އިނގިރޭސި ވިލާތުގެ ލަންޑަން އިން އިންޑިއާގެ މުމްބާއީ އަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގެ ފާހާނާ ތެރޭގައި ސިނގިރެޓް ބޮއެ، ފްލައިޓްގައި ހަމަނުޖެހުން ހިންގި އެމެރިކާގެ ރައްޔިތަކާ ދެކޮޅަށް ދައުވާ ކޮށްފައިވާ ކަމަށް މުމްބާއީގެ ފުލުހުން ބުނެފިއެވެ.

އިއްޔެ ދަތުރު ކުރި މި ފްލައިޓްގެ ތެރޭގައި ހަމަނުޖެހުން ހިންގައިިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 37 އަހަރު ރަމަކާންތް ކިޔާ މީހެކެވެ.

މުމްބާއީގެ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް، އިންޑިއާގެ ޕީނަލް ކޯޑާއި، މަތިންދާބޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ވެސް ވަނީ ދައުވާތަކެއް ކުރެވިފައެވެ.

" މަތިންދާބޯޓުގައި ސިނގިރެޓް ބުއިމަކީ މަނާކަމެއް. އެކަމަކު އޭނާ ފާހާނާއަށް ދިޔަ ތަނުން އެލާމް އަޅަން ފެށުމުން އަހަރެމެން ކުރޫގެ ހުރިހާ މެމްބަރުން ދުވެފައި އަވަހަށް ފާހާނާ އާ ދިމާލަށް ދިޔައިން. އަދި އަހަރެމެންނަށް އޭނާ އަތުގައި ސިނގިރެޓެއް އޮތްތަން ފެނުނު. އަހަރެމެން އަވަހަށް އޭނާ އަތުން އެ ސިނގިރެޓް އަތުލުމަށްފަހު އެއްލާލިން. ދެން ރަމަކާންތް ފެށީ އަހަރެމެންނާއި ދިމާލަށް ހަޅޭލަވަން. އަހަރެމެން ކޮންމެވެސް ގޮތަކުން އޭނާ ގޮނޑިއާއި ހަމައަށް ގެންދިޔައިން. އެކަމަކު އިރުކޮޅެއް ފަހުން އޭނާ އުޅެން ފެށީ ބޯޓުގެ ދޮރު ހުޅުވަން. ހުރިހާ ފަސިންޖަރުންވެސް ތިބީ ބިރުގަނެފައި އޭނާ އުޅެން ފެށި ގޮތަކުން. އަހަރެމެން ކިޔާ އެއްޗެއް އަޑު ނާހާ އޭނާ ހަމަ ހަޅޭއްލެވީ. ދެން އަހަރެމެން ކުރި ކަމަކީ އޭނާގެ ދެ އަތާއި ދެ ފައި ބަނދެފައި ގޮނޑީގައި ބޭންދީ." ކްރޫ މެމްބަރަކު ފުލުހުންނަށް ކިޔައިދީފައި ވެއެވެ.

އެހިސާބުން ރަމަކާންތް ހުއްޓާލީކީ ނޫނެވެ. ދެން އޭނާ ފެށީ ޖެހުނު ތަނެއްގައި އޭނާގެ ބޯ ތަޅާށެވެ.

ކްރޫ މެމްބަރު ބުނެފައިވަނީ ބޯޓުގެ ފަސިންޖަރުންގެ ތެރޭގައި ޑޮކްޓަރެއް އިނުމުން، އޭނާ އައިސް ރަމަކާންތް ޗެކް ވެސް ކުރި ކަމަށެވެ.

" އޭނާ ބުނި އޭނާގެ ދަބަހުގައި ހުންނާނީ ބޭސްތަކެއް. އެކަމަކު އަހަރެމެންނަކަށް އެއްވެސް ބޭހެއް ނުފެނުނު. އެކަމަކު ދަބަސް ބެލި އިރު އެއިން އީ ސިނގިރެޓެއް ފެނުނު." ކްރޫ މެމްބަރު ބުނެފައި ވެއެވެ.

ފްލައިޓް މުމްބާއީގައި ޖެއްސުމުން، ކްރޫއިން ވަނީ ރަމަކާންތް ފުލުހުންނާ ހަވާލު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ރަމަކާންތަކީ އިންޑިއާ ދަރިކޮޅުގެ މީހެއް ނަމަވެސް، އޭނާ އަކީ އެމެރިކާގެ ރައްޔިތެއް ކަމަށާއި، އޭނާގެ އަތުގައި އޮންނަނީ އެމެރިކާގެ ޕާސްޕޯޓެއް ކަމަށެވެ.