މެޓާއިން އަލަށް އުފެއްދި "ތްރެޑްސް" އެޕްލިކޭޝަނާއި ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މެޓާގެ ސީއީއޯ، މާކް ޒުކަބާގަށް، ޓުވިޓާގެ ލޯޔަރު ކަމަށްވާ އެލެކްސް ސްޕިރޯ ފޮނުވި ސިޓީއެއްގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ސެމަފޯއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެސިޓީގައި ޓްވިޓާގެ ވިސްނުން ހުރީ އެ ކުންފުނީގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހަރުކަށިކޮށް ތަންފީޒު ކުރުމަށާއި، ޓްވިޓާގެ ވިޔަފާރީގެ އެއްވެސް ސިއްރެއް ނުވަތަ އެނޫންވެސް ސިއްރު މައުލޫމާތެއް ބޭނުންކު ރުން ހުއްޓާލުމަށް މެޓާއަށް ގޮވާލާފައިވާއިރު، އެކަން ނުހުއްޓައިފިނަމަ އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

މެޓާއިން ތްރެޑްސް ލޯންޗް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި އެޕްލިކޭޝަން ލޯންޗް ކުރިތާ ހަތަރު ގަޑިއިރު ތެރޭ ފަސް މިލިއަނަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަނާއި ގުޅިފައިވާއިރު، ގިނަ ބަޔަކު މިހާރު ގަބޫލު ކުރާ ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން ޓުވިޓާ ބޭނުން ކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން ދަށަށް ދާނެއެވެ.

އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޓުވިޓާއިން އެފަދަ އިންޒާރެއް ވެސް މެޓައަށް ދީފައިވަނީ އެކަން އެފަރާތްތަކަށް ވެސް ގަބޫލު ކުރެވޭތީއެވެ.