އަބޫދާބީއިން ފުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ފުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެއް އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ.

ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ބުނިގޮތުގައި އެ އިންޖީނުގައި ރޯވިކަން ފާހަގަވުމާއެކު ފްލައިޓް ވަނީ އަނބުރާލާފައެވެ.

އެއާ އިންޑިއާ އެކްސްޕްރެސް އިން ބުނީ މަތިންދާބޯޓު ޖެއްސީ ރައްކާތެރިކަމާއެކު ކަމަށާއި ހުރިހާ ފަސިންޖަރުން ވެސް ސަލާމަތުން ތިބި ކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ ބޯޓުގައި 184 ފަސެންޖަރުން ތިއްބެވެ.

އެއާ އިންޑިއާ އެކްސްޕްރެސް އިން އޭއެންއައި އަށް ބުނީ އެ ބޯޓު ފުރައިގެން، 1،000 ފޫޓަށް އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޕައިލެޓަށް އެއް އިންޖީނުގައި އަލިފާން ރޯވިކަން އެނގުމުން އަނބުރާ އަބޫދާބީ އެއާޕޯޓަށް ޖައްސަން ނިންމީ ކަމަށެވެ.

ޑީޖީސީއޭ އިން ބުނީ އެއާ އިންޑިއާ އެކްސްޕްރެސް ބީ737-800 މަރުކާގެ މަތިންދާ ބޯޓު އަބޫދާބީ އެއާޕޯޓަށް އެނބުރި އައީ ވައިގެ ތެރެއިން އުފެދުނު ފްލޭމްއައުޓެއްގެ ސަބަބުން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޓްރިވެންޑްރަމްއިން މަސްކަޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރިތާ 45 މިނެޓު ފަހުން އަނބުރާ ޖައްސާފައި ވެއެވެ.