ޗައިނާގެ އަވަށެއްގައި ބޮޑު އާއިލާ އަކުން ހިލޭ އެޕާޓްމެންޓް ހޯދުމަށްޓަކައި އެ އާއިލާގެ އެކި މީހުންނާ އެތައް ފަހަރެއްގެ މަތިން އިނދެފައި ވަރިކުރަނިކޮށް ކަމާބެހޭ ފަރާތްތަކަށް އެކަން ފަޅާ އެރުމުން ޖަލަށް ލައިފިއެވެ.

ލިޝުއި ސިޓީގެ ސަރަހައްދެއް ޗައިނާ ސަރުކާރުން ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވަނީ ހިލޭ އެޕާޓްމަންޓެއް އެހެން ހިސާބުން ދޭން ނިންމާފައެވެ. މީގެ ތެރޭގައި އެ ހިސާބުގަނޑުގައި ކުއްޔައް އުޅޭ މީހުންވެސް ހިމެނެއެވެ.

މިކަން ޕޭން ނަމަކަށް ކިޔާ މީހަކަށް އެނގުމުން ޕޭން ވަނީ އޭނާ ކުރިން އިނދެގެން އުޅުނު މީހާ އާއި އަލުން ކައިވެނި ކޮށްފައެވެ. އެ އަންހެން މީހާ އަކީވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ކަމުގައި ވާއިރު، މި ދެމީހުން އަލުން ކައިވެނިކޮށް، އެޕާޓްމެންޓަށް އެދިފައި ޕޭން އަށް އެތަން ލިބޭނޭ ކަމުގެ ސިޓީ 6 ދުވަސް ތެރޭ ލިބުމުން ޕޭން ވަނީ އަނެއްކާވެސް އަންހެނުން ވަރިކޮށްފައެވެ.

މި ކަންތަކުގެ މާސްޓާ މައިންޑް ކަމުގައިވާ ޕޭން

މިއަށްފަހު ޕޭން ނިންމީ އޭނާ އަށް ހޯދުނުހާ ގިނަޔަކުން އެޕާޓްމެންޓު ހޯދާށެވެ. މިގޮތުން އޭނާގެ އާއިލާ މީހުން ކައިރީ ސަރުކާރުން އެވަރަށް ނުބަލާ ކަމަށް ބުނުމުން، އެ އާއިލާ މީހުން ވަނީ އާއިލާ މީހުންނާއި ކައިވެނި ކުރަން ފަށާފައެވެ. އެޕާޓްމެންޓް ލިބޭ ސަރަހައްދުގައި ދިރިއުޅޭ ބައެއް ކަމަށް ފޯމު ފުރާފައި އެތަން ލިބޭނެކަމުގެ ސިޓީ ލިބުމުން ވަގުތުން ވަރިވަނީއެވެ.

މިގޮތުން ޕޭން އޭނާގެ ދައްތަ އާއި ފަހަރީގެ އިތުރުން އާއިލާގެ އެހެން މީހުންނާއިވެސް ކައިވެނިކޮށް ވަރިކުރިއެވެ. އަދި މިކަމުގައި އެ އާއިލާގެ އެހެން ފިރިހެނުންވެސް ބައިވެރިވިއެވެ. މި އާއިލާ އިން ޖުމްލަ 23 ކައިވެނި އެއް މަސް ދުވަސް ތެރޭ ކޮށްފައި ވާއިރު ޕޭން ވަނީ ހަފްތާ އެއް ތެރޭ އެކަނި 3 ކައިވެނި ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، ފަހުން މިކަން ސިވިލް އެފެއާސް މިނިސްޓްރީ އަށް ފާހަގަވެ، ފުލުހުންނަށް މައްސަލަ ޖެއްސުމުން މިކަމުގައި ބައިވެރިވި 11 މީހަކު ވަނީ ޖަލަށް ލާފައެވެ. މިތަނުން ބައެއް މީހުން ދައުވާ ކުރާ ގޮތަށް ދޫކޮށްލާފައި ވީ ނަމަވެސް 4 މީހަކު ތިބީ ޖަލުގައެވެ. އެ މީހުންގެ މައްޗައް ކުރާނީ މަކަރާއި ހީލަތުން މަންފާ އެއް ހޯދަން އުޅުމުގެ ކުށުގެ ދައުވާ އެވެ.