އުމުރުން ފަނަރަ އަހަރުގައި، އޭނާގެ މަންމަ، އޭނާ ރޭޕްކުރުމަށް މީހެއްގެ އަތުން ފައިސާ އަތުލި ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޑެމީ މުއާ ބުނެފި އެވެ. މިހާ ގިނަދުވަސް ވީއިރު މިކަން ހާމަ ނުކުރި ސަބަބެއް ޑެމީ ނުބުނެ އެެވެެ. މި އޭނާގެ ހަޔާތުގައި ހިނގި އެންމެ ހިތްދަތި އެއް ހާދިސާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މަންމަ އޭނާ ވިއްކާލާފައި ވަނީ 500 ޑޮލަރަށް ކަމަށް، މިހާރު 56 އަހަރުގެ ޑެމީ މުއާ ބުނީ އޭނާގެ ހަޔާތުގެ މައްޗައް ލިޔެފައިވާ ފޮތެއްގަ އެވެ. ޑެމީ ބުނެފައިވަނީ މި ހާދިސާ ފޮތެއްގައި ލިޔުނަސް އެވާހަކަ ލިޔަން އޭނާ އަށް ހިތްވަރު ލިބުނީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މަސައްކަރް ކޮށްގެން ކަމަށެވެ. ސަބަބަކަށް އޭނާ ބުނެފައިވަނީ ލިޔަން ގިނަ ދުވަސް ނެގީ އެ ހާދިސާ ލިޔަން އެހާ ހިތައް ފަސޭހަ ނުވާތީއާއި އަދިވެސް މަންމަ އާއި އޭނައާއި އޮންނަގުޅުމަށް ބަދަލެއް ނާންނާތީ އާއި މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް މަންމަ ދެެކެ އަދިވެސް ލޯބިވާތީއެވެ.

މި ފޮތުގައި އޭނާގެ ހަޔާތުގެ ހިތި ތަޖުރިބާތައް ވަރަށް ތަފްސީލުކޮށް ގެނެސްދީފައި ވެއެވެ. ޑެމީ ބުނި ގޮތުގައި އުމުރުން އެންމެ 15 އަހަރުގައި އޭނާގެ އަމިއްލަ މަންމަ އޭނާ ގޮޮވައިގެން ބާތަކަށް ގޮސް ފިރިހެނުންގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރުވި އެވެ. މިއީ އެމަސައްކަތް ފެށުނު ހިސާބުކަމައް އޭނާ ބުންޏެވެ.

އަދި އެއްރެއަކު މީހެއްގެ އަތުން ލާރި ނަގައިގެން ގޭގެ ތަޅުދަނޑި ދީފައި އޭނާ ރޭޕް ކުރުމަށް މަގުފަހިކުރުވި އެވެ. މީގެ އިތުރުން އޭނާގެ މަންމަ އެތައް ފަހަރެއްގެ މަތިން އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ވެސް ޑެމީގެ ފޮތުގައި ލިޔެފައި ވެއެވެ.

ހިތި މާޒީއަކުން ކާމިޔާބީއަށް ވާސިލްވި ގޮތް މި ފޮތުގައި ޑެމީ ކިޔައިދީފައި ވެއެވެ. އަދި އެހުރިހާ ކަމަކުން އޭނާ ސަލާމަތްވި ގޮތްވެސް ކިޔައިދިނެވެ.

ޑެމީ އަކީ އެތަކެއް ހިޓް ފިލްމެއް ކުޅެފައިވާ، ހޮލީވުޑްގެ އެންމެ ކާމިޔާބު އެންމެ އަގު ބޮޑު، އަދި އެހާމެ ރީތި އެއް ތަރި ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާޖަރާ

    ރީތިތަ... ސިއްސައިގެން ގޮއްސަ އިން މީހެއްތީ.. އެއްވެސް ރީއްޗެއް ނޫން... ????