އެއްޗެއް ސޭވް ކޮއްލަން ނުވަތަ ހެއްކެއްގެ ގޮތުގައި ބަހައްޓަން ބޭނުން ވިޔަސް ސްކްރީންޝޮޓް ނެގުމަކީ މިހާރު ވަރަށް ގިނަ މީހުން ކޮއް އުޅޭ ކަމެކެވެ.

ދެމީހެއްގެ ދެމެދުގައި ވާހަކައެއް ދެކެވުނަސް ގިނަފަހަރަށް އޮންނަނީ ސްކްރީންޝޮޓް ތަކެއްގެ ގޮތުގައި އެހެން ބަޔަކަށް ފެނިފައެވެ. މިކަމުގެ ސަބަބުން އެހެން މީހުން ކުރިމަތީ ތިމާ ބޭޒާރުވާ ފަހަރުތައް ވެސް މަދެއް ނުވާނެއެވެ.

ތާކުން ރީތި ލިޔުންކޮޅެއް ފެނުނަސް ގަންނަން ކަމުދާ ގަޑިއެއް، ބޫޓެއް، ފައިވާނެއް، ލިޕްސްޓިކެއް ނުވަތަ ދަބަހެއް ކަމުގައި ވިޔަސް އޮންނަނީ ސްކްރީންޝޮޓް ނަގާ ސޭވް ކޮށްލާފައެވެ. މިހެން ގޮސް ފޯނުގެ މެމޯރީ ފުރޭއިރުވެސް ސްކްރީންޝޮޓް ނެގުމަކަށް ބަދަލެއް ނާދެއެވެ. ހަމަ އެއްޗެއް ފެންނަ އިރަށް ސްކްރީންޝޮޓް ނަގާލެވެއެވެ.

ފޯނު ސްޓޯރޭޖް ފުލް ވެގެން އެ ވާހަކަ ދައްކާ ގިނަ މީހުންގެ ފޯނުގައި ހާހުން ދެހާހުން ސްކްރީންޝޮޓްތައް ހުންނާނެ ކަން ޔަގީނެވެ. ހަމަ ޑިލީޓް ކޮއްލާނެ އެންމެ ގަނޑެއް ވެސް ނެތީއެވެ. ހައްތަހާވެސް މުހިންމު ބޭނުންތަކަށް ސޭވް ކުރެވިފައި ހުރި އެއްޗިއްސެވެ.

ސްކްރީންޝޮޓްތައް ގިނަވެ، ފޯނުން އެހެން އެއްޗެއް ހޯދަން އުނދަގޫ ހިސާބަށް ކަންތައްތައް ގޮސް، އެންމެ ފަހުން ހޯދަން ބޭނުންވާ ސްކްރީންޝޮޓްތައް ވެސް ނުފެންނަ ގޮތް ވެއެވެ. އެކަމަށް އޮތް ހައްލަކީ ކޮބައިތޯ މީހުން ސުވާލުކުރެއެވެ. އައިޓީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ފޯނުގެ ފޮޓޯތައް މެނޭޖް ކުރާނެ އެޕްލިކޭޝަނެއް ހޯދުމެވެ. އެފަދަ އެޕްލިކޭޝަންތަކުގެ މައުލޫމާތު ގޫގްލް ކޮށްލުމުން ނިކަން ފަސޭހައިން ފެންނާނެއެވެ.

ފޯންގެ ސްޓޯރޭޖަށް އަސަރު ނުކުރާނެ ގޮތަކަށް ސްކްރީންޝޮޓްތަކާއި ފޮޓޯތައް ބެހެއްޓުމަށް ކްލައުޑް ސްޓޯރޭޖެއް ބޭނުން ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

އެންމެ މުހިއްމު ކަމަކީ ބޭނުންވާ ސްކްރީންޝޮޓްތައް ދެނެގަތުމެވެ. ބޭކާރުކަންތައް ނުކުރުމެވެ. އެއިން ނަތީޖާއެއް ނެރެވޭނެ ކަންތައްތައް ހަމައެކަނި ކުރުމެވެ.