މި އަންހެން މިހާ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެއްބަނޑު އެއްބަފާ ބޭބެއާ ކަން މި ވަނީ ހާމަވެގެން ގޮސްފައެވެ. ކޮން ގައުމެއްގެ ކާކުކަން ހާމަކޮށްފައި ނުވާ މި އަންހެން މީހާ ވަނީ އެކަން ރެޑިޓްގައި ހިއްސާ ކޮށްފައެވެ.

"އަޅުގަނޑަށް އެނގިއްޖެ އަޅުގަނޑަށް ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެއްބަނޑު އެއްބަފާ ބޭބެއާ ކަން." އޭނާ ލިޔެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، އޭނާގެ އުމުރަކީ 30 އަހަރެވެ. އަދި އޭނާގެ ބޭބެގެ އުމުރަކީ 32 އަހަރެވެ.

"އަޅުގަނޑު މި ޓައިޕް ކުރާއިރު ގިނަ ފަހަރަށް އޭނާއަށް އަޅުގަނޑު ގޮވަނީ ބޯއިފްރެންޑް ކިޔާފައި".

އޭނާ ބުނީ، އޭނާއަކީ ކުޑައިރު އެޑޮޕްޓްކޮށްފައިވާ އަންހެން ކުއްޖެއް ކަމަށެވެ. އަދި އޭނާއަކީ އެޑޮޕްޓްކޮށްފައިވާ މީހެއް ކަން އެނގުނީވެސް ހައި ސްކޫލްގައި އުޅުނު އިރުކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އޭނާ ވަނީ ބޭބެވެސް އެހެން އާއިލާއަކުން އެޑޮޕްޓް ކުރި ކަން ހާމަކޮށްފައެވެ. އެހެންވެ ދެ މީހުންގެ ކަންކަން ފަހުން އެނގިފައެއް ނުވެއެވެ.

ނަމަވެސް އޭގެ އަހަރުތަކެއް ފަހުން މި މީހުންގެ ގުޅުން ކުރިއަށް މި ގެންދިޔައީ ހީކުރި ގޮތަކަށްވެސް ނޫނެވެެ.

"އަހަރެމެންގެ ގުޅުން ވަރަށް ރަނގަޅު. އެކަކު އަނެކަކަށް ވަރަށް އަވަށް އަންޑާސްޓޭންޑްވި. އަވަސް އަވަހަށް އެކަކު އަނެކަކަށް ސަމާލުކަން ދެވުނު. އަހަރެންނަށް މީގެ ކުރިން ދުވަހަކުވެސް މީހަކާ ބައްދަލުވެ ވަގުތުން ވަގުތަށް ކަމުގޮސް ގާތްކަން އިހްސާސެއް ނުކުރެވޭ. މިހާރު އަހަރެންނަށް އެނގޭ، ހިތްހަމަޖެހުމާއި އެ ގާތް ކަމަކީ އޭނާއަކީ އަހަރެންގެ ބޭބެއަށް ވުމުން ކަމަށް. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ އެއީ". އޭނާ ކިޔާދިނެވެ.

އެ ގުޅުން އެހާ ދުވަހަށް ދެމިގެން ދިޔައިރު، އެ މީހުން އެކަކު އަނެކަކާ ބައްދަލުވެސް ވިއެވެ. އަދި ލޯބީގެ އެތައް ވައުދުތަކާއި އަހުދުތައްވެސް ވިއެވެ.

ދެ މީހުންނަކީ އެއްބަނޑު އެއްބަފާ މީހުންކަން އެނގިގެން ހެދި ޑީއެންއޭ ޓެސްޓުންނެވެ.

އެ ޓެސްޓްގެ ނަތިޖާ ލިބުނުއިރު، ބޮޑު ޝޮކެއް ލިބުނު ކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ ގިނަބަޔަކު ދެ މީހުން ވައްތަރުތަކަށްވެސް މީގެ ކުރިން ބުނެފައިވާތީއެވެ.

އެހެން ނަމަވެސް އޭނާ އެކަން އަދި ލޯބިވެރިޔާއަށް ނާންގައެވެ.

އެ މީހާގެ މި ވާހަކަތަކުން ގިނަބަޔަކަށް ލިބުނީ ޝޮކެކެވެ.