ޕާކިސްތާންގައި ޓްވިޓާ، ފޭސްބުކް އަދި ޔޫޓިއުބް އަށް ނުވަދެވޭ ގޮތް ހަދަން ސަރުކާރުން އެގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށް އަަމުރުކޮށްފިއެވެ.

ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުނީ ޓްވިޓާ، ފޭސްބުކް އަދި ޔޫޓިއުބް ސަސްޕެންޑް ކުރަން އެގައުމުގެ އިންޓީރިއާ މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަނީ މީސް މީޑިއާތައް ބްލޮގް ކުރަން އަންގައި މިނިސްޓްރީން ފޮނުވި ސިޓީ ލިބިފައި." ތަރުޖަމާން ވިދާޅުވިއެވެ.

ޕާކިސްތާންގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ނަޔާޓެލް ކުންފުނިން ވަނީ ޓްވިޓާ އާއި ފޭސްބުކް އަދި ޔޫޓިއުބް ބްލޮކް ކުރަން އަމުރެއް ލިބިފައިވާކަން އަލްޖަޒީރާ އަށް ކަށަވަރު ކޮށްދީފައެވެ. އެކުންފުނިން ބުނީ ސަރުކާރުގެ އަމުރާއި އެއްގޮތައް ސައިޓްތައް މިހާރު ބްލޮކް ކޮށްފައިވާ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޕާކިސްތާންގައި މީސް މީޑިއާ ވެބްސައިޓްތައް ބްލޮކް ކުރި ކުރުން ކުށްވެރިކޮށްފައެވެ. އެޖަމިއްޔާ އިން ވަނީ ޕާކިސްތާންގައި އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ގޮވާލާފައެވެ.

ޕާކިސްތާންގައި މީސް މީޑިއާ ވެބްސައިޓްތައް ބްލޮކް މިކުރީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން މިއަދު ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާންގެ ހުރިހާ ސަރަހައްދެއްގައި މުޒާހަރާތައް ފެށިފައި ވަނިކޮށެވެ.