިންޑިއާގެ އިރުމަތީ ކޮލްކަޓާ ސިޓީ އިން 136 ފަސިންޖަރުންނާއި އެއްކޮށް ފުރަން ތައްޔާރުވެފައި އޮތްވައެވެ. ހާދިސާ ހިނގި ވަގުތު ފްލައިޓު ތެރޭގައި ބަންގްލަދޭޝްގެ މިނިސްޓަރަކުވެސް ހުންނެވި ކަމަށް ވެއެވެ. އެއާޕޯޓުގައި ހަރަކާތްތެރިވާ މުވައްޒަފުން ކުޅަނދުރުތައް ދުރުކުރަން އުޅުމުގެ ތެރޭގައި ބައެއް މުވައްޒަފުންނަށް ވަނީ އަނިޔާވެސް ވެފައެވެ.

އެއާޕޯޓްގެ މުވައްޒަފުން ފުރަތަމަ މަސައްކަތް ކުރީ ކުޅަނދުރުތައް ފައްސާށެވެ. އެކަން ކާމިޔާބު ނުވުމުން ފްލައިޓުގެ 'ވިންޑް ސްކްރީން ވައިޕާ' އިން ކުޅަނދުރު ތައް ފޮޅާލެވޭ ތޯ އެމީހުން ބެލިއެވެ. އެކަމުންވެސް ކުޅަނދުރުތައް ދުރުކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން މުވައްޒަފުންނަށް ދާން ޖެހުނީ 'ޕްލޭން ބީ' އަށެވެ. ފެންޖަހައި ކުޅަނދުރުތައް ފައްސާލެވޭތޯ ބެލިއެވެ. ޕްލޭން ބީ ވަރަށް ރަނގަޅަށްވެސް މަސައްކަތް ކުރިއެވެ.

"އަލިފާނުގެ ހާދިސާ އަކުން ރައްކާވުމަށް ބޭނުންކުރާ ޓްރަކުތައް ގެންނަން ޖެހުނީ ފެން ޖަހަން އެ މާމުއި ކުޅަނދުރު ތަކަށް. ގަޑިއަކަށްވުރެ ގިނަ އިރު ފަހުން އެންމެ ފަހުން ކުޅަނދުރުތައް މިހާރު ގޮސްފި." ކޮލްކަޓާ އެއާޕޯޓްގެ އޮފިޝަލް ކައުޝިކް ބަޓްޗަރްޔާ މަޢުލޫމާތު ދެއްވިއެވެ.

އިންޑިއާގެ އިރު އުތުރުގައި އޮންނަ އާގަރްޓާލާ ސިޓީ އަށް ދިޔުމަށް ހަމަޖެހިފައި އޮތް އެއާ އިންޑިއާގެ ފްލައިޓަށް އެންމެ ފަހުން ފުރޭ ގޮތްވީ ފުރަން އޮތް ގަޑިއަށް ވުރެ 3 ގަޑި އިރާއި 30 މިނެޓު ފަހުންނެވެ.