ރީތި އަދި ކަމުދާ އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖަކާއި ދިމާވެގެން ވާހަކަދައްކާލާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ "ފްރެންޑްޒޯން' ގައި ތާށިވުމަކީ ވަރަށް އާންމު ކަމެކެވެ.

ގިނަ ފަހަރަށް އެތަނުން ކޮންމެވެސް އެކަކު ބޭނުންވަނީ އެކުވެރިކަމަށްވުރެ އިތުރު ގުޅުމެކެވެ. އަނެކާގެ ސިކުނޑީގައި ގިނަ ފަހަރަށް އޮންނަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ބޭއްވުމަށެވެ. މިއީ އެއްވެސް ވަރަކަށް ސަލާމަތްނުވެވޭވަރުގެ ކަމެއް ނޫނެވެ. ފްރެންޑްޒޯންއަކީވެސް އޭގެން ސަލާމަތްވެވެން އެކި އެކި ގޮތްތައް އޮންނަ މައްސަލައެކެވެ.

އެންމެ ފުރަތަމަ ކުރަންވީކަމަކީ މީހާ ހަމަޖެހިގެން އެ އަންހެން ކުއްޖެއްގެ ނުވަތަ ފިރިހެން ކުއްޖެއްގެ ފަރާތުން އެކުވެރިކަމަށްވުރެ އިތުރު ގުޅުމެއް ތިބާވެސް ބޭނުންނުވާކަން ދައްކުވައިދިނުމެވެ. ފުރުސަތެއް ދިނުމަށް އެމީހެއް ކައިރީގައި އާދޭސްކުރުމަށްވުރެ އެއީ ތިބާ އަމިއްލަ ނަފްސަށް ކުރާ އިހްތިރާމްވެސް އިތުރުވެގެންދާނޭކަމެކެވެ. އަދި އެ މީހެއްގެ ފަރާތުން ތިބާ ފުރުސަތެއް ބޭނުންނުވާކަން ދައްކުވައިދިނުމުގެ އިތުރުން އެ ގުޅުން އިތުރަށް އެހެން ގޮތަކަށް ބަދަލުވުމުގެ އިޙްތިޔާރު އޮތީ ތިބާ އަތުގައިކަންވެސް އޭނާއަށް ދައްކުވައިދޭނީއެވެ. ކުރުގޮތަކަށް ބުނާނަމަ އެމީހަކު ބޭނުންވެގެން އުޅޭ ސަމާލުކަމެއް މާ ބޮޑަށް އެމީހަކަށް ނުދޭނީއެވެ.

ދެވަނައަށް އަޅަން ޖެހޭ ފިޔަވަޅަކީ ތިބާގެ އަމިއްލަ ނަފްސުގައި ހުރި މައްސަލަތައް ހޯދައި އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމެވެ. އެ މީހަކު ތިބާއާއިއެކު އިތުރު ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށް އެންމެ ހީވާ ސަބަބު ހޯދައި އެ ސަބަބު މުޅިން ނައްތާލާނީއެވެ. އެކަންވެސް ކުރަންވީ އެމީހަކަށް ނޭނގޭފަދަ ގޮތަކަށެވެ. އޭރުން ކުއްލިއަކަށް ތިބާގެ ކިބައިން އެ ސިފަ ގެއްލުނުކަން އެނގުމުން އެމީހަކަށް ހައިރާންކަން ގެނުވައި ތިބާއާއިއެކު އިތުރު ގުޅުމެއް ބާއްވަން ވިސްނައިފާނެއެވެ.

އާދައިގެ ކަންކަން ކުރުމުގައި އެމީހަކާއިއެކު ވަގުތު ހޭދަކޮށް ތިބާއަކީ ކިހާ ވަރެއްގެ ކޮންކަހަލަ މީހެއްކަން މަޑުމަޑުން އެންގުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަގުބޮޑު ކެއުންތަކަށާއި ދަތުރުތަކަށް ތިބާއާއިއެކު ދިޔުމަށް ދައުވަތުދީފިނަމަ އެމީހަކު ތިބާގެ ނާޖާއިޒު ފައިދާނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އާދައިގެ ގޮތަކަށް ހިނގާލަން ގޮސް، ފިލްމެއް ބަލާލަން ދިޔުމަކީ ކުރަން އެންމެ ރަނގަޅު ކަންކަމެވެ. އޭރުން ތިބާއަކީ އެމީހަކާއި ހެދި 'މޮޔަ'ވެފައި ހުރި މީހެއްނޫންކަން އެމީހަކަށް ޔަގީންވެންދާނެއެވެ. އަނެކާއާއި ހެދި މާ ވަރުގަދަޔަށް އުޅުމަކީ ގިނަ ފަހަރަށް ލިބެން އޮންނަ ފުރުސަތުވެސް ގެއްލިގެންދާނޭ ކަމެކެވެ.

މިއީ 'ފްރެންޑްޒޯން'ގައި ތާށިވެފައި ހުރި މީހަކު އެކަމުން ސަލާމަތްވުމަށް އަޅަން އެންމެ ރަނގަޅު ފިޔަވަޅުތަކެވެ.