އެމެރިކާގެ ނިއު ހެމްޝީޔާގައި "ނޯބޮޑީ" ނުވަތަ އެއްވަސް މީހަކު ނޫން ނަމަކަށް ކިޔާ މީހަކު މޭޔަރު ކަމަށް ކުރިމަތިލައިފިއެވެ.

ކޮމްޕިއުޓާ ޕްރޮގްރާމަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެ މީހާ އަށް އުފަންވި އިރު ދީފައި ވަނީ އެހެން ނަމެކެވެ. ނަމަވެސް މޭޔަރު ކަމަށް ކުރިމަތިލުމުގެ ކުރިން އޭނާ ވަނީ ނޯބޮޑީ އަށް އޭނާގެ ނަން ބަދަލު ކޮށްފައެވެ.

ދާދި ފަހުން ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ނޯބޮޑީ އަކީ މީގެ ކުރިން މުޒާހަރާތަކުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުވެސް ކޮށްފައިވާ މީހެކެވެ. އަދި އާއްމުންގެ ތަރުހީބުވެސް އޭނާ އަށް އަންނަނީ ލިބެމުންކަން ފާހަގަކޮށްލެވެއެވެ.

ނޯބޮޑީ މީގެ ކުރިން ނަގާފައިވާ ފޮޓޯ އެއް

މޭޔަރު ކަމަށް އޭނާ ކުރިމަތިލާފައި ވަނީ އަމިއްލަ ގޮތުން ކަމުން އޭނާ ހޮވުމުގެ ފުރުސަތު އެހާ ބޮޑެއް ނޫނެވެ. އެއީ އެ ސިޓީގެ މޭޔަރު ކަމަށް ދެން ވާދަ ކުރަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓެއް ކަމުގައި ވާތީއެވެ.

ނަމަވެސް، ނޯބޮޑީ ބުނާގޮތުން އޭނާ މޭޔަރު ކަމަށް ނުހޮވިއްޖެނަމަ ގަވަރުނަރު ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ހުއްޓެވެ.

"މިހާރުވެސް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ. މަގުމަތިން ދިމާވާ މީހުންވެސް ގޮވާ ހަދައި ވޯޓު ދޭނެ ކަމަށްވެސް ބުނަމުން އަންނަނީ" ނޯބޮޑީ ބުނެފައި ވެއެވެ.

އޭނާ ކެމްޕޭނުގައި ބޭނުން ކުރާ ބެނާ ތަކުގައިވެސް "ނޯބޮޑީ" އެހެން ޖަހައިގެން ކެމްޕޭން ކުރާތީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިފައިކަންވެސް ފާހަގަކޮށްލެވެއެވެ.