ބިލިޔަނަރުން ތިބެގެން ނުވާނެ ކަމަށް ބުނެ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ ޑިމޮކްރެޓް ކެންޑިޑޭޓެއް ކަމަށްވާ ބާނީ ސޭންޑާސް ދެއްކި ވާހަކަތަކާއި ފޭސްބުކްގެ ބާނީ މާކް ޒަކަރބާގް އެއްބަސްވެއްޖެއެވެ.

ފޭސްބުކުގެ ބާނީ އަދި މިހާރު ސީއީއޯ އެ ކުންފުނީގެ ހެޑް ކުއާޓާސް ގައި މުވައްޒަފުންނާއި ބައްދަލުކުރަން ބޭއްވި ރަސްމިއްޔާތެއްގައި އޭނާގެ މުވައްޒަފަކު ކުރި ސުވާލަކާ ގުޅިގެން ބުނީ އޭނާވެސް ބާނީ ދެއްކި ވާހަކަތަކަށް ތާޢީދުކުރާ ކަމަށެވެ. އެމެރިކާގެ 5 ވަނަ އަށް އެންމެ މުއްސަނދި މީހާ، އަދި އެތައް ބިލިޔަން ޑޮލަރެއް ލިބެމުންދާ ޒަކަރބާގްގެ މިލްކިއްޔާތުގައި މިހާރުވެސް ގާތްގަނޑަކަށް 70 ބިލިޔަން ޑޮލަރު ހުންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

"އަހަރެންނަށް ނޭނގޭ މީހެއްގެ އަތުގައި ކޮންމެހެން ހުންނަން ޖެހެނީ މިވެނި ވަރެއްގެ ފައިސާ ކަމެއް ބުނަން. އެކަމަކު ކޮންމެވެސް ގޮތަކުން އަހަރެންނަށްވެސް ވިސްނޭ އެއްވެސް މީހެއްގެ އަތުގައި އެހާ ގިނަ އަދަދެއްގެ ފައިސާ ހުންނާކަށް ނުޖެހޭކަން، އަހަރެންނަށް ވިސްނޭ ގޮތުގައި ރަނގަޅު ކަމެއް ކުރަންޏާ އެކަމަކުން އޭނާ އަށް ބަރަކާތް އިތުރުވާނެ، އެކަމަކު ބޭކާރުގޮތްތަކުން އިތުރުވާ މުދަލަކީ އެއީ ހަގީގަތުގައިވެސް ބޭނުންތެރި ކަމެއް ނޫން." މާކް ބުންޏެވެ.

މާކް ޒަކަރބާގް ވަނީ ރިޔާސީ ރޭހުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކަން އިޢުލާން ކޮށްފައިވާ އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެލިޒަބެތް ވަރެން އަށް އެމެރިކާގެ ރައީސް ކަން ލިބިއްޖެއްޔާ އޭނާ ވަނީ އެގައުމުގެ މުވާސަލާތީ، ޓެކްނޮލޮޖީ އާ ގުޅޭ ކުންފުނިތައް އިނދަޖައްސައިލާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

".. ދެން އެހެރީ އެލިޒަބެތް. އޭނާ އަށް ހީވާ ކަހަލަ އެންމެ ރަނގަޅު ގޮތަކީ ކުންފުނިތައް ފުނޑާލާފައި ކުރިއަށް ދިޔުމޭ. އަހަރެން ބެޓު ކުރަނީ އޭނާ ރައީސް ކަމަށް އައިސްފިއްޔާ އަހަރެމެންނަށް ޤާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ. އަހަރެން ބެޓު ކުރާނީ އަހަރެމެންނަށް އެ ކަންކަން ފަހަނަ އަޅައި ދެވޭނެކަމަށް. އޭރުންވެސް އަހަރެމެންނަށް ކަޑަ ދޯ؟ އާން.." މާކް ބުންޏެވެ.